އަޅުގަނޑުމެންގެ ތިބެނީ 5 ބެއިންނެވެ. އެއްބަނޑު އެއްބަފާ 5 ކުދިންނެވެ. ބައްޕަ ނިޔާވުމުން ދަރިން ބަލައި ބޮޑުކުރީ މަންމައެވެ. މަންމް މުސްކުޅިވީ ދުވަހު މަންމަ އާއި އަޅައިލާނެ ދަރިއަކު ނުވިއެވެ. އެންމެ ފަޤީރީ އަޅުގަނޑު ނަމަވެސް އަޅުގަނޑު މަންމަ ބަލާތާ 3 އަހަރުފަހުން މަންމައަށް ޢުމުރުން ދުވަސްވީ މީހުންގެ ޕެންޝަން ވަނީ ލިބެން ފަށައިފައެވެ.
މަންމައަށް ލިބޭ ފައިސާއިން އަޅުގަނޑު ބޭނުމެއް ނުކުރަމެވެ. މަސައްކަތްމިކުރަނީ މަންމަ ޙައްޖަސް ފޮނުވޭތޯއެވެ. އެކަމަކު މިހާރު ހުރިހާ ދަރިންނަށް މަންމަ ފެނިގެން އުޅެނީ މަންމަ ގެންދަންވެގެންނެވެ. ކޮންމެ ދަރިއަކުވެސް ބޭނުންވަނީ މަންމަގެ ކޭޝް ކާޑެވެ. ކޭޝްކާޑު އެއްވެސް ކުއްޖަކަށް ނުދޭށޭ މަންމަ ގާތުގައި އަޅުގަނޑު ބުނީތީ އަޅުގަނޑަށް އެއްޗެތިގޮވައެވެ.
މިޙާލަތުގަ ކަންތައް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެހެންކުދިން ކިޔާ އެއްޗެއްސަށް ނުބަލައި ވީހާއަވަހަކަށް މަންމަ ޙައްޖަށް ފޮނުވޭތޯ ބަލާށެވެ. އެމީހުން ކިތަންމެ ގިނައިން އެއްޗެތިކީނަމަވެސް ލިބޭނެ ދެރައެއް ނެތެވެ. ވާނީ ފައިދާއެވެ. ވީމާ އެކަމަށް ނުވެސް ވިސްނާށެވެ.
ދެން ބުނެލަން ބޭނުމީ މަންމައަށް ޚިދުމަތްކުރުމަކީ ސުވަރުގެ ދިއުން އެންމެ ފަސޭހަ އެއްމަގެވެ. މަންމައަށް ވީހާ ބޮޑަކަށް ހެޔޮކޮށް ހިތާށެވެ.
ތިރީގައިވާ ވާހަކައަކީވެސް ހަަމ ތިއަ ފަދަ ދަރިންތަކެއްގެ ވާހަކައެކެވެ.
މިކިޔައިދެނީ މީގެ އަހަރުތަކެއް ކުރީގައި ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. މިވާހަކަ އަޅުގަނޑަށް ކިޔައިދިނީ އަޅުގަނޑުގެ ބައްޕައެވެ.
އެދެމަފިރިންގެ 8 ދަރިން ތިބެއެވެ. އެއިގެ ތެރޭގައި 5 ފިރިހެންދަރިން ތިބެއެވެ. 5 ދަރިންނަކީވެސް ކެޔޮޅުންނެވެ. ދިރިއުޅެނީ ތަނަވަސްކަމާއިއެކުގައެވެ. ނަަމވެސް އެއްވެސް ދަރިއަކު މައިންބަފައިންނާއި އަޅައިވެސް ނުލައެވެ.
ނަތީޖާއެއްގެ ގޮތުން ޢުމުރުން 70 އަހަރުވީއިރުވެސް ޖެހެނީ ކިރިޔާވެސް ގަދަވެ ހުރި ދުވަހެއް ނަމަ މަހަށްދާށެވެ. އޭނާއަށް އެއިރު ދޯނީގައި މަސައްކަތް ނުކުރެވުނު ނަމަވެސް މީހުން އޭނާ މަހަށް ގެންދެއެވެ. އެއީ އިޙްތިރާމްކުރުމުގެ ގޮތުންނެވެ.
ކޮންމެއަކަސް އޭނާއަށް މަހަށް ދެވުނު ދުވަހަކު އެދޯނީގެ މީހުންނަށް މާވަހަރެއް ފެނުނެވެ. ވިއްކާލައިގެން ކޮންމެ ފަޅުވެރިއަކަށްވެސް ގިނަ ޢަދަދެއްގެ ފައިސާ ލިބުނެވެ. މާވަހަރު ހަމަހޮވުމާއިއެކު ހުރިހާ ދަރިންނަށް ހަމަ ކުއްލިއަކަށް މައިންބަފައިން ފެނިއްޖެއެވެ. އެއް ދަރިއަކަށްވުރެ އަނެއް ދަރިއަކު ހެޔޮވާން ވާދަކުރަން ފަށައިފިއެވެ.
އަޅުގަނޑުގެ ސުވާލަކީ މިއީ މީގެ އެތައް އަހަރެއްކުރިން، ތައުލީމުން މަޙްރޫމްވެފައި ތިބެންޖެހުނު ދުވަސްވަރު ހިނގާފައިވާ ކަމެއް ނަމަވެސް މިއަދު އެންމެންނަށް ތަޢްލީމް ލިބި މައިން ބަފައިންނަށް ލޯބިދިނުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއްކަން އެނގޭއިރު އަޅުގަނޑުމެންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އަތުވެއްޖެތޯއެވެ؟ ތަނަވަސްކަން ނެތްނަމަ މައިންބަފައިންނަށް އަޅައިލެވެނީ ކިތައް ދަރިންނަށްތޯއެވެ؟ ޕެންޝަން ކާޑާއި ހިފާއޮޅުނުލައި މައިންބަފައިންނަށް އެބަ އެހީތެރިވެވޭތޯއެވެ؟ ނުވިތަނަކަށް ޕެންޝަން ކާޑުން ލިބޭ ފައިސާކޮޅު މައިންބަފައިންނަށް އެބަ ޚަރަދުކުރެވޭތޯއެވެ؟
މިފަދަ ކަންކަން ލޮލަށް ފެންނަލެއް ގިނަކަމުން ހަމަ ހާމަކޮށްލެވުނީއެވެ. ވިސްނަވައިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
- އީނާޝް / މިއަދުނޫހުގެ ކިޔުންތެރިއެއް