އިންސާނުންނަށް 2 ކަންފަތާ 1 އަނގަ ދެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އިންސާނުންނަށް 2 ކަންފަތާ 1 އަނގަ ދެއްވެވީ ކީއްވެ؟

ﷲ ތަޢާލާ އިންސާނާ އުފައްދަވާފައިވަނީ އެންމެ ފުރިހަމައަށެވެ. އެއީ އެއްވެސް ޝައްކެއް ކުރަންޖެހޭނެ ކަމެއް ނޫނެވެ. ސައިންސުގެ ގޮތުން މިހައި ބޮޑަށް ކުރިއަރާފައިވާއިރުވެސް އިންސާނަކު ނުއުފުއްދިގެން އުޅޭ ސަބަބުތަކުގެ ތެރޭގައި ﷲ ތަޢާލާ އިންސާނާ އުފައްދަވާ ފުރިހަމަކަމާއި ފުރާނައެޅުއްވުމުގެ ބާރު ހަމައެކަނި ﷲ ތަޢާލާއަށް ލިބިވޮޑިގަތުން ހިމެނެއެވެ. 

ކޮންމެއަކަސް އެހައި ފުރިހަމައަށް، އެހައި ފުރިހަަމ ގޮތުގައި ﷲ ތަޢާލާ އިންސާނާ އުފައްދަވާފައިވާއިރު އިންސާނާއަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ އެންމެ އަނގައަކާއި 2 ކަންފަތެވެ. މިކަމުގައި ވަރަށް ވަރުގަދަ ޙިކުމަތެއް ވާނެކަން ޤަބޫލުކުރަންޖެހޭނެއެވެ. 

އޮތީ ވިސްނައި ފިކުރުކުރުމެވެ. އެހެންވެ އަހުރެން ވިސްނި ވިސްނުމުން އަހުރެންނަށް އެނގުނީ ތިމާ ބަސްބުނާ، ވާހަކަދައްކާ މިންވަރަށްވުރެ 2 ގުނަ އިތުރަށް އެހެން މީހުން ދައްކާ ވާހަކައަޑުއަހަން ޖެހޭނެ ކަމެވެ. މިއީ އަހުރެންނަށް ވިސްނުނު ގޮތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ކޮންމެއަކަސް އެހެން މީހުން ދައްކާ ވާހަކަ ކަނުލައި އަޑުއެހުމާއި އަދި އެހެން މީހަކު ވާހަކަ ދައްކާނަމަ އޭނާ ވާހަކަ ދައްކައި ނިމެންދެން އަޑުއަހަން ހުރުމަކީ ރިވެތި އަޚްލާޤްގެ ތެރެއިން ހިމެނޭ ކަމެކެވެ. އެސިފައަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން ލާޒިމް ސިފައެކެވެ. 

އެއީ ފިރިމީހާ ކަމުގައިވީނަމަވެސް، އަނބިމީހާ ކަމުގައިވީނަމަވެސް، ދަރިން ކަމުގައިވީނަމަވެސް ، މުވައްޒިފަކު ކަމުގައިވީނަމަވެސް އަދި ކޮންމެ މީހަކު ކަމުގައިވީނަމަވެސް ތިމާއާއި ވާހަކަ  ދައްކާނަމަ އެމީހަކު ވާހަކަ ދައްކައިނިމެންދެން ކެތްތެރިކަމާއިއެކު އަޑުއަހާށެވެ. އެހެން ނޫންނަމަ އޭނާ އެބުނަންއުޅޭ ވާހަކަ ފުރިހަމައެއް ނުކުރެވޭނެއެވެ. ފުރިހަމަ ނުކުރެވުނީމާ އޮންނާނީ ބުނަންއުޅޭ އެއްޗެއް ނުއެނގިފައެވެ. 

އެއިރުން ދެވޭނީ ރަނގަޅު ޖަވާބެއް ނޫނެވެ. ވީމާ ކޮންމެ މީހަކު ވާހަކަދެއްކިނަމަވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ. 

އަދި ކީއްހެއްޔެވެ؟ މުޝްރިކުން ދެންނެވި ވާހަކަތައްވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަނގަޅަށް އަޑުއެއްސެވިއެވެ. ކެތްތެރިކަން އިސްކުރެއްވެވިއެވެ. ވީމާ މިއީ ސުންނަތުގެ ތެރެއިންވެސް ހިމެނޭ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން