އެންމެ ގިނަ ބައަކު ދުނިޔެއިން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ރީތި ބޮޑުގެއެއް އެޅުމެވެ. އެހެންވެ މުޅި ޢުމުރުގައި ކުރި މަސައްކަތުން ލިބުނުހައި ފައިސާއެއް ޚަރަދުކޮށްގެން 10،20 ބުރީގެ ގެއެއް އަޅައިފާނެއެވެ. ނުވަތަ ގަނެފާނެއެވެ.
ސުވާލަކީ 10،20 ބުރީގެ ގެއެއް އެޅިނަމަވެސް ނަމަވެސް ތިބާ އުޅެން ބޭނުންވާނީ ކިހައި ޖާގައެއް ހެއްޔެވެ؟ ޖަވާބަކީ ހަމައެންމެ ކޮޓަރިއެކެވެ. ދެން ބަދިގެއަކާއި ސިޓިންގރޫމެކެވެ. އެންމެ ފުރިހަމަކޮށްލަން ބޭނުންވާނަމަ ބަގީޗާ ގަސްކޮޅެއް ހައްދައިލާނެ ކުޑަކުޑަ ޖާގަކޮޅެކެވެ.
ދެން ވިސްނާލަން އޮތް ކަމަކީ 10،20 ބުރީގެ ގެއެއް އެޅިނަމަވެސް ދުނިޔެ ދޫކޮށްފައި ދާންޖެހޭނީ އެގެ ދޫކޮށްފައެވެ. ކައްވަޅުން ލިބޭނީ ޢާންމުގޮތެއްގައި ހަފޫޓް 4 ފޫޓުގެ ޖާގަކޮޅެކެވެ. އެކަމަކު އެޖާގަކޮޅަކީ ތިބާގެ ލޮލުކޮޅަށްވެސް ނުފެންނަހައި ބޮޑު ސުވަރުގޭގެ ބަގީޗާއަކަށް ބަދަލުކޮށްލުމުގެ ފުރުޞަތު ތިބާއަށް އެބައޮތެވެ.
އެވަރަކުން އަދި ނިމެނީއެއް ނޫނެވެ. ޤިޔާމަތް ދުވަހު އިރު ހުންނާނީ ބޮލާއި ދާދި ގާތުގައެވެ. ވާހޫނުގަދަކަމުން ގައިން ދައުތައް އޮހޮރޭނެއެވެ. މީސްތަކުންނަށް ކެތްނުކުރެވިގެން ތެޅިފޮޅޭނެއެވެ. ބައެއް މީހުންނަށް އުޅެންޖެހޭނީ ނޭފަތާއި ހަމައަށް ދައުތައް އަރާތީ ސަލާމަތްނުވެވިގެންނެވެ.
މިފަދަ ބިރުވެރި ޙާލުގައި އުލެންޖެހޭނެ ދުވަހު ﷲ ތަޢާލާ އެކަލާނގެ ވޮޑިގެންވާ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ ހަތް ބާވަތެއްގެ މީހުން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ދުނިޔޭގައި ހުރެގެން މަސައްކަތްކޮށްފިނަމަ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހުންގެ ތެރޭގައިވުމުގެ ފުރުޞަތު އެބައޮތެވެ.
ދެން މިބުނަނީ ބުނަން ބޭނުންވި އަޞްލު ވާހަކައެވެ. ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ މަދުވަޤުތުކޮޅު ހޭދަކުރަންވީ ބޮޑުގެއެއް އަޅަން މަސައްކަތްކުރުމަކަށް ނޫނެވެ. ކައްވަޅަކީ ސުވަރުގޭގެ ނަގީޗާއަކަށް ހެދުމަށާއި ޢަރުޝީގެ ހިޔާވަހިކަން ހޯދުމަށެވެ. އެއީ 10،20 ކީއްކުރަންހެއްޔެވެ؟ 100،200 ބުރީގެ ގެއެއް އެޅުމަށްވުރެވެސް މާފައިދާބޮޑު ކަމެކެވެ.
އެކަމަށް ކުރަން އޮތްކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދުނިޔޭގައި އުޅުމެވެ. ވީހާގިނަ ހެޔޮ ޢަމަލުތައް ކުރުމެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން