ދިރިއުޅުމުގައި މާޔޫސްވެ، ހުރިހާ ކަމަކަށް ކަންނެތްވެފައި ހުރި އަންހެނަކު ފަތިސްނަމާދުކުރަން ފެށުމުން ޙަޔާތަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދިރިއުޅުމުގައި މާޔޫސްވެ، ހުރިހާ ކަމަކަށް ކަންނެތްވެފައި ހުރި އަންހެނަކު ފަތިސްނަމާދުކުރަން ފެށުމުން ޙަޔާތަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

މީގެ 2 އަހަރެއްހައި ދުވަސް ކުރިއަށް ބަލައިފިނަމަ އަހުރެން ފާހަގަކުރެވޭނީ އެންމެ ކަންނެތް އަދި ދިރިއުޅުމަށް ސަމާލުކަންނުދޭ މީހުންގެ ތެރެއިންނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނަމަވެސް ޤަވާއިދުން ނަމާދުވެސް ނުކުރެވެއެވެ. އެގޮތަށް އުޅެނިކޮށް ބަލިވާން ފެށިއެވެ. ބަލިވާންފެށުމުން ޞިއްޙަތަށްވެސް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. 

އެފަދަ ގޮތަކަށް އުޅެމުންދަނިކޮށް ގާތް އެކުވެރިއަކު އަހުރެންނަށް ސަމާލުކަން ދިނެވެ. އޭނާ ފުރަތަމަ ހުށަހެޅީ އޭނާ އާއިއެކު ފަތިހު ކަސްރަތަށް ހިނގާލަން ދިއުމަށެވެ. އެއީ އަހުރެން ވަރަށް ކުރާހިތްވާ ކަމެކެވެ. އޭނާ ބުނީ ފަތިހު ހިނގާލަން ދިއުމުގެ ކުރިން ފަތިސްނަމާދުކުރަންޖެހޭނެ ކަމަށެވެ. އެހެން ނޫނީ ހިނގާލުމުން ލިބޭ ހިތްހަމަޖެހުން ނުލިބޭނެ ކަމަށެވެ.  

ފަތިހު އޭނާ ފޯނުކުރެއެވެ. ފުރަތަމަވެސް ސުވާލުކުރަނީ ފަތިސްނަމާދުކޮށްފިންތޯއެވެ؟ ފަތިސްނަމާދުކޮށްގެން އޭނާއަށް ގުޅުމަށެވެ. އެހެންވެ ފަތިސްނަމާދުކުރަން ފެށުނެވެ. އޭނާ ބުނީ ތެދެކެވެ. ފަތިސްނަމާދުކޮށްގެން ހިނގާލުމުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ.  

ކުރިން އަހުރެންނަކީ ފައިދާހުރި ކާތަކެއްޗަށް ސަމާލުކަންދޭ މީހެއް ނޫނެވެ. ނަމަވެސް ހިނގާލުމުން ލިބޭ ވަރުބަލިކަން ފިލުވައިލަން ރަނގަޅު ކާތަކެތި ކާން ފެށުނެވެ. ހަމައެއާއިއެކު ފަތިސްނަމާދަށް ހޭލަން ފެށުމުން ނިދުމުގެ ކަންކަން ބަދަލުވެގެން ދިއައެވެ. އަވަހަށް ނިދަން ފެށުނެވެ.  

މިއަދު އަހުރެންނަކީ ހީވާގިކަމާއިއެކު މަސައްކަތްކުރާ އަންހެނަކީމެވެ. ހުރިހާ ކަންކަމަށް ފަރުވާ ބަހައްޓާ އަންހެނަކީމެވެ. ފަރުޟު ނަމާދުތައް ޤަވާޢިދުން ކުރުމުގެ އިތުރުން ތަންކޮޅެއް ކުރިއަށް ހޭލައި ރޭއަޅުކަންވެސް ކުރަމެވެ.  

އަހުރެންގެ ޙަޔާތަށް ގެނެވުނު މިބޮޑު ފައިދާހުރި ބަދަލުގެ ވާހަކަ މިކިޔައިދިން އެއްސަބަބަކީ އެކުވެރިޔާއަށް ޙައްޤު ޝުކުރު އަދާކުރުމެވެ. ދެވަނަ ސަބަބަކީ ފަތިސްނަމާދުކުރަން ފެށުމުން ދިރިއުޅުމަށް ލިބުނު ފައިދާ ބަޔާންކުރުމެވެ. އަޅުގަނޑުގެ ވާހަކަކޮޅު ކިޔާ މީހުން ތަޖުރިބާކޮށްލަންވެސް ފަތިސްނަމާދުކުރަން ފަށައިބަލާށެވެ. ހުރިހާ ކަމެއްވެސް ބަދަލުވެގެންދާނެއެވެ. އިން ޝާ ﷲ

އުންމީދުކުރަނީ މިއަދުނޫހުގެ ހުރިހާ ކިޔުންތެރިންވެސް ޢިބްރަތްޙާޞިލްކޮށް ތަޖުރިބާކުރާނެ ކަމަށެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން