ފަތުރުވެރިން ގޭގައި ގެންގުޅޭ މީހުން ލިބިގަންނަންވީ އެންމެ ބޮޑު ނަޞީބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ފަތުރުވެރިން ގޭގައި ގެންގުޅޭ މީހުން ލިބިގަންނަންވީ އެންމެ ބޮޑު ނަޞީބު-

އަހުރެން ފަތުރުވެރިއެއްގެ ގޮތުގައި އިންޑޮނޭސިޔާއަށް ކުރި ދަތުރެކެވެ. އަހުރެން ހުރީ މުސްލިމެއްގެ ގޭގައެވެ. ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އެޢާއިލާގެތެރެއިން އަހުރެންނަށް ފެނުނީ އެހައިތަނަށް އަހުރެން ނުދެކޭ ކަންތައްތަކެކެވެ. 

އަނހެންކުދިން ތިބެނީ ސްކާފް އަޅައިގެންނެވެ. ފިރިހެނުންގެ ކޮންމެވެސް ވަރެއްގެ ތުނބުޅިކޮޅެއް ހުރެއެވެ. އެމީހުން ވަރަށް ޤަވާއިދުކޮށް ނަމާދުކުރެއެވެ. 

އަހުރެން އެގެއިން ކުއްޔަށް ހިފީ ކޮޓަރިއެކެވެ. އަހުރެންނަށް ކާންދިނުމަކީ އެމީހުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކު ހެނދުނު ހޭލައިގެން ނުކުންނަތަނުން ކޮފީދެއެވެ. ނާސްތާ ދެއެވެ. ކޮންމެ ވަޤުތަކު ގެއަށް ވަންނަމަވެސް ހުރީ ކައިގެންތޯ ސުވާލުކުރެއެވެ. ނުކައިހުރިކަމަށް ބުނެފިނަމަ ކާންދެއެވެ. 

އެކަމަކު ބިލެއް ނުހަދައެވެ. ނޯޓެއްވެސް ނުކުރެއެވެ. އަހުރެން ލައްވައި ސޮޔެއްވެސް ނުކުރުވައެވެ. އަހުރެން ހީކުރީ ކޮޓަރީގެ ބިލްދައްކާއިރު ކެއުމަށް އަގުނަގާނެ ކަމަށެވެ. އެއްހަފްތާވުމުން ކޮޓަރީގެ އަގުދައްކަން ދިއުމުން ނެގީ ކޮޓަރީގެ ކުއްޔެވެ. 

ކެއިތަކެތީގެ އަގު ބިލުގައި ނެތުމުން އަގަށްވަނީ ކިހައިވަރެއްތޯ ސުވާލުކުރުމުން ބުނީ އެއްވެސް އަގެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އެއީ ހިލޭ ސާބަހަށް ކަމަށެވެ. ތިމަންމެންނަކީ މުސްލިމުން ކަމަށާއި މެހްމާނުންނަށް ކަމޭ ހިތައި މެހްމާންދާރީ އަދާކުރުމަކީ މުސްލިމުން ކުރަންޖެހޭ ކަމެއް ކަމަކަށްވުމުން ކޮޓަރިކުލި އަދާކުރުން ނޫން އެއްވެސް ފައިސާއެއް ދޭންނުޖެހޭނެ ކަމަށެވެ. 

އަހުރެންނަކީ ދުނިޔޭގެ އެތައް ޤައުމަކަށް ދަތުރުކޮށްފައިވާ މީހަކީމެވެ. މިއީ މުސްލިމް ޢާއިލާއަކާއިއެކު ހުންނަން ލިބުނު ފުރަތަމަ ފުރުޞަތެވެ. އެޢާއިލާގެ ތެރެއިން މިފެނުނު ކަންކަމަކީ އެހައިތަނަށް އަހުރެންނަށް ދުވަހަކުވެސް ކުރެވިފައިވާ ތަޖުރިބާއެއް ނޫނެވެ. 

އެހެންކަމުން އަހުރެން މުސްލިމުންނާއިމެދު ވިސްނަން ފެށީމެވެ. އެހައިތަނަށް ވިސްނިފައި އޮތީ މުސްލިމުންނަކީ ވަރަށް ނުބައި ބައެއް ކަމަށެވެ. ނަމަވެސް މިކުރެވުނު ތަޖުރިބާ މުޅިންތަފާތެވެ. އެހެންވެ މުސްލިމުންގެ ކަންކަން އޮޅުންފިލުވަންފެށީމެވެ. 

މިވާހަކަތައް އެގޭގެ މީހުންނަށް ކިޔައިދިނުމުން އަހުރެންގެ އަތަށް ދިނީ ޖަޕާންބަހުން (އަހުރެންގެ ބަހުން) ލިޔެފައި އޮތް ޤުރްޢާނުގެ ތަރުޖަމާއެކެވެ. އެފޮތް އަހުރެން ކީމެވެ. ކިޔައި ނިމުނުއިރު ވިސްނުން ހުރީ ބަދަލުވެފައެވެ. އެހިސާބުން މިސްކިތްތަކަށް ގޮސް އިމާމުންނާއި ބައްދަލުކުރީމެވެ. ދީނުގެ ކަންކަން އިތުރަށް އޮޅުންފިލުވީމެވެ. 

އަހުރެން އިންޑޮނޭސިޔާގައި ހުރެގެން އިސްލާމްވީމެވެ. މުސްލިމް އަންހެންކުއްޖަކާއި ކައިވެނިވެސް ކުރީމެވެ. އެނބުރި ޤައުމަށް ދިއައީ އަނބިމީހާވެސް ގޮވައިގެންނެވެ. މިއަދު އަހުރެން މަސައްކަތް މިކުރަނީ ވީހާގިނަ ބައަކަށް އިސްލާމްދީނުގައި ހުރި ރަނގަޅު ކަންތައްތައް އަންގައިދިނުމަށެވެ. އެހެން މީހުންވެސް އިސްލާމް ކުރުވޭތޯއެވެ.  

މިއީ އަލަށް އިސްލާމްވި ޒުވާނަކު ކިޔައިދީފައިވާ ވާހަކައެކެވެ. ރާއްޖޭގެ ރަށްރަށުގައިވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން އުޅެމުންދާއިރު އޭނާގެ ޥާހަކައިން ޢިބްަރތް ޙާޞިލްކުރުން ކީއްތޯއެވެ؟

މިއަދު އޮންލައިން