ކުށަށް އިޢްތިރާފްވާނީ މަދުމީހެކެވެ. އަންހެނުންގެ ތެރެއިންވެސް އަދި ފިރިހެނުންގެ ތެރެއިންވެސްމެއެވެ. ގޭތެތެރެއިން ލިބެންޖެހޭ ލޯތްބާއި އަޅައިލުން ނުލިބިގެން ގިނަ ބައަކު ޝަކުވާކުރެއެވެ. އެކަން އެގޮތަށް ދިމާވުމުގައި ތިމާގެ ކުށް ހިމެނޭ މިންވަރުގެ ވާހަކަ އެކަކުވެސް ނުދައްކާނެއެވެ. ދައްކާނީ އަނެކާގެ ކަންކަމުގެ ވާހަކައެވެ.
ގޭތެރޭގައި އުފާވެރިކަން ދަމަހައްޓައި އަނބިދަރިންގެ ލޯތްބާއި އަޅައިލުން ބޭނުންވާނަމަ ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.
އަޅުގަނޑަކީ ތަޤްވާވެރިއެއްގެ ގޮތުގައި ދިރިއުޅެވޭތޯ މަސައްކަތްކުރާ މީހަކީމެވެ. ނަމަވެސް އަޅުގަނޑުގެ ވަރަށް ބޮޑު ބަލިފައެއް އޮތެވެ. އެއީ އަނބިދަރިންގެ އަގު ވަޒަން ނުކުރެވުމެވެ. އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެމެވެ. ނަމަވެސް އެމީހުންނާއިމެދު ފަރުވާ ބަހައްޓަންޖެހޭ މިންވަރަށް ފަރުވާ ނުބެހެއްޓެއެވެ. އޯގާތެރިވާންޖެހޭ މިންވަރަށް އޯގާތެރިއެއް ނުވެއެވެ.
އެކަން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ނަމަވެސް އަޅުގަނޑަށް ލިބިފައިހުރި ތަރުބިއްޔަތުގެ ސަބަބުން ޢަމަލުތައް ބަދަލުކުރަން އުނދަގޫވަނީއެވެ. އެހެންވެ އަޅުގަނޑު ގެންދިއައީ އެކަމުގައި ޙައްލަކަށް އެދި ދުޢާކުރަމުންނެވެ.
އެއްރޭ ނިދީގައި އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ މުޅި ޙަޔާތުގައިވެސް ފެނުނު އެންމެ ބިރުވެރި ހުވަފެނެވެ. އަޅުގަނޑު އޮތީ މަރުވެފައެވެ. އަޅުގަނޑުގެ އަނބިމީހާ އާއި ދަރިން ދިއައީ ގިސްލާ ރޮމުންނެވެ. ރޮމުން ގޮސް ހޭވެސް ނެތެއެވެ. ހޭއެރުމުން އަނެއްކާވެސް އަދި ކުރިއަށްވުރެ ބާރަށް ރޯން ފަށައެވެ.
އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑަށް ފަރުވާކުޑަކޮށް މިހައި ބޮޑަށް އިހްމާލްމިވެވުނީ އަޅުގަނޑު ދެކެ މިހައި ލޯބިވާ އަނބިމީހާ އަށާއި ދަރިންނަށެވެ. މިކުރެވުނީ ހާދަބޮޑު ފާފައެކެވެ. މިފާއިން ސަލާމަތްވެވޭނީވެސް ކިހިނަކުން ހެއްޔެވެ؟
ތެދުވެ އަޅުގަނޑަށް މާފުކުރަން ބުނަން އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް އެފުރުޞަތު އަޅުގަނޑަކަށް ނުލިބުނެވެ. އަޅުގަނޑު މަރުވެފައި އޮތުމުންނެވެ. ޖެހުނީހަމަ މަޑުން އޮންނާށެވެ.
ހުވަފެނުން ހޭލެވުމާއިއެކު ފާޚާނާއަށްވަދެ ވުޟޫކޮށްގެން ނުކުމެ އަވަސް އަވަހަށް 2 ރަކްޢަތް ނަމާދެއް ކުރީމެވެ. ﷲ ތަޢާލާއަށް ޝުކުރު އަދާކުރީމެވެ. އެ ހުވަފެން ދެއްކެވި ކަމަށްޓަކައެވެ.
އަދި ހަމަ އެވަގުތުން ފެށިގެން އަޅުގަނޑުގެ ކަންކަން އަޅުގަނޑު އިޞްލާޙްކުރީމެވެ. އަނބިދަރިންނަށް ދޭންޖެހޭ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދޭންފެށީމެވެ. އެމީހުންގެ ހިތް އަތުލުމަށްޓަކައި އަމިއްލައަށް ބަދިގެއަށްވަދެ ކައްކައިކައިދޭންވެސް ފެށީމެވެ. މިބުނަނީ ބޮޑުކައްކާއަކަށްވީ ވާހަކައެއް ނޫނެވެ. އަނިބީމީހާއަށް ކައްކަން އެހީތެރިވާ ވާހަކައެވެ. ދަރިން ފެންވަރުވައި ރީތިކުރަންވެސް ފެށީމެވެ.
އެހިސާބުން ފެށިގެން އާއިލާއަށް ލިބުނު އުފާވެރިކަން ބޮޑުކަމުގެ ވާހަކަ ބަޔާންކުރަންވެސް އުނދަގުލެވެ. ހީވީ ބޮޑު ޢީދެއް އައިހެންނެވެ. އަދި އެކަމުން އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުމަކީ އަޅުގަނޑުގެ މުޅި ޙަޔާތުގައި ލިބުނު އެންމެ ބޮޑު އުފާވެރިކަމެވެ.
ހަމަ ތެދަށް ބުނަމެވެ. ހީވީ ހެދިބޮޑުވެފައި އެކަމަކު މޭވާ ނުއަލައި ހުރި ގަހެއްގައި ކުއްލިއަކަށް މޭވާތައް އަޅައި ފުރުނުހެންނެވެ. ކާނެވަރަކަށް ކެޔަސް ހުސްނުވާ ވަރަށެވެ. އަނބިމީހާގެ މޫނުމަތި ތާޒާވެ އަބަދު ހުންނަނީ ހެވިފައެވެ. އަބަދު ހުންނަނީ އަޅުގަނޑުގެ ޚިދުމަތުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ކުރަން އޮތް އަޅުގަނޑުގެ އިލްތިމާސަކީ ހުވަފެނެއް ފެންނަންދެން މަޑުނުކުރާށެވެ! އަޅުގަނޑަށް މިބޮޑު ހިތްހަމަޖެހުން ހޯދަން އަޅުގަނޑު ޢަމަލުކުރި މަގު އިޚްތިޔާރުކުރާށެވެ! އެކަމުން ލިބޭ އުފާވެރިކަމުގެ ބޮޑުކަން އެނގޭނީ ހަމަ ތަޖުރިބާކޮށްލުމުންނެވެ.
- ޔޫސުފް ޙުސައިން / މިއަދުނޫހުގެ ކިޔުންތެރިއެއް