ބައެއް ފިރިން އެމީހުންގެ އަނބިންނަށް މުސާރަ ނުވަތަ އެހެން ގޮތަކުންވެސް އާމްދަނީ ލިބޭނަމަ އެކަނި އުޅެން ދޫކޮށްލައެވެ. މިބުނަނީ އޭނާގެ ޚަރަދުތައް އޭނާކުރަން ދޫކޮށްލައި ފައިސާގެ ގޮތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭވާހަކައެވެ.
މިގޮތަށް ކަންތައް ކުރުމުން އެރެކެވެނީ ފިރިމީހާ އަދާކުރަންޖެހޭ މަސްއޫލިއްޔަތަކުންނެވެ. އަނބިމީހާއަށް ކިތަންމެ ގިނައިން ފައިސާ ލިބުނަސް ފިރިމީހާ ކޮށްދިނުން ވާޖިބުވާ ޚަރަދުތައް ކޮށްނުދޭނަމަ ނުކުންނާނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ.
އެގޮތުން ނުކުންނަ އެންމެ ބޮޑު އެއް މައްސަލައަކީ އޭނާއަކީ އެއްވެސް އެހީތެރިއަކު ނެތި އަމިއްލައަށް ދިރިއުޅޭ މީހަކު ކަމުގެ އިޙްޞާޞްތަކެވެ. މިފދަ އިޙްޞާޞްތައް ކުރެވެން ފެށުމުން ފިރިމީހާގެ މުހިންމުކަން ކެނޑިގެންދެއެވެ. ފިރިއަކު ނެތަސް އެކަނި އުޅެވޭނެ ކަމުގެ ޔަޤީންކަން ލިބިގެންދެއެވެ.
އެއީ އެންމެ ރަނގަޅު ގޮތް ނޫންނަމަވެސް އެހިސާބުން ގިނަ އަންހެނުންނަށް ފިރިމީހާގެ ބަސް ޤަބޫލުކުރުން މުހިންމެއް ނުވެއެވެ. އުޅެން ބޭނުންވާހައި ގޮތަކަށް އުޅެން ފަށައެވެ. ފިރިމީހާއަށް އެއްވެސް ޖެހިލުމެއް ނުވެއެވެ.
މިކަންކަމަކީ ކުރެވިފައިވާ ދިރާސާތަކުން އެނގޭ ކަންކަމެވެ. ވީމާ އަނބިމީހާއަށް ކިތަންމެ ގިނައިން ފައިސާ ލިބުނަސް ފިރިމީހާ އަދާކޮށްދޭންޖެހޭ ވާޖިބްތައް އަދާކޮށްދޭންޖެހޭނެއެވެ. އަނބިމީހާއަށް ލިބޭ ފައިސާއިން ދިރިއުޅުމަށް ޚަރަދުކުރުމަކީ އަނބިމީހާ ރުހިގެން ކުރަންޖެހޭ ކަމެކެވެ. ވީމާ މިކަމަކީ ދެމީހުން ވަރަށް ރަނގަޅަށް މަޝްވަރާކޮށްގެން ކުރަންޖެހޭނެ ކަމެކެވެ. ނޫންނަމަ ތަފާތު މައްސަލަތައް ކުރިމަތިވުން އޮންނާނީ ދާދި ގާތުގައެވެ.
- އަލަފް / މިއަދުނޫސް