ލޯބިވެގެން އުޅުނު މީހާ ދައްކާ ބިރަށް ދީލާނުލައި ތައުބާމަތީގަ ދެމިހުރީމަ ފަޟީޙަތްކުރަން އޭނާ ކުރާ ކަންކަމަށް ތިބާއަށް ދާނީ ޘަވާބު އިތުރުވަމުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ލޯބިވެގެން އުޅުނު މީހާ ދައްކާ ބިރަށް ދީލާނުލައި ތައުބާމަތީގަ ދެމިހުރީމަ ފަޟީޙަތްކުރަން އޭނާ ކުރާ ކަންކަމަށް ތިބާއަށް ދާނީ ޘަވާބު އިތުރުވަމުން! އިން ޝާ ﷲ

އަހުރެންގެ ގާތަށް އަންނަ ބައެއް ޒުވާން އަންހެންކުދިން ބުނެއެވެ. "ޝައިޚްއެވެ. އަހުރެންނަށް ވަނީ ލޯބިވެރިޔާއާއިއެކު ފާފަތަކެއް ކުރެވިފައެވެ. ނަމަވެސް މިއަދު އަހުރެން މިހުރީ ތައުބާވެގެންނެވެ. އެކަމަކު އެލޯބިވެރިޔާ އަހުރެންގެ ފޮޓޯތަކާ ވީޑިއޯތައް ދައްކައި ބިރުދައްކަނީއެވެ. އޭނާ ބުނާ ކަންކަން ނުކުރާނަމަ ފަޟީޙަތްކުރާނެ ކަމުގެ ބިރެވެ. މިޙާލަތުގައި ކަންތައްކުރަން އޮތީ ކޮންގޮތަކަށް ހެއްޔެވެ؟" 

ލޮބުވެތި އުޚުތުންނޭވެ! އެބާވަތުގެ ގޮތްގޮތަށް ދައްކާ ބިރަށް އަޅައިވެސް ނުލާށެވެ! އޭނާއަށް އަޅުވެތިނުވާށެވެ! ތައުބާވުމަށްފަހު އެގޮތުގައި ޘާބިތުވެ ހުންނަން މަސައްކަތްކުރާށެވެ. ތިބާ ފަޟީޙަތްކުރަން އޭނާ ކަމެއް ކޮށްފިނަމަ އެކަމުގެ ސަބަބުން ތިބާއަށް ދާނީ ޘަވާބު އިތުރުވަމުންނެވެ. އެކަންކުރި މީހަކަށް ދާނީ ޘަވާބް އިތުރުވަމުންނެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ޞަޙާބީންނަށް ޒިނޭކުރެވުމުން އެފާފަ ކުރެވުނުކަމުގެ ވާހަކަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވީ އެކަމުން ފަޟީޙަތް ވާނެ ވަރު އެނގިތިބެއެވެ. ނަމަވެސް ތައުބާވުމަށެވެ. ހުރިހާ ކަމަކަށްވުރެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ޞަޙާބީންނަށް ބޮޑުވުމުންނެވެ. 

އެހެންކަމަށްވާއިރު މީހަކު ތިމާ ފަޟީޙަތްކޮށްފާނެ ކަމުގެ ބިރަށް ޒިނޭކުރުން ފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

ދެން ވިސްނައިލަންވީ ކަމަކީ ތިބާއަށް އެފާފަތައް ކުރެވުނު ވަޤުތުން ފެށިގެން ތިބާވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ފަޟީޙަތްވެ ނިމިފައެވެ. އެއަށްވުރެ ބޮޑު، އެއަށްވުރެ ގެއްލުންހުރި ފަޟީޙަތަކީވެސް ކޮބައިހެއްޔެވެ؟ 

ހަމައެފަދައިން ތިބާ ތައުބާވުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަވަނީ އުފުލި މަތިވެރިވެފައެވެ. ކުރިންވީ ފަޟީޙަތުގެ ބައި އެވަނީ ފުހެވިގެންގޮސްފައެވެ. ވީމާ މީހަކު ތިބާ ފަޟީޙްތަކުރަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ފަޟީޙަތްވާނީ އެމީހެކެވެ. ތިބާއެއް ނޫނެވެ. 

ޚުލާޞާއަކީ ފަޟީޙަތްކުރާނެ ކަމަށް ބުނެ ދައްކާ ބިރަށް ނުހެއްލޭށެވެ. ކުރެވުނު ފާފަތަކަށް ތައުބާވެ ތައުބާމަތީގައި ދެމިހުންނާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކަށް ޙަޤީޤީ ދެރައެއް ހަމައެކަކަށްވެސް ނުދެވޭނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން