މަރުވިޔަސް ތިބާގެ ހެޔޮކަމުގެ ފަތް ބަންދުވިޔަނުދޭން މިމަގުން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މަރުވިޔަސް ތިބާގެ ހެޔޮކަމުގެ ފަތް ބަންދުވިޔަނުދޭން މިމަގުން މަސައްކަތްކުރާށެވެ!

ކޮންމެ މުސްލިމަކީވެސް ވީހާ ގިނައިން އަޅުކަންކުރަން ބޭނުންވާނެ މީހެކެވެ. ނަމަވެސް ކަންކަން ދިމާވާގޮތުން ގިނަބައަކަށް ނުކުރެވިދަނީއެވެ. ޢުމުރުގައި ތަން އެބައޮތްކަމަށް ބަލައި ފަރުވާކުޑަކުރެވެނީއެވެ. އެފަދަ ގޮތަކަށް އުޅެމުން ދަނިކޮށް މަރު އައިސް ބައްދަލުކުރަނީއެވެ. 

މީސްތަކުންނޭވެ! ކޮންމެ މީހަކުވެސް މަރުވާނީ ދުނިޔެއިން އެމީހަކު ޙާޞިލްކުރަން ބޭނުންވި ގިނަ ކަންތައްތަކެއް ޙާޞިލުނުކުރެވިގެން އުޅެނިކޮށެވެ. ޚާއްޞަކޮށް އަޅުކަންކުރަން ބޭނުންވި ވަރަށް ނުކުރެވިގެން އުޅެނިކޮށެވެ. 

މަރުގެ މަލާއިކަތާ ފެނުމުން އެކަން އިޙްޞާޞްކުރެވޭނެއެވެ. އެހެން ހުރިހާ ކަމެއް ކުރުން ހުއްޓާލާފައި ހަމައެކަނި އަޅުކަން ކުރަން ބޭނުންވާނެއެވެ. އަދި ކީއްހެއްޔެވެ؟ މާދަމާ ތިބާ މަރުވާނެކަން އެނގިއްޖެނަމަ އެވަޤުތުން ފެށިގެން ތިބާ ދުނިޔަވީ އެއްވެސް ކަމެއް ނުކުރާނެއެވެ. މަސައްކަތްކުރާނީ ވީހާ ގިނައިން އަޅުކަން ކުރުމަށެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް ދެއްވަވާނެ ފުރުޞަތެއް ނޫނެވެ. މަރުވާނެ ވަޤުތެއް ނުއެނގޭނެއެވެ. 

ވީމާ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ! މަރުވުމުގެ ވަޤުތައް ތައްޔާރުވާށެވެ. މަރުވުމަށްފަހުގައިވެސް ތިމާއަށް ޘަވާބު އިތުރުވަމުންދާނެ ކަންކަން ކުރުން މަތީގައި ދެމިހުންނާށެވެ. 

އަތުގައި ތަނަވަސްކަން ނެތްނަމަ މިސްކިތް، މަދުރަސާ އެޅުން ފަދަ ކަންކަން ނުކުރެވިދާނެއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތް ނަމަވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ އިސްލާމްދީންމަތީގައި ދަރިން ތަރުބިއްޔަތުކުރުމެވެ. ހެޔޮ ޢަމަލުތައް ކުރަން ދަސްކޮށްދިނުމެވެ. ޛިކުރުތައް ދަސްކޮށްދިނުމެވެ. 

ހަމައެކަނި ދަރިންނަކަށް ނޫނެވެ. ވީހާގިނަ ބައަކަށެވެ. އެހެން މީހުންގެ ދަރިންނަށްވެސް ދަސްކޮށްދޭށެވެ. ތަނަވަސްކަން ހުރިނަމަ އެހެން މީހުންގެ ދަރިންވެސް ޢިލްމުއެނގެނެން ފުރުޞަތު ފަހިކޮށްދޭށެވެ. އިން ޝާ ﷲ އެއިރުން ތިބާ ކައްވަޅުގައި އޮންނައިރުވެސް ތިބާއަށް ދާނީ ޘަވާބު އިތުރުވަމުންނެވެ. ސުވަރުގެ ތިބާއަށް ދެއްވަވާނެ ދަރަޖަ މަތިވެރިވަމުންނެވެ.

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން