ﷲ ތަޢާލާ ތިބާއަށް ދެއްވެވި މަތިވެރި ދަރަޖަ އަމިއްލައަށް ނަގައިލާ މީހަކަށްނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ﷲ ތަޢާލާ ތިބާއަށް ދެއްވެވި މަތިވެރި ދަރަޖަ އަމިއްލައަށް ނަގައިލާ މީހަކަށްނުވާށެވެ!

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅަށް ބަލާށެވެ! އިތުރުއެކަލޭގެފާނަށްޓަކައި އެންމެ މަތިވެރި ޤުރްބާނީތައް ވެވަޑައިގެންނެވި އަނބިކަނބަލުން، މިއުންމަތުގެ މައިކަމަނާ، ޚަދީޖަތުގެފާނު އަވަހާރަވެވަޑައިގަތުމުން ކީރިތި ކުރެއްވެވިއެވެ. ދަރިކަލުން އިބްރާހީމްގެފާނު އަވަހާރަވެވަޑައިގެންނެވި ދުވަހުވެސް ކީރިތި ކުރެއްވެވިކަން ޙަދީޘްފުޅުން އެއޮތީ ޘާބިތުވާށެވެ. 

އަދި މިނޫންވެސް މިފަދަ ކިތަންމެ ޙާދިޘާތަކެއް ފާހަގަކުރެވިދާނެއެވެ. ވީމާ ހިތްދަތިކަންލިބޭ ކަންކަން ކުރިމަތިވުމުން މާޔޫސްވާ މީހުން އިތުރަށް ވިސްނާލަން އެބަޖެހެއެވެ. 

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމާއަކީ މުސްލިމަކު ކަމުގައިވެފައި އަޅުކަންކުރާނަމަ އެއްވެސް ތަކްލީފެއް އުފުލަންޖެހިގެން ނުވާނެ ކަމަށެވެ. އަބަދުވެސް ހުންނަންޖެހޭނީ އުފަލުގައި ކަމަށެވެ. އަތްމަތިދަތިވެގެންވެސް ނުވާނެ ކަމަށެވެ. ބަލިވެގެންވެސް ނުވާނެ ކަމަށެވެ. 

ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. އޮންނާނެވެސް ގޮތެއް ނޫނެވެ. އެކަން އެންމެ ބޮޑަށް އެނގިގެންދާނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުންނެވެ. ދީނުގައި އެންމެ ބޮޑަށް ޘާބިތުވެވަޑައިގަތީވެސް އަދި އެންމެ ގިނައިން އަޅުކަން ކުރެއްވެވީވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަމަކު ކުރިން މިބަޔާންކުރި ފަދަ މައްސަލަތައް އެންމެ ގިނައިން ކުރިމަތިވެވަޑައިގަތީވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. 

ހަމައެފަދައިން މިބުނިފަދަ މައްސަލަތައް ކުރިމަތިވާނަމަ އެއީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާތީކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެންމެ ބޮޑަށް ލިބިވަޑައިގަތީ  ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އެހެންކަމާއިއެކުވެސް ހުރިހާ ބާވަތެއްގެ މައްސަލަތަކެއްވެސް އެންމެ ބޮޑަށް ކުރިމަތިވެވަޑައިގަތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. 

ބުނަންހެއްޔެވެ؟ މައްސަލަތައް ގިނައިން ކުރިމަތިވާނަމަ އޮތީ އުފާކުރުމެވެ. އެއީ ތިބާދެކެ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަދި ލޯބިވެވޮޑިގަންނަވާ ކަމުގެ ހެއްކެކެވެ. އެނޫން ގޮތަކަށް ޤަބޫލުކުރެވޭނަމަ އެނަގައިލެވެނީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި މަތިވެރި ދަރަޖައެވެ. ވީމާ ﷲ ތަޢާލާ ތިބާއަށް ދެއްވެވި މަތިވެރި ދަރަޖަ އަމިއްލައަށް ނަގައިލާ މީހަކަށްނުވާށެވެ. ޝުކުރުވެރިވެ އެދަރަޖަ އިތުރަށް އުފުލަން މަސައްކަތްކުރާ މީހަކަށްވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން