ޤަދީމީ ޒަމާނުގެ ނަބީބޭކަލުންނާ ބެހޭ ބައެއް މަޢުލޫމާތު-

ކިޔުމަށް ހޭދަވާނީ 10މ 38ސ
ޤަދީމީ ޒަމާނުގެ ނަބީބޭކަލުންނާ ބެހޭ ބައެއް މަޢުލޫމާތު-

ޢަލީ އިޙްޞާން ފިރާޤް

 

ނަބީބޭކަލުންނަކީ ދަރަޖައިގެ ގޮތުން އެއްބޭކަލަކު އަނެއްބޭކަލަކާ ތަފާތު ބައެއްކެވެ. ރަސޫލުންނާއި ނަބިއްޔުންގެ ވާހަކަ ބަޔާން ކުރައްވަމުން ބަޤަރާ ސޫރަތުގެ 253 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވައިފައިވެއެވެ.

تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِّنْهُم مَّن كَلَّمَ اللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَاتٍ ۚ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ ۗ 

މާނައީ: [އެއީ رسول ންނެވެ. ތިމަންރަސްކަލާނގެ އެ رسول ންކުރެ އެއްބަޔަކު އަނެއް ބަޔަކަށްވުރެ މާތްކުރެއްވީމެވެ. އެބޭކަލުންގެ ތެރެއިން اللَّه (ސީދާ) ބަސް وحى ކުރެއްވި ބޭކަލުން ވެއެވެ. އަދި، އެކަލާނގެ، އެ ބޭކަލުންކުރެ ބަޔެއް ބޭކަލުން ދަރަޖައިގެ ގޮތުން މަތިވެރި ކުރެއްވިއެވެ. އަދި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް، بيان ވެގެންވާ ހެކިތަކާއި، حجة ތައް، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، روح القدس ން (އެބަހީ: جبريل ގެފާނު ފޮނުއްވުމުން) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވީމެވެ].

އިހު ޤަދީމީ ޒަމާނުގެ ނަބީބޭކަލުންގެ ތެރެއިން އަރަހުށި މާތްﷲ ޤުރްއާނުގައި ނަންފުޅު ބަޔާން ކުރައްވައިފައިވަނީ މަދުބޭކަލެކެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންގެ ވާހަކަ އާއި އެބޭކަލުންގެ ރިސާލަތާ ގުޅޭ ޚަބަރުތައް ބަޔާން ކުރައްވަމުން ނިސާ ސޫރަތުގެ 163 ވަނަ އާޔަތުން ފެށިގެން 165 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވެއެވެ.

إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا ﴿١٦٣﴾‏ وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا ﴿١٦٤﴾‏ رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا ﴿١٦٥﴾‏

މާނައީ؛ [نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ.އުފާވެރިކަމުގެ خبر ދެއްވާ، އަދި إنذار ކުރައްވާ رسول ބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) رسول ން ފޮނުއްވުމަށްފަހު، اللَّه ގެ މައްޗަށް މީސްތަކުން ދައްކާނޭ حجّة އެއް ލިބިގެން ނުވުމަށްޓަކައެވެ. عزيز ވަންތަ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.]

އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމުލް ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [ބަނީއިސްރާއީލުންގެ ތެރޭގައި ސިޔާސަތުގެ ކަންތައްތައް ހިންގަވައި އުޅުއްވީ ނަބީބޭކަލުންނެވެ. އެއްބޭކަލަކު އަވަހާރަވުމަށްފަހު އަނެއްބޭކަލަކު އެކަމާ ޙަވާލުވެވަޑައިގަންނަވައެވެ. ތިމަންކަލޭގެފާނަށްފަހު އެއްވެސް ނަބީބޭކަލަނުވެއެވެ. ތިއްބަވާނީ ޚަލީފާއިންނެވެ. އެބޭކަލުންގެ އަދަދު އިތުރުވެގެންދާނެއެވެ.] އެކަލޭގެފާނަށް ދެންނެވުނެވެ. [ދެން ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވަނީ ކޮންކަމަކަށްތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އޭގެ އެއްބޭކަލަކަށްފަހު އަނެއް ބޭކަލަކަށް ބައިޢަތު ހިފާށެވެ. އެބައިމީހުންގެ ޙައްޤުތައް އަދާކުރާށެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހު ﷲ އެބައިމީހުންނާ ޙަވާލުކުރެވުނު ކަންތައްތަކާމެދު ސުވާލު ކުރައްވާނެއެވެ.] { البخاري (ت ٢٥٦صحيح البخاري ٣٤٥٥ مسلم (ت ٢٦١صحيح مسلم ١٨٤٢}

އިބްނު މަސްޢޫދުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ، ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލެއްގެ ވާހަކަ ބަޔާންކޮށްދެއްވިއެވެ. މީސްތަކުން އެނަބިއްޔާގެ ގައިކޮޅުގައި ތަޅާ، ލޭފޮދު އޮހޮރުވައިލިއެވެ. އެހިނދު އެ ނަބިއްޔާ މޫނުފުޅުން ލޭފޮދު ފޮއްސަވަމުން ވިދާޅުވިއެވެ. [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ތިމަންކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ. އެބައިމީހުންނަށް ހަމަ ނޭނގެނީއެވެ.] { أخرجه البخاري (٣٤٧٧ومسلم (١٧٩٢وابن ماجه (٤٠٢٥وأحمد (٤١٠٧)}

އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރައްވައިފައިވެއެވެ. [ތިމަންމެން ނަބީބޭކަލުންގެ ޖަމާޢަތުގެ ބޭކަލުންނަކީ ބަފައިފުށުގެ އަޚުންނެވެ. ނަމަވެސް އެބޭކަލުންގެ މައިކަނބަލުން ތަފާތެވެ. އެބޭކަލުންގެ ދީނަކީ އެއްދީނެކެވެ.] { الألباني (ت ١٤٢٠صحيح الجامع ١٤٥٢صحيح }

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ހުރިހާ ނަބީބޭކަލުންނަށް ދެއްވި ޝަރީޢަތަކީ އެއް ޝަރީޢަތެކެވެ. ބައެއް ޝަރީޢަތްތަކުގެ ޙުކުމްތަކުގައި ކުދިކުދި ތަފާތުތައް އައިސްފައިވެއެވެ. ބައެއް ނަބީބޭކަލުންގެ ޝަރީޢަތުގައި ހުއްދަ ކަންތައްތައް އަނެއްބައި ނަބީބޭކަލުންގެ ޝަރީޢަތުގައި نَسَخ ކުރައްވައިފައިވެއެވެ. ނަމަވެސް ކޮންމެ ނަބީބޭކަލަކު ގޮވައިލެއްވި ދީނަކީ އިސްލާމްދީނެވެ. އެއީ ތައުޙީދުގެ ދީނެވެ. ހަމައެކަނި ﷲ އަށް އަޅުކަންކުރުމާއި، އެކަލާނގެއާ އެހެން އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. މިދެންނެވި ވާހަކަ ބަޔާން ކުރައްވާ އަންބިޔާއު ސޫރަތުގެ 25 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾‏

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!]

މިނޫނަސް މި މައުޟޫޢުގައި ބަޔާންވެގެންވާ އާޔަތްތައް ޤުރްއާނުގައި އެބަ ހުއްޓެވެ.

 

 

މިއަދު އޮންލައިން