ލޯބިވުމާ ޙަޤީޤީ ލޯބިވުމަކީ މުޅިން ތަފާތު ދެކަމެއް! ވަރިވުމުން ސަލާމަތްވެވޭނީ ޙަޤީޤީ ލޯބިވާ މީހަކާ ކައިވެނިކުރެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ލޯބިވުމާ ޙަޤީޤީ ލޯބިވުމަކީ މުޅިން ތަފާތު ދެކަމެއް! ވަރިވުމުން ސަލާމަތްވެވޭނީ ޙަޤީޤީ ލޯބިވާ މީހަކާ ކައިވެނިކުރެވިގެން!

ލޯބިވުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. މީހާގެ ބޭރުފުށުގެ ސިފަތަކަށް ބަލައި މީހަކު ދެކެ ލޯބިވާކަމަށް ކަނޑައެޅުމަކީ ކުރަން އެންމެ ފަސޭހަ އެއްކަންތަކެވެ. އެކަން ކުރާކަށް މާބޮޑަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ. 

ނަމަވެސް ޙަޤީޤީ ލޯބިވުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ޙަޤީޤީ ލޯބިވުމަށްޓަކައި އޭނާގެ ހުރިހާ ކަމެއް އެނގެން ޖެހޭނެއެވެ. އޭނާގެ ރީތިކަން އެގުމުގެ އިތުރަށް އޭނާގެ އަޚްލާޤާއި ރަނގަޅު ސިފަތަކާއި ނުބައި ސިފަތައްވެސް އެނގެންޖެހޭނެއެވެ. 

އެހުރިހާ ކަންކަން އެނގުމަށްފަހު އޭނާދެކެ ލޯބިވާކަން ބަޔާންކުރާނީ މުޅިން ތަފާތު ޢިބާރާތަކުންނެވެ. ބުނާނީ ތިބާގެ ހުރި ރަނގަޅު ސިފަތަކާއި އުނިސިފަތައްވެސް އެނގޭކަމަށެވެ. އަދި ތިބާގެ ކިބައިގައި ހުރި އުނި ސިފަތައް އެނގުމާއިއެކުގައިވެސް ތިބާދެކެ ލޯބިވާކަމަށެވެ. އެކުގައި ދިރިއުޅެން ބޭނުންކަމަށެވެ. ތިބާއާއިއެކު ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވާ ކަމަށެވެ. 

އެކުވެރިންނޭވެ! މިފަދައިން މީހަކަށް ބުނެވޭނީ ކުރިން މިބުނި ފަދައިން ތިބާދެކެ އޭނާ ޙަޤީޤީ ލޯބިވާތީއެވެ. އެފަދަ މީހަކު ތިބާއަށް ލޯބިހުށަހަޅައިފިނަމަ އެކަން ޤަބޫލުނުކޮށް ދޫކޮށްނުލާށެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެމީހަކުވާނީ ތިބާއަށް ދެރަ ނިކަމެތިގޮތެއް މެދުވެރިވި ނަމަވެސް ތިބާއާއިއެކު ދެމިހުންނާނެ މީހަކަށެވެ. 

ކައިވެންޏަށްފަހު މައްސލަތައް ކުރިމަތިވާންފަށާ އެންމެ ބޮޑު އެއްސަބަބަކީ ޙަޤީޤީ ލޯބިނުވެވޭތީއެވެ. ފަށަމުން ބުނިފަދައިން ހަމައެކަނި ލޯބިވެގެން ކައިވެނިކުރެވޭތީއެވެ. ވީމާ މީހަކު ދެކެ ލޯބިވިނަމަވެސް ޙަޤީޤީ ލޯބިނުވެ ކައިވެނިނުކުރާށެވެ. އަދި އޭނާވެސް ތިބާދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީން ނުކުރެވޭ މީހަކާއި ކައިވެނިނުކުރާށެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން