ރޭއަޅުކަން ނުކުރާނަމަ އެބުނެވެނީ ކީކޭކަން އެނގޭނަމަ ރޭއަޅުކަން ނުކޮށް ނުހުންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރޭއަޅުކަން ނުކުރާނަމަ އެބުނެވެނީ ކީކޭކަން އެނގޭނަމަ ރޭއަޅުކަން ނުކޮށް ނުހުންނާނެ!: މުފްތީ މެންކް

އެންމެ ގިނަ ބައެއްގެ ސުވާލުތައް އަމާޒުކޮށްފައި ހުންނަނީ އެމީހުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކަށެވެ. އެހެންވެ އެކަމުގައި ބަހެއް ބުނެލާނަމެވެ. ފުރަތަމަ މިކުރަނީ ސުވާލެކެވެ. 

އެސުވާލަކީ މައްސަލަ ކުރިމަތިވުމުން ކިތައްރޭ އެހެން މީހުން ނިދުމުން ތިބާ ހޭލައި ދަމުނަމާދުކޮށް، ޛިކުރުކޮށް އެކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާކޮށްފިން ހެއްޔެވެ؟ އެކަން ނުކުރެވޭނަމަ ތިބާއަށް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ ތިބާގެ ކަންބޮޑުވުން އިތުރަށް ބޮޑުވެ އުފުލަންޖެހޭ ތަކްލީފްތަކާއި ވޭން ބޮޑުވެގެން ދިއުމަކީވެސް ގާތްކަމެކެވެ. 

އެއީ ކީއްވެގެންތޯ ސުވާލުކުރާ މީހުންނަށް ދޭން އޮތް ޖަވާބަކީ އެއީ ތިބާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ. ވީމާ އެކަން އެގޮތަށް މެދުވެރިކުރައްވަވަނީ ތިބާއަކީ ދަމުނަމާދުކުރާ މީހަކަށްވެ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ﷲ ތަޢާލާ އެދިވޮޑިގަންނަވާ މީހަކަށްވާތީކަން ޤަބޫލުކުރާށެވެ. ހިތްދަތިކަމާއި ތަކްލީފްތައް ބޮޑުކުރައްވަވަނީ އެހެންވެގެންކަމަށް ޔަޤީންކުރާށެވެ. 

މީސްތަކުންނޭވެ! ހިތްދަތިކަމުންވެސް އަދި ތަކްލީފްތަކުންވެސް އަރައިގަތުމަށް އޮތް މަގަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. އެކަމަށް އޮތް އެންމެ ފަހި މަގަކީ ރޭއަޅުކަމެވެ. ރޭއަޅުކަންކޮށް ދުޢާނުކުރާނަމަ އެބުނެވެނީ ތިމާ މިހުރީ ހުރިހާ ކަމަކުން ފުދިގެންކަމެވެ.    

ހުރިހާ ކަމަކުން ފުދިގެންހުރި ހަމައެކަކުވެސް ނުހުންނާނެއެވެ. އެކަމަކު ރަނގަޅަށް ބަލައިފިނަމަ ރޭއަޅުކަންކޮށް ދުޢާކުރަނީ ސަތޭކައަކުން އެންމެ މީހަކު ކަމުގައިވުން އޮންނާނީ ދާދި ގާތުގައެވެ. އެކަމަކުވެސް މިބުނަނީ ތިމާއަށް މިވަނީ ހިތްދަތިކަން ލިބިފައި ކަމަށެވެ. ތަކްލީފްތައް އުފުލަންޖެހިފައިކަމަށެވެ. މިއުޅެނީ ކުރިމަތިވެފައިވާ ދަތިޙާލުން އަރައިނުގަނެވިފައިކަމަށެވެ. މިވާހަކަތައް ދެކޮޅު ޖެއްސޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމެއް ނުކުރެވޭނެއެވެ. 

ވީމާ ފުރަތަމަ ކަމަކަށްވެސް ރޭއަޅުކަންކުރާނ މީހަކަށްވާށެވެ. ދަމުނަމާދުކުރުމަށްފަހު ދުޢާކޮށް ޛިކުރުކުރާ މީހަކަށްވާށެވެ. ރޮއި ކަރުނައަޅާ މީހަކަށްވާށެވެ. ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްވެސް ދާނީ ޙައްލުވަމުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން