ނަމާދުގަ ޙަރަކާތްތައް ކިޔަމަންތެރިކުރުވައި އަދަބުވެރިކުރުވާފަދައިން ހިތް ކިޔަމަންތެރިކުރުވައި އަދަބުވެރިކުރުވަންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނަމާދުގަ ޙަރަކާތްތައް ކިޔަމަންތެރިކުރުވައި އަދަބުވެރިކުރުވާފަދައިން ހިތް ކިޔަމަންތެރިކުރުވައި އަދަބުވެރިކުރުވަންޖެހޭ ސަބަބު-

ކޮންމެ މީހަކުވެސް ނަމާދުކުރާނީ ވަރަށް އަދަބުވެރިކަމާއިއެކުގައެވެ. ޢަމަލުތަކާއި ޙަރަކާތްތައް ކިޔަމަންތެރިކުރުވައިގެންނެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. ކުރާނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ކުރެވޭ ނަމާދަކަށް ހަދަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. 

އެގޮތުން ކުރަން އޮތް ފުރަތަމަ ކަމަކީ ޙަރަކާތްތައް ކިޔަމަންތެރިކުރުވައި އަދަބުވެރިކުރުވާ  ފަދައިން ހިތްވެސް ކިޔަމަންތެރިކުރުވައި އަދަބުވެރިކުރުވުމެވެ. ނަމާދު ނަމާދަކަށްވާނީ އެއިރުންނެވެ. ޢަމަލުތަކާއި ހިތް އެކުގައި އެއްގޮތަކަށް މަސައްކަތްކޮށްގެންނެވެ. 

މިޘާލަކަށް ޤިޔާމުގައި ހުންނަނީ ވަރަށް ކިޔަމަންތެރިކަމާއިއެކުގައެވެ. މަޑުމައިތިރިކަމާއިއެކުގައެވެ. ބަލަނީވެސް ސަޖިދަވަލަށެވެ. ނަމަވެސް ހިތުގައި ނަމާދެއް ނެތެވެ. ވިސްނެނީ ނަމާދުން ބޭރު ކަންކަމާއިމެދުގައެވެ. އެހެންކަމަށްވާނަމަ އެއޮތީ ވަރަށް ބޮޑު މައްސަލައެއް ޖެހިފައެވެ. ޢަމަލުތައް ނަމާދުގައި ހުރިނަމަވެސް ހިތް އެވަނީ ނަމާދުން ބޭރުގައެވެ. 

އެޙާލަތުގައި ކުރާ ނަމާދު ޤަބޫލުފުޅުކުރައްވަވާނެ ކަމަށް ބުނެވޭކަށް ނެތެވެ. ޙަރަކާތަކީ ބޭރުފުށުގެ ކަމެކެވެ. ނަމާދަކީ ރޫޙާނީ ކަމެކެވެ. އެކަންކުރެވޭނީ ހިތުންނެވެ. ހިތުގައި ނަމާދުނެތި ކުރާ ނަމާދަކީ ނަމާށދުކަމުގައި ވާނެކަމަށް ބުނެވެން ނެތީ އެސަބަބަށްޓަކައެވެ. ވީމާ ކޮންމެ މީހަކުވެސް ނަމާދުކުރާއިރު މިކަންކަމަށް ވިސްނާށެވެ. 

ނަމާދަށް ދަނީ ފެންވަރައި ތީތިވެގެންނެވެ. ހުވަނދުވެސް ލައިގެންނެވެ. މިހުރީ ހައްތާވެސް ބޭރުފުށުގެ ކަންކަމެވެ. މަސައްކަތްކުރަންވީ ބޭރުފުށުގެ ކަންކަމަށްވުރެ ރޫޙާނީ ބައި ރަނގަޅުކުރުމަށެވެ. އެކަން ކުރެވޭނީ ހިތުން ނަމާދުކޮށްގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން