ތައުފީޤު ލިބިގެންވާ މީހަކީ މީސްތަކުން އޭނާއަށް މަދަޙަ ކިޔަސް އެކަމުން އަޘަރު ނުކުރާ މީހާއެވެ.
ފަހެ އޭނާ ހެޔޮކަމެއް ކުރުމުން މީސްތަކުން އެކަމާ ޘަނާ ކިޔައިފިނަމަ، އޭނާގެ ތަވާޟުޢުވެރިކަމާއި ބިރުވެތިކަން މެނުވީ އިތުރުވެގެން ނުދާނެއެވެ.
އަދި އެފަދަ މީހަކު ޔަޤީންކުރާނީ މީސްތަކުން އެ ކިޔާ މަދަޙަ ޘަނާއަކީ އޭނާއަށްވާ އިމްތިޙާނެއްގެ ގޮތުގައެވެ.
އަދި އޭނާ އެ އިމްތިޙާނުން ސަލާމަތް ކޮށްދެއްވުން އެދި އޭނާގެ ރައްބުގެ ޙަޟްރުގައި ދަންނަވާނެއެވެ.
ފަހެ ﷲ ތަޢާލާ ފިޔަވާ އެހެން އެއްވެސް ފަރާތެއްގެ މަދަޙައިގެ ބަހަކުން އޭނާއަކަށް ފައިދާއެއް ނުވާނެއެވެ.
އަދި އެއިލާހުގެ ޙަޟްރަތުންވާ ނިކަމެތިކޮށްލުމުގެ ބަހަކުން ފިޔަވާ އޭނާއަށް ގެއްލުމެއްވެސް ނުވާނެއެވެ.
އަދި އެފަދަ މީހަކު ދެކޭނީ މީސްތަކުންގެ އެފަދަ ބަސްތަކުގެ މިސާލަކީ ކައްވަޅުގައިވާ ބައެއްގެ ބަސްތަކެއް ކަމުގައެވެ.
އޭގެން ކުރާނޭ ފައިދާއެއް ނުވަތަ ވާނޭ ގެއްލުމެއް ނެތެވެ.
އިބްނުލް ޖައުޒީ رحمه الله ވިދާޅުވިއެވެ.
"މަތީ ދަރަޖަތައް ހޯދި ބޭކަލުން އެކަމަށް ވާޞިލުވީ، މީސްތަކުންނަށް ބެލުން ދޫކޮށްލައި އަދި ހިތްތަކުން މީސްތަކުންނަށް ދެވިފައިވާ ޖާހު ފޮހެލައިގެންނެވެ. އަދި ހެޔޮ ޢަމަލުކޮށް، އެކަމުގައި ނިޔަތް ރަނގަޅުކޮށް އަދި އަމިއްލަ ނަފްސުގެ ޙާލަތު ވަންހަނާކޮށްގެންނެވެ."
"صيد الخاطر (ص: 264) "
[خطوات إلى السعادة لد. عبدالمحسن القاسم (ص: 28 - 29)]
- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ބަސްފުޅަކުން