ކުރުމުއްދަތަކަށް އުފާ ހޯދުމުގެ ބޭނުމުގައި މީހުންދެކެ ލޯބިވެގެން އުޅުމަކީ އިންސާނުން އަޅުވެތިކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޚާއްޞަކޮށް އެކަން އަނެކާއަށް ސިއްރުކޮށް އޮޅުވައިލާފައި އޮތް ނަމަ އެއީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެކެވެ.
އިންސާނުންގެ ބޭނުން ހިފަންޖެހޭނީ އިންޞާފުންނެވެ. ޙައްޤު ގޮތުގައެވެ. ވީމާ ލޯބިވާންޖެހޭނީ ކައިވެނިކުރާށެވެ! ކުރުމުއްދަތަކަށް ނުވަތަ ކައިވެނިކުރުމުގެ ނިޔަތް ނެތި، ޚާއްޞަކޮށް އޮޅުވާލުމުގެ ތެރެއިން ލޯބިވެގެން އުޅުމަކީ ހިންގޭ ވަރަށް ބޮޑު ޖަރީމާއެކެވެ. އެކަމުގެ އަސަރު އަނިޔާ ލިބޭ މީހާގެ މުޅި ޢުމުރަށްވެސް ކުރާނެތީއެވެ. އަދި އެއީ އަނިޔާލިބޭ މީހާގެ ހިތް ކުދިކުދިކޮށް ކޮށާލުން ފަދަ ކަމަކަށްވާތީއެވެ.
ލޯބިވެގެން ކައިވެނިނުކޮށް އެކުގައި އުޅުން އިސްލާމް ދީނުގައި މަނާކުރެއެވެ. އެކަމުގެ ޙުކުމަކީ ޙަރާމެވެ. އެއީ އިސްލާމް ދީނުގައި އޮތް ވަރަށް ފުރިހަމަ ނިންމުމެއްކަމަށް މުސްލިމުން ނޫން މީހުންވެސް ޤަބޫލުކުރެއެވެ. އެކަމަށް ތަޢްރީފްވެސް ކުރެއެވެ.
މީސްތަކުންގެ ހިތުގައި އަމިއްލަ އެދުން ބޮޑުވެ ހަމައެކަނި ތިމާގެ އުފާވެރިކަމަށް އިސްކަންދޭންފެށުމުން މިފަދަ ކަންކަމަކީ މިއަދު މައްސަލައެއް ކަމުގައި ގިނަ ބައަކު ނުދެކުނު ނަމަވެސް މިއީ ވަރަށް ބޮޑު މައްސަލައެކެވެ.
ތަކުރާރުކޮށްލާނަމެވެ! ކުރު މުއްދަތަށް ލޯބިވެ އަނެކުންނަށް އަނިޔާނުކުރާށެވެ! ބޮޑެތި ޖަރީމާތައް ނުހިންގާށެވެ! ޖަރީމާއަކަށް ނުވަތަ ދިން ޙަމަލާއަކަށްވަނީ ފިސްތޯލައަކުން ވަޒަންޖެހުމަކުން ނޫނެވެ. އަހުރެން ދެކޭ ގޮތުގައި އަނެކާގެ ހިތަށް އަނިޔާކުރުމަކީ ދިހަ ފިސްތޯލައިން އެއްފަހަރާ ފޮނުވައިލެވޭ ވަޒަންތައް އަމާޒުކުރުމަށްވުރެ މާބޮޑުއަނިޔާއެކެވެ.
- އަލަފް / މިއަދުނޫސް