ޢިބްރަތްތެރި ވާހަކަ: ކޮންމެ ދޮންމަންމައަކީ ދޮން ނިޔަނދުރަކަށް ނުވާނެކަން އެނގިގެންދާ ޢިބްރަތްތެރި، އަސަރުގަދަ ވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
ޢިބްރަތްތެރި ވާހަކަ: ކޮންމެ ދޮންމަންމައަކީ ދޮން ނިޔަނދުރަކަށް ނުވާނެކަން އެނގިގެންދާ ޢިބްރަތްތެރި، އަސަރުގަދަ ވާހަކައެއް!

ދޮންމަންމަ ނުވަތަ ދޮންބައްޕަ ކިޔައިފިނަމަ އެއީ ނުބައި މީހަކަށްވާނެ ކަމަށް ލޭބަލްކުރެވޭކަމީ ހިތާމަހުރި ކަމެކެވެ. އެހެން އެވަނީ ގިނަބައެއްގެ ކިބައިން އެސިފަ ފެންނާތީކަމަށްވެދާނެއެވެ. އެހެނަސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ބައެއް މައިންނަށްވުރެ ރަނގަޅު، އަދި ބައެއް ބައްޕައިންނަށްވުރެވެސް ރަނގަޅު ދޮންބައްޕައިން އުޅޭކަމެވެ. 

ތިރީގައި އެވަނީ އެފަދަ ރަނގަޅު ދޮންމަންމައެއްގެ ވާހަކައެވެ. 

އަޅުގަނޑުގެ ބައްޕައަކީ އެހައި ތަނަވަސް ނޫން ނަމަވެސް ވިޔަފާރިވެރިއެކެވެ. ލިބޭ އާމްދަނީން ފުދިގެން އުފާވެރި ދިރިއުޅުމެއްއައި މީހެކެވެ. މަންމަ ދެކެ ބައްޕަ ވަރަށް ލޯބިވެއެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އުޅޭގޮތުން ގިނަފަހަރު ހީވާނީ ދެ އެކުވެރިން ވަރަށް ލޯބިން އުޅޭހެންނެވެ. 

މަންމަ ނިޔާވިއިރު އަޅުގަނޑުގެ އުމުރަކީ 14 އަހަރެވެ. ކޮއްކޮގެ ޢުމުރަކީ 12 އަހަރެވެ. މަންމަ ނިޔާވިތާ ކުޑަދުވަސްކޮޅެއްގެތެރޭގައި ބައްޕަ އެހެން އަންހެނަކާއި ކައިވެނިކުރުމުން އަޅުގަނޑުމެން ދެބެއިންނަށް އެކަން ބަލައެއް ނުގަނެވުނެވެ. ޢާއިލާގެ އިސް ބައެއް ދައްތައިން ދައްކާވާހަކަތަކުން ޤަބޫލުކުރެވުނީ ދޮންމަންމަ ބޭނުންވެގެން އުޅެނީ ބައްޕަގެ ތަނަވަސްކަން ކަމަށެވެ. 

އެހެންވެ ދޮންމަންމައާއި ދިމާލަށް ނުބައި ބަސްތައްވެސް ބުނެވުނެވެ. ހިތުގައިވެސް ޖެއްސުނެވެ. ކެއްކުމުން ނުކާން ބޮޑާވެސް ހޭކުނެވެ. އެއީ ރަނގަޅު ގޮތް ނޫންކަން ވިސްނައިދޭން ބައްޕަ ދެއްވި ނަޞޭޙަތްތައްވެސް ޤަބޫލެއް ނުކުރެވުނެވެ. ދިއައީ ހަމަ އެކަންކަން ކުރެވެމުނެވެ. ފާހަގަކުރެވުނު އެއްކަމަކީ އަޅުގަނޑުމެން ދެބެއިން ކޮންމެ އެއްޗެއް ބުނި ނަމަވެސް ދޮންމަންމަ ރައްދު ނުދޭކަމެވެ. އަދި އެވާހަކަ ބައްޕަ ގާތުގައި ދައްކައި ފިތުނަ ނުއުފައްދާކަމެވެ. 

ބައްޕަގެ ކައިވެންޏަށް ހައަކަމަސްވީތަނާ ބައްޕައަށް ސްޓްރޯކެއް ޖެހި ދެން ހިނގައި އުޅެވޭނެކަމުގެ އުންމީދު ކެނޑުނެވެ. ދޮންމަންމައަކީ ވަރަށް ރީތި އަންހެނެކެވެ. އެދުވަސްވަރު ވަރަށް ގިނަ މީހުން ދޮންމަންމައަށް ފޯނުކުރާތީ އަހަރެމެން ދެބެން ވަރަށް ކަންބޮޑުވިއެވެ. ހީކުރެވުނީ ދޮންމަންމަ ޢާއި ގުޅިގެން އަހަރެމެންނަށް ދެރައެއް ދޭން ބައަކު އުޅެނީ ކަމަށެވެ. އެހެންވެ ދޮންމަންމަ ފޯނުން ދައްކާވާހަކަ ދެބެއިން ސިއްރުން އަޑުއަހަން ފެށީމެވެ. 

އެމީހުން ގުޅަނީ ބައްޕައަށް ދެން ނުހިނގޭނެތީ އެކަން ބަހަނާއަކަށް ދައްކައިގެން ދޮންމަންމަ ވަރިކުރުވައިގެން ކައިވެނިކުރަން ބޭނުންވެގެންނެވެ. ނަމަވެސް ދޮންމަންމަ ދޭ ޖަވާބަކީ ބައްޕައަށް ދުވަހަކު ނުހިނގުނު ނަމަވެސް ބައްޕަ ދޫކޮށްލާފައި ނުދާނެ ކަމަށެވެ. ކިތަންމެ ފަޤީރު ޙާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް ދިރިއުޅޭނީ ބައްޕައާއިއެކުގައިކަމަށެވެ. ވަރަށް ތަނަވަސް މީހުންނަށްވެސް ދޮންމަންމަ އެ ޖަވާބުދިންކަން އެނގުނެވެ. 

ހަމަ އެއާއިއެކު ދޮންމަންމަ ކޮންމެ ރެއަކު ފިހާރައަށް ދަނީ އަހަރެމެން ދެބެއިންވެސް ގޮވައިގެންނެވެ. ލިބޭ އެއްޗަކާއި ކުރެވޭ ޚަރަދުގެ ހިސާބުތައް ބަލަނީ އަހަރެމެންގެ ކުރިމަތީގައެވެ. ފައިސާ އެކައުންޓަށް ޖަމާކުރެވޭކަން އަހަރެމެން ދެބެއިންނަށްވެސް އަންގައިދެއެވެ. 

ކަންކަން ނިމިގެން ދިއައީވެސް ހީވެސް ނުކުރެވޭފަދަ ގޮތަކަށެވެ. ދެން އެކަނި ހިނގޭނެކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލާފައި އޮތް ނަމަވެސް 2 މަހެއްހައި ދުވަހުގެ ތެރޭގައި ބައްޕައަށް ހިނގާ އުޅެވެން ފަށައިފިއެވެ. އެކަން އެގޮތަށް ވެގެންދިއައީ މާތް ﷲ ގެ ވާގިފުޅާއިއެކު ދޮންމަންމަ ކުރި ބުރަ މަސައްކަތުންކަން އަހަރެމެންނަސް އެނގެއެވެ. ބައްޕަގެ ނުރުހުމުގައިވެސް ތަންމަތިން ނަގައިގެން ކަސްރަތުކުރުވައި ކަންކަންކުރީ އަހަރެމެންގެ ލޯމަތީގައެވެ. 

ބައްޕަ ގަދަވެ ހިނގައި އުޅެވި ޢާންމު ޙާލަތަށް ދިއުމުން އަހަރެމެން ސިއްރުން އަޑުއެހި ފޯނުކޯލްތަކުގެ ވާހަކައާއި ދޮންމަންމަ ކަންކަން ކުރިގޮތުގެ ވާހަކަ ދޮންމަންމަގެ ކުރިމަތީގައި ބައްޕައަށް ކިޔައިދިނީމެވެ. އަދި ކުރިން ބުނެވުނު އިހާނެތި ބަސްތަކަށާއި ކުރެވުނު ނުރަނގަޅު ކަންތައްތަކަށް މާފަށްވެސް އެދުނީމެވެ. އަދި ކޭކެއް ފަޅައި ދޮން މަންމަގެ ނަން "ދެވަނަ މަންމަ"އަށް ބަދަލުކުރީމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ކަންދިމާވިގޮތުން އަޅުގަނޑަށްވެސް ވާންޖެހުނީ ދޮންމަންމައަކަށެވެ. ފިރިމީހާގެ ދަރިއަކު ހުރުމުންނެވެ. އަޅުގަނޑަށް ބަލަންޖެހުނު ދަރިފުޅުގެ ޢުމުރަކީ 2 އަހަރެވެ. ވީމާ އަޅުގަނޑާއި ދިމާއަށް ނުބައި ބަސްތަކެއް ނުބުނެވޭނެތާއެވެ! ނަމަވެސް އަޅުގަނޑު މަސައްކަތްމިކުރަނީ އެދަރިފުލު ބޮޑުވެގެން އަޅުގަނޑާއިމެދު ބުރަބަހެއް ނުބުނާނެ ގޮތަށް ކަންކަން ކުރެވޭތޯއެވެ. 

ބުނެލަން ބޭނުންވަނީ އެނެމެންނަކީ ދޮންމަންމައިންނެއް ނޫނެވެ! ދެވަނަމައިންވެސް ތިބޭކަން ހަނދާންކުރުން ރަނގަޅުވާނެއެވެ!

 

- ޢާއިޝަތު އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން