ގިނަ އަނބިންގެ ޚަރަދުތައް ބޮޑުވެގެންދަނީ ލޯބިވެގެން އުޅޭއިރު ކަންކަން ކުރެވޭގޮތުންނެވެ. ލޯބޮިވެގެންއުޅޭ ދުވަސްވަރު ލޯބިވެރިޔާ ކިތަންމެ އަގު ބޮޑު އެއްޗަކަށް އެދުނަސް ހޯދައިދެއެވެ. އަދި ނުއެދުނަސް އަގުބޮޑު އެއްޗެތި ގަނެދެއެވެ.
ކެއުންތަކަށް ގެންދަނީވެސް އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކަށެވެ. ތަނަކަށް ކާންދިއަ ނަމަވެސް ތަށި ޝެއާކޮށްލަން ބޭނުމެއް ނުވެއެވެ. ކިތަންމެ އަގުބޮޑު އެއްޗަކަށް ކިތަންމެ ގިނައިން އޯޑަރުކުރި ނަމަވެސް އަޅައެއް ނުލައެވެ.
މިހާރަކަށް ގިނައިން ކައިވެނިކުރަނީ މިގޮތަށް އެތައް ދުވަހެއް ވަންދެން އެކުގައި އުޅެފައެވެ. ކައިވެނިކުރާ ދުވަހުން ފެށިގެން ބަޖެޓުގެ މައްސަލަ ކުރިމަތިވެއެވެ. ތަނަކަށް ކާން ދިއަ ނަމަވެސް ދަނީ އެންމެ އަގުހެޔޮ ތަންތަނަށެވެ. ތަށި ޝެއާކުރަންވެސް އެބަބުނެއެވެ. އަގުބޮޑު އެއްޗެއް ހޯދައިދޭން އެދިއްޖެނަމަ ގަނެވޭނީ ފަހުން ކަމަށް އެބަބުނެއެވެ. އަނބިމީހާ އެތައް ފަހަރަކު ބުނުމުން އެއްޗެއް ހޯދައިދެވޭ ކަމަކަށްވެސް ނުވެއެވެ.
ފަހަރެއްގައި އެއީ ހަމަ މާށލީ ޙާލަތު ހުންނަގޮތުން ކަމަށްވެދާނެއެވެ. މައްސަލައަކަށްވަނީ ކުރިން އެކަންކަން ބުނެފައި ނެތުމެވެ. ތިމާގެ ޙަޤީޤީ ފެންވަރު އޮޅުވާލާފައި އޮތުމެވެ.
ކައިވެންޏަށްފަހު ޚަރަދުކުރުމުގައި މިބުނާފަދަ ބަދަލުތައް ގެނައުމުން އަނބިމިހާއަށް ޤަބޫލުކުރެވެނީ ކައިވެންޏަށްފަހު ކުރިންވީވަރަށް ލޯބިނުވަނީކަމަށެވެ. ކަންކަން ކޮށްނުދެނީ ފޫހިވާން ފެށުމުން ކަމަށެވެ. ނުވަތަ ކައިވެނީގެ ސަބަބުން ފިރިމިހާއަށް މިލްކުވީކަމަށްބަލައި ބަދަލުތައް ގެންނަނީ ކަމަށެވެ. އެހިސާބުން އިތުރު މައްސަލަތައް އުފެދެންފަށައެވެ.
މިކަންކަމުގެ ޙައްލަކީ އަބަދުވެސް ތިމާގެ ފެންވަރު ބަޔާންކުރުމެވެ. ނެތް ފެންވަރު ނުދެއްކުމެވެ. ކައިވެނީގެ ކުރިން ނެތްފެންވަރު ދައްކައިގެން އުޅުނަސް ކައިވެނިކުރުމުން ޙަޤީޤީ ފެންވަރު އެނގޭނެކަން ޤަބޫލުކޮށްގެން ކަންކަން ކުރުމެވެ.
- އަލަފް / މިއަދުނޫސް