މިބުނަނީ ފޮތެއްގައި ސީދާ މިޢިބާރާތުން ލިޔެވިފައި އޮތް ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެކި ޢިބާރާތްތަކުން އެކި އާޔަތްތަކުން މިވާހަކަ ކީރިތި ޤުރްޢާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. ޙަދީޘްފުޅުތަކުން ފެންނަން އެބަ އޮތެވެ. ވީމާ ޝައްކުނުކުރާށެވެ! ޔަޤީންކުރާށެވެ!
އެއްވެސް މީހަކު ބިރެއް ނެތި ފާފަކުރާނަމަ އޭނާގެ ހިތް ހިލައެއްހައި ހަރުކުރައްވަވާނެތެވެ. އެއިރުން އެހިތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަނބިދަރިންނަށްވެސް، މައިންބަފައިންނަށްވެސް އަދި އެއްވެސް މީހަކަށް ރަޙުމެއް ނުކުރެވޭނެއެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް ބިރުވެތިއެއް ނުވެވޭނެއެވެ. ކިޔަމަންތެރިއެއްވެސް ނުވެވޭނެއެވެ.
ދިރިއުޅުމުގައި މިއަދު ކުރިމަތިވާ އެންމެ ބޮޑު އެއްމައްސަލައަކީ މިއީއެވެ. ޒަވާޖީ ޙަޔާތެއް ފަށާފައިވެސް ފާޙީޝް ޢަމަލުތައް ކުރަނީއެވެ. ހިލޭމީހުންނާއި ގުޅުން ހިންގަނީއެވެ. ދެމަފިރިން އެކަކު އަނެކަކަށް މަކަރުހަދަނީއެވެ. ނުވަތަ އެކަކު މަކަރުހަދަނީއެވެ.
ނަތީޖާއަކަށްވެގެންދަނީ ހިތް ހިލަވެ ރަޙްމްކުރުމާއި ކަމްދަރުދީ ހިތުން ފިލައިގެންދިއުމެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ޢާއިލާއަށް ލިބިދާނެ ދެރައަކާއިމެދު ވިސްނައިވެސް ނުލެވި ކަންކަން ކުރެވުމެވެ. ހިތަށް އެރިހައި ބަސްތަކެއް ދުލުން ބުނެ އަދި ހިތަށް އެރިހައި ކަމެއްވެސް ކުރަނީއެވެ.
ލޮބުވެތި އަޚޫންނާއި އުޚުތުންނޭވެ! ހަމަޖެހިލައިގެން ދުނިޔޭގައި އުޅެން ބޭނުންވާނަމަވެސް ފާފަތައް ނުކުރާށެވެ! ފާފަކުރުމާއި ދުރުހެލިވާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ތިމާގެ ހަށިގަނޑުގައި ﷲ ތަޢާލާ ލައްވަވާފައިވާ ހިތް، ލައްވަވާފައިވާ ގޮތަށް ހަށިގަނޑުގައި އޮންނާނީ އެއިރުންނެވެ. އެގޮތް ބަދަލުވެއްޖެނަމަ މުޅި ދިރިއުޅުން ބަނގުރޫޓުވެގެން ހިނގައިދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން