ސުވަރުގޭގެ ދޮރުކޮޅަކުން އެތެރެވެވި އެންމެ ދަށުދަރަޖައިން ޖާގަ ލިބޭ މީހާއަށް ދެއްވަވާ ތަނަވަސްކަން އެނގޭނަމަވެސް ދުނިޔެއަށް ދަހިވެތިވެގެން ނޫޅޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސުވަރުގޭގެ ދޮރުކޮޅަކުން އެތެރެވެވި އެންމެ ދަށުދަރަޖައިން ޖާގަ ލިބޭ މީހާއަށް ދެއްވަވާ ތަނަވަސްކަން އެނގޭނަމަވެސް ދުނިޔެއަށް ދަހިވެތިވެގެން ނޫޅޭނެ!: މުފްތީ މެންކް

އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ސުވަރުގެ ވަދެވުން ކަމަށް ބުނަމުން އެކަމަށް މަސައްކަތް ނުކުރެވޭނަމަ ސުވަރުގެ ވައްދަވާނެ ހެއްޔެވެ؟ ސުވަރުގެ ވައްދަވާނީ އެކަމަށް އެދިގެން މަސައްކަތްކުރާ އަޅުންނެވެ. އެކަންކަން މުސްލިމަކަށްވެސް ޔަޤީންކުރެވޭނެއެވެ. ޔަޤީންވި ނަމަވެސް ސުވަރުގެ ވަންނަން މަސައްކަތްކުރުމުގަ ކަންނެތްވެވޭ މީހުން އަޑުއަހާށެވެ!  

ދުނިޔޭގައި މީސްތަކުން ލައްވަވާފައިވަނީ އެންމެ އަރާމުގައި، އެންމެ ފުދުންތެރި ގޮތުގައި ދިރިއުޅުމަކަށް ނޫނެވެ. ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. ދުނިޔޭގެ ހުރިހާ ބިލިއަނަރުންގެ މުއްސަނދިކަން އެއްކޮޅައިގެން އެކަކު ދުނިޔޭގައި ދިރިއުޅެން އުޅުނު ނަމަވެސް ސުވަރުގޭގެ އެންމެ ދަށުދަރަޖައިގެ މީހާއަށް ދެއްވަވާނެ ތަނަވަސްކަންވެސް ނުލިބޭނެއެވެ.  

އެހެނީ ސުވަރުގޭގެ އެންމެ ދަށުދަރަކައިން ޖާގަ ލިބޭ މީހާއަށްވެސް މުޅި ދުނިޔޭގެ މުއްސަނދިކަމަށްވުރެ 10 ގުނަ އިތުރަށް ތަނަވަސްކަން ދެއްވަވާނެތެވެ! ވީއިރު ދުނިޔެއިން ކުޑަކޫޑަމިންވަރެއް ލިބިގަތުމުގެ ބޭނުމުގައި އާޚިރަތް ނަގައިލުމަކީ އެމީހަކަށް ލިބިގަނެވޭނެ އެންމެ ބޮޑު އަނިޔާ ނޫން ހެއްޔެވެ؟  

މިހާރަކަށް އައިސް އެންމެ ގިނަ ބައަކު ބަލަނީ ސޯޝަލް މީޑިއާއެވެ. ސޯޝަލް މީޑިއާއަށް ބަލައިފިނަމަ އަބަދުވެސް ފެންނާނީ ފުދުންތެރިންގެ ދިރިއުޅުމެވެ. އެމީހުންގެ އަގުބޮޑު ދިރިއުޅުމާއި ޗުއްޓީ ހޭދަކުރަން ގޮސް އުޅޭ ދުނިޔޭގެ އެންމެ އަގުބޮޑު ތަންތަނެވެ. އެންމެ އަގުބޮޑު ކެއުމާއި ފޭރާމެވެ.  

ނަތީޖާއަކަށްވެގެންދަނީ އެކަންކަމަށް މީސްތަކުން ދަހިވެތިވުމެވެ. އެގޮތަށް ދިރިއުޅެން ބޭނުންވުމެވެ. އެފެންވަރުގައި ހެދުންލައި ކައިބޮއި ހަދަން ބޭނުންވުމެވެ. ނަތީޖާއަކަށްވަނީ ނުލިބޭ ފައިސާ ކޮންމެވެސް ގޮތަކުން ހޯދަން ޙަރާމް ކަންކަން ކުރެވެން ފެށުމެވެ.  

މީސްތަކުންނޭވެ! މި ވިސްނުން މުޅިން ދޫކޮށްލާށެވެ! ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާ މީހަކަށްވާށެވެ! ސޯޝަލް މީޑިއާ އިން ފެންނަ އެބާވަތުގެ އަގުބޮޑު ކަންކަމަށް ދަހިވެތިނުވާށެވެ! ދުނިޔޭގައި ތިބެން މިލިބެނީ ކުޑަކުޑަ ހިނދުކޮޅެކެވެ. ދާއިމަށް ދެމިތިބުންވަނީ އާޚިރަތުގައެވެ. ވީމާ އާޚިރަތް ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން