ގިނަ ބައަކަށް ޙައްޤު މަގު ނުފެނިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ގިނަ ބައަކަށް ޙައްޤު މަގު ނުފެނިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟: ޢުމަރު ސުލައިމާން

ދުނިޔެ ފެށުނީންސުރެ މިއަދާއި ހަމައަށްވެސް އިސްލާމް ދީން ބަދަލެއް ނުވެއެވެ. ދެމިއޮންނަމުން އަންނަނީ އެއްގޮތަކަށެވެ. ﷲ ތަޢާލާ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުން ފޮނުއްވަވައިގެން އަންގަވައިދެއްވަވާ ކަންކަން މީސްތަކުން ބަދަލުކުރަނީއެވެ. ބާވައިލައްވަވާ ފޮތްތައްވެސް ބަދަލުކުރަނީއެވެ. ބަދަލުނުކުރެވުނީވެސް، ބަދަލުނުކުރެވޭނީވެސް ޤުރްއާނެވެ. އެއީ ޤުރްއާނުގެ މުޢްޖިޒާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮންމެއަކަސް ޙައްޤު މަގު އަބަދުވެސް އޮތީ އެއްގޮތަކަށެވެ. އެއަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ބަދަލުވަމުން އަންނަނީ މީސްތަކުންނެވެ.

ބައެއް މީހުން ސުވާލުކުރެއެވެ. ގިނަ ބައަކަށް ޙައްޤު މަގު ނުފެނިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ޙައްޤު މަގު ހޯދަން އެމީހަކު މަސައްކަތް ނުކުރާތީއެވެ. ޙައްޤު މަގު ހޯދަން މަސައްކަތްކުރާ އެންމެންނަށްވެސް ޙައްޤު މަގުދައްކަވާނެތެވެ. އިންޝާ ﷲ

ޙައްޤު މަގު ހޯދަން މީހުން ޝައުޤުވެރިކަން ހުރިނަމަ ކޮންމެ ދުވަހަކު އެމީހާގެ ލޮލަށް ދައްކަވާ ކަންކަމަށް ވިސްނައިލާށެވެ. އެންމެހައި މަތިވެރިކަމާއި ބާރުތައް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ބަޔާންކޮށް ދެއްވެވުމަށް ކޮންމެ ދުވަހަކު އެތައް ބައިވަރު ހެކިތައް ދައްކަވަތެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށް ދެއްކެވުމުގެ ގޮތުން މީސްތަކުންނަށް ނުކުރެވިގެން އުޅޭ އެތައް ކަމެއް ކޮންމެ ދުވަހަކުވެސް ހިންމަވައި ދެއްވަވަތެވެ. ލޮލުން ދެކެން ބޭނުންވާ މީހާ އިސްއުފަލާ ބަލާލައިފިނަމަ ފެންނާނީ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. ނަމަވެސް އެކަންކަން އެނގޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ.

މީސްތަކުންނޭވެ! ޙައްޤު މަގު ދައްކައިދޭން ޢިލްމްވެރިންނަށްވެސް ކުރެވޭނީ މަސައްކަތެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ކިބުރުވެރިވެ، ބޮޑާވުމާއި، ދުނިޔޭގެ އެދުން ބޮޑުވެ ގޮތް ދޫނުކުރަން ބޭނުންވާ މީހުން ސަލާމަތްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ނޫޙުގެފާނު 950 އަހަރު ކުރެއްވެވި މަސައްކަތްޕުޅުން ސަލާމަތްކުރެއްވެވުނީ 80 ވަރަކަށް މީހުންނެވެ. އަނބިކަނބަލުންނާއި ދަރިކަލުންވެސް ސަލާމަތެއް ނުކުރެއްވެވުނެވެ. އިބްރާހީމްގެފާނަށް ބައްޕާފުޅު ސަލާމަތެއް ނުކުރެއްވެވުނެވެ. ރަސޫލް (ﷺ) ތަކުރާރުކުރައްވަވައި އާދޭސްފުޅު ކުރެއްވެވުމުން ވެސް ބޮDuބޭބޭފުޅު ސަލާމަތެއް ނުކުރެއްވެވުނެވެ.

މީސްތަކުންނަށް ރަނގަޅު މަގު ދައްކައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ! އެމީހަކު އެކަން ޤަބޫލު ނުކޮށްފިނަމަވެސް ޖަދަލުކޮށް ޒުވާބު ނުކުރާށެވެ! އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ!

މަސައްކަތްކުރަންވީ އެމީހަކު ދީނުގައި ސާބިތުވުމަށެވެ. އިސްލާމް ދީން ޙިމާޔަތްކޮށް ނެގެހެއްޓުމަށެވެ. މީސްތަކުންނަށް ދީނަށް ދައުވަތުދީ ދިނުގެ ކަންކަން އޮޅުނަފިލުވައިދިނުމަށެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!

--އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން