މިސްތަކުންނޭވެ! އަހުރެމެންގެ ތެރެއިން ގިނަ މީހުންނަކީ ޒިނޭކުރުމާއި މަސްތުވުމާއި އަދި އެނޫންވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ބޮޑެތި ފާފަތަކަށް އެތައް ފަހަރަކު އަރައިގަނެވިފައިވާ ބައެކެވެ.
އެ ޢަމަލުތައް ވަނީ ތިބާގެ ފަތުގައި ކަޅުކަން ގަދަ ދެލިން ލިޔުއްވެވިފައެވެ. ޤިޔާމަތް ދުވަހު ތިބާގެ ފަތް ހުޅުއްވަވައިލައްވަވައި ތިބާއަށް ދައްކަވާ ވަޤުތު ، ކަޅުކަން ގަދަ ދެލިން މަލާއިކަތުން ލިޔުއްވެވި އެޢަމަލުތަކަކީ ތިބާއަށްޓަކައި ވިދަވިދާ ހުންނަ ޢަމަލުތަކަކަށް ބަދަލުކޮށްލުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.
އެކަމަށްޓަކައި ކުރަން އޮތް ކަމަކީ ތައުބާވުމަށް އަވަސްވެގަތުމެވެ. ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. ހެޔޮ ޢަމަލުތައްކުރާ މީހަކަށް ބަދަލުވުމެވެ. އެއީ އެކަން ކުރަން ބޭނުން އެއްވެސް މީހަކަށް ނުކުރެވޭނެ ވަރުގެ ބޮޑުކަމެއް ނޫނެވެ.
ނަރަކައަށް ވަންނަން ޖެހޭނީ ތައުބާ ނުވިނަމައެވެ. ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަނުވިނަމައެވެ. ވީމާ އަހުރެމެންނަށް އޮތީ ތައުބާވެ ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. އެކަންކޮށްފިނަމަ ކިތަންމެ ގިނަ ފާފަތަކެއް ކުރިން ކުރެވިފައި އޮތް ނަމަވެސް އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް އިބްރާހީމް މެންކުގެ ދަރުސަކުން