ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ބޮސްއަށް ވިކެން ދެކޮޅުހަދައި ވަރިވި އަންހެނަކަށް ފިރިމީހާގެ ބޮސްއަށްވުރެ ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ބޮސްއަށް ވިކެން ދެކޮޅުހަދައި ވަރިވި އަންހެނަކަށް ފިރިމީހާގެ ބޮސްއަށްވުރެ ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

ކައިވެންޏަށް 3 ވަނަ މަހެވެ. އެއްރޭ ނިދަން އޮވެފައި ހޭލެވިގެން ބައިލިއިރު ގަޑިން 12 ޖަހަނީއެވެ. ފިރިމީހާ ކޮޓަރިއަކު ނެތެވެ. ބައެއް ރޭރޭ ގެއައުމަށްފަހުވެސް ކޮޓަރިއަށް ނައިސް ސިޓިންގ ރޫމްގައި އިންނާތީ އެރޭވެސް ސިޓިންރޫމްގައި އިނީތޯ ބަލައިލަން ނުކުތީމެވެ.  

ގޭގައި އިތުރުބައަކު ނުއުޅޭތީ ލައިގެންހުރި ހެދުމަކަށް ސަމާލުކަމެއް ނުދެމެވެ. ސިޓިންގ ރޫމަށް ވަދެވުނުއިރު ފިރިމީހާ ޢާއި އިތުރު ފިރިހެނަކާއި ތިއްބައި ފެނުމުން ދިއައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އެނބުރި ކޮޓަރިއަށް ދިއައިމެވެ.  

އިރުކޮޅެއްފަހުން ފިރިމީހާ ކޮޓަރިއަށް އައިސް ބުނީ ސިޓިންގރޫމްގައި އިނީ އޭނާގެ ބޮސް ކަމަށެވެ. އަހަރެން ފެނުމުން އަހަރެން ވަރަށް ރީތިކަމަށް ބުނި ކަމަށެވެ. އެއީ މާބޮޑުކަމަކަށް ނުހަދަމެވެ. އެވާހަކައަށް ޖަވާބެއްވެސް ނުދެމެވެ.  

އެއިގެ ފިރިމީހާ އަބަދުހެން ހުންނަނީ ކަންބޮޑުވުމެއްގައެވެ. ވީމާ ކޮންމެވެސް ގޯހެއް އެބަ ހިނގާކަމަށް ޝައްކުކުރެވުނެވެ. ނަމަވެސް ސުވާލުކުރުމުން ތެދަށް ނުބުނާނެ ކަމުގެ ޔަޤީންކަން އޮތްވަރުން ސުވާލެއް ނުކުރަމެވެ.  

ކުރިން އުޅުނީ ލިބޭ މުސާރައިން ދެކޮޅު ނުޖެއްސިގެންނެވެ. ނަމަވެސް ކުއްލިއަކަށް ފިރިމީހާގެ ޖީބުގައި ފައިށާ ގިނަވާން ފަށައިފިއެވެ. ކުރިން އަހަރެންނަށް ބޭނުންވާ އަސާސީ ތަކެތި ގަނެ ނުދެވިގެން އުޅުނު މީހާ އަގުބޮޑު ހަދިޔާތައް ގަނެގެން ގެއަށް ގެންނަން ފަށައިފިއެވެ. އެކަންކަމުގެ ސަބަބުން އަހަރެންނަށް ކުރެވެމުން އައި ޝައްކުތަކަށް އިތުރު ޔަޤީންކަމެއް ލިބެން ފަށައިފިއެވެ.  

މަހެއްހައި ދުވަސްފަހުން އެއްރޭ ނިދަން އޮވެގެން ބުނީ އޭނާގެ ބޮސް އާއިއެކު ރާއްޖެއިން ބޭރަށް ދަތުރެއްކުރަން ފުރުޞަތު ލިބިއްޖެކަމަށާއި ދާނީ އަހަރެންވެސް ގޮވައިގެން ކަމަށެވެ. އެވާހަކަތަކަކަށް ޖަވާބެއް ނުދެމެވެ.  

އެއިގެ ހަފްތާއެއްހައި ދުވަސްފަހުން މާދަމާ ފުރަން ތައްޔާރުވަން ބުނުމުން ދެކޮޅުހެދީމެވެ. ދަތުރު ނުދާނެކަމަށް ބުނީމެވެ. އެކަމާ ފިރިމީހާ ރުއައެވެ. ނުގޮސްފިނަމަ އޭނާގެ ވަޒީފާ ގެއްލިދާނެ ކަމަށާއި އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެ ކަމަށް ބުންޏެވެ.  

ޖަވާބުގައި ބުނީމެވެ. "އަހަރެން ދަތުރު ނުގޮސްގެން ކަލެއަށް ލިބޭނީ ކޮން ދެރައެއް ހެއްޔެވެ؟ އަހަރެންނަކީ ކަލޭގެ ބޮސްގެ ވަޒީފާގައި ހުރި މީހެއް ނޫނެވެ. ބޮސްއަށް ކޮށްދޭންޖެހޭ މަސައްކަތެއް ނުއޮންނާނެއެވެ. ބޮސްއަށް މަސައްކަތްކޮށްދޭންޖެހޭނީ ކަލެއަށެވެ. ކަލޭ ގޮސް އޭނާ ބުނާ މަސައްކަތެއް ކޮށްދިނީމާ ނިމުނީ ނޫންހެއްޔެވެ؟"  

އެހިސާބުން މަޖުބޫރުވެގެން ފިރިމީހާ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އަހަރެންނަށް އަގުބޮޑު ހަދިޔާތައް ގަނެގެން ގެނެސްދިނީ ބޮސް އަހަރެން ބޭނުންވެގެން ޚަރަދުކުރަން ދިން ފައިސާއިންނެވެ. ބޮސް އަށް އަހަރެން ރުހިއްޖެނަމަ ފިރިމީހާއަށް ޕްރަމޯޝަނެއް ދޭނެ ކަމަށްވެސް އޮތީ ބުނެފައެވެ. ދަތުރުދާން މިއުޅެނީ އެހެންވެގެންނެވެ.  

އަހަރެން ބުނީމެވެ. "ތިއަ ކަންކަން ތިއަހެން ވާންއުޅޭކަން މާކުރިންވެސް ވިސްނެއެވެ. އެހެންވެ ކަލޭ ދިން އެއްވެސް ހަދިޔާއެއްގެ ބޭނުމެއް ނުކުރަމެވެ. ހުރިހާ އެއްޗެއް އަލަމާރީގައި ހުންނާނެއެވެ. މައިންބަފައިން އަހަރެން ބަލައި ބޮޑުކުރީ ޙަރާމް ގޮތުގައި ފައިސާ އާއި އަގުބޮޑު ތަކެތި ހޯދަން ދަސްކޮށްދީގެނެއް ނޫނެވެ. ވީމާ ތިހިސާބަށް ކަންކަން ދިއުމުން އަހަރެން މިގެއިން މިދަނީއެވެ. ރީތިގޮތުގައި ވަރިކޮށްދޭށެވެ. އެކަން މާދަމާ ކޮށްނުދީފިނަމަ ކޯޓަށް ގޮސް ކަލޭގެ ކިބައިގައި މަކަރުވެރިކަމާއި ޖަނަވާރު ސިފަ ކޯޓުގައި ކިޔައިދޭނަމެވެ."  

އެހެން ބުނެފައި ޖަވާބަކަށް މަޑެއްވެސް ނުކުރަމެވެ. ހިފަހައްޓަނިކޮށް ގަދަކަމުން ނުކުތީއެވެ. ދޮރުހުޅުވައިދިނީ އަޑުގަދަކޮށް މީހުން އެއްކުރާނެ ކަމަށް ބުނުމުންނެވެ.  

އޭނާ އަހަރެން ވަރިކުރިއެވެ. އެއިގެ އަހަރެއްހައި ދުވަސްފަހުން ދެވަނަ ކައިވެނިކުރީމެވެ. ފިރިމީހާއަކީ ކުރީގެ ފިރިޟީހާގެ ބޮސްއަށްވުރެ ފަޤީރު މީހެއް ނޫނެވެ. އެހެންވީމާ ލިބުނީ ތަނަވަސް ދިރިއުޅުމެކެވެ. އެދިރިއުޅުމުގައި މިހާރު 15 އަހަރުވީއެވެ. 4 ދަރިން ލިބިއްޖެއެވެ. އަދިވެސް އުޅެމުން މިގެންދަނީ އުފާވެރިކަމުގައެވެ.  

މިހާރުގެ ފިރިމީހާ ދަޢުވަތުދެނީ ކުރީގެ ފިރިމީހާ ދައުވަތުދިންފަދަ ދަތުރުތަކަކަށް ނޫނެވެ. ޢުމްރާއަށެވެ. ކޮންމެއަހަރަކުހެން ޢުމްރާވަމެވެ. ކައިވެނީގެ ފުރަތަމަ އަހަރު ޙައްޖުވެސް ވީމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަހަރެންގެ ކުރީގެ ފިރިމީހާ ފަދަ ފިރިން މިހާރު ގިނަވެއްޖެއެވެ. ނުވިކޭށެވެ. މާތް ﷲ އަށް ބިރުވެތިވާށެވެ. އެކަމުގެ ބަދަލުގައި ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ. ފަހަރެއްގައި ދެވަނަ ފިރިއަކަށް ފަޤީރަކުވެސް ލިބިދާނެއެވެ. ހަމަޤައިމުވެސް ފާފަ ނުކުރީމާ ޤިޔާމަތް ދުވަހު ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- ހުމައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

މިއަދު އޮންލައިން