ހިތަށް އެރިހައި ނުބައި ކަމެއް ކުރާ މީހުން ވިސްނައިލންޖެހޭ ޙަދީޘްފުޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހިތަށް އެރިހައި ނުބައި ކަމެއް ކުރާ މީހުން ވިސްނައިލންޖެހޭ ޙަދީޘްފުޅެއް!

ބައެއް މީހުން އެމީހުން ހިތަށް އެރިހައި ނުބައި ކަންކަން ކުރަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ނުބައި ބަސްތައް ބުނުމުގެ ނުބައި ޢަމަލުތައް ކުރަނީވެސް އެއްވެސް ކަމަކަށް ބަލައިލުމެއް ނެތިއެވެ. އަޢުރަ ނިވާނުކޮށް އުޅެނީވެސް ޖެހިލުމެއް ނެތިއެވެ. 

ޙަޤީޤަތުގައި މިފަދަ ކޮންމެ ކަމަކީވެސް ލަދުވެތި ކަންކަމެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރާނީ ބިރުވެތިކަމުގެ އިތުރުން ލަދުވެތިކަންވެސް ނެތުމުންނެވެ. އެފަދަ ކަންކަން އެކުރަނީ އެމީހެއްގެ ކިބައިގައި ލަދުޙަޔާތް ނެތުމުންނެވެ. 

މިފަދަ ކަންކަން ކުރާ މީހުން ވިސްނައިލަންވީ މި ޙަދީޘްފުޅަށެވެ. މިޙަދީޘްފުޅު އެނގުމުން ނުބައިކަންކަން ކުރުމުގައި ހައްދުފަހަނައަޅާފައިވާ މީހުން އަމިއްލައަށް ލަދުވެތިވެ ކުރިން އުޅުނު ގޮތް ދޫކޮށްލައި އިޞްލާޙްވެ ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންނަށް ބަދަލުވެފައިވެސް އެބަހުއްޓެވެ. އެބޭކަލުން ވަނީ ދީނަށް އަގުނުކުރެވޭފަދަ ބޮޑެތި ޚިދުމަތްތައްވެސް ކުރައްވައިފައެވެ. 

އެކުވެރިންނޭވެ! މިޙަދީޘްފުޅަށް ވިސްނައިލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ!  ލަދުވެތިކަން އިސްކުރާށެވެ! އެބޭކަލުން ފަދައިން ހެޔޮލަފާ ތަޤްވާވެރިންނަށް ބަދަލުވާށެވެ!

ކުރީގެ ނަބީބޭކަލުންގެ ބަސްފުޅެއް، ޙަދީޘްފުޅެއް-

އަބޫމަސްޢޫދު ރަޟިޔަ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް  ކުރެއްވިއެވެ. [އިހު އުޅުއްވި ނަބީބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން މީސްތަކުން ހޯދައިގެން ދަސްކުރި ބަސްފުޅުތަކުގެ ތެރޭގައިވެއެވެ. ތިބާ ލަދު ނުގަންނަ ނަމަ ތިބާ ބޭނުން ކޮންމެ ކަމެއް ކުރާށެވެ.]

{ البخاري (ت ٢٥٦)، صحيح البخاري ٦١٢٠ • [صحيح}

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން