ﷲ ތަޢާލާ ކޮންމެ ދުވަހަކު ތިބާއާމެދު ފަޚުރުވެރިވެވޮޑިގަންނަވާނެ އަޅަކަށް މިހާ ފަސޭހައިން ވެވެން އޮއްވައި ފުރުޞަތު ނަގާލަން ހެޔޮވެދާނެތަ؟: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ﷲ ތަޢާލާ ކޮންމެ ދުވަހަކު ތިބާއާމެދު ފަޚުރުވެރިވެވޮޑިގަންނަވާނެ އަޅަކަށް މިހާ ފަސޭހައިން ވެވެން އޮއްވައި ފުރުޞަތު ނަގާލަން ހެޔޮވެދާނެތަ؟: ޝައިޚް އަބޫބަކުރު ޒައުދު

ވެރިއަކު ނުވަތަ ޤަދަރުވެރިއަކު ނުވަތަ ފައިސާވެރިއަކު ތިބާއާއިމެދު ފަޚުރުވެރިވާނަމަ ތިބާ ހުންނާނީ ވަރަށް އުފަލުންނެވެ. އެޝަރަފް ހޯދަން ގަދައަޅައި މަސައްކަތްވެސް ކުރާނެއެވެ. އެކަމަކު އެންމެ މަތިވެރިވަންތަ ތިބާގެ ވެރި ރައްބު ތިބާއާއިމެދު ފަޚުރުވެރިވެވޮޑިގަންނަވާނެ ޢަމަލާއި ޖެހުމުން ތިބާ ކަންނެތްވެއެވެ. މިކަން އިޞްލާޙްކުރަމާ ހިނގާށެވެ.

ޢާންމު ގޮތަކަށް ކަންކަން ބަލާނަމަ މީސްތަކުންނަށް ކުރަން އެންމެ އުނދަގޫ ބޮޑު އެއްކަމަކަށް އޮންނާނީ ނިދިހަމަނުވަނީސް ހޭލުމެވެ. އެއީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. މަޖުބޫރު ޙާލަތެއްގައި ނޫނީ ނުކުރާނެ ކަމެކެވެ.

ނަމަވެސް ނިކަން ދެކިބަލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާ، ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް ބޭނުންވާ، އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވަން ބޭނުންވާ މީހުން ކޮންމެ ރެއަކު ހޭލައިގެން އެތެދުވަނީ އެމީހުންގެ އަރާމު ނިދި ޤުރްބާންކޮށްފައެވެ. މައިގަނޑު ގޮތެއްގައި ހަމަ އެންމެ ބޭނުމަކު އެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމެވެ.

އޭނާ އެހައި ބޮޑު ޤުރްބާނީއެއް އެވަނީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް އޭނާ ދުނިޔެއިން އެދޭ ކަންތައްތައްވެސް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަން އޭނާއަށް އެނގެއެވެ. އަދި އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބުން ވަނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަން އޭނާއަށް އެނގެއެވެ.

މީސްތަކުންނޭވެ! ނިދި ޤުރްބާންކޮށް ހޭލައި ވުޟޫކޮށް ދަމުނަމާދުކޮށް ޛިކްރުކުރާ މީހުން ދެކެ ﷲ ތަޢާލާ އެހައިބޮޑަށް ލޯބިވެވޮޑިގެން ފަޚުރުވެރިވެވޮޑިގަންނަވަނީ އެސަބަބަށްޓަކައެވެ. ހސމައެކަނި ފަޚުރުވެރިވެވޮޑިގަންނަވަނީއެއްވެސް ނޫނެވެ. ނަމާދުކުރުމަށްޓަކައި ވުޟޫކުރަން ފެށުމާއިއެކު އެކަން މަލާއިކަތުންނަށް އިޢުލާނުވެސް ކުރައްވަވަތެވެ. (އަންގަވަތެވެ.)

ވީމާ އެނގިގެން މިދަނީ ދަމުނަމާދުކުރާ މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެންދާ މިންވަރެވެ. ތިބާއަކީ ތިބާ އާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅަކަށްވެއްޖެނަމަ އިތުރަށް ތިބާއަށް ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟ ހަމައެއްވެސް ކަމެއް ބޭނުމެއް ނުވާނެ ނޫންހެއްޔެވެ؟

މީސްތަކުންނޭވެ! ކަންނެތްވެގެން ނިދަން ނުތިބޭށެވެ! ހޭލާށެވެ! ވުޟޫކޮށް ދަމުނަމާދުކުރާށެވެ! ތިބާއަކީ ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅަކަށްވާން މަސައްކަތްކުރާށެވެ! ތިބާއަކީ ކޮންމެ ދުވަހަކު (ކޮންމެރައަކު) ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެ އަޅަކަށްވުމުގެ ފުރުޞަތު އޮތީ ހަމަ ތިބާގެ އަތުގައެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން