ހަމަ އެންމެ ކަމަކުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމާ ފާފަތައް ފުއްސަވައިދެއްވަވާނެ މަގު ޤުރްއާނުން: ޝައިޚް ޔާސިރް ބިރްޖާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ހަމަ އެންމެ ކަމަކުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމާ ފާފަތައް ފުއްސަވައިދެއްވަވާނެ މަގު ޤުރްއާނުން: ޝައިޚް ޔާސިރް ބިރްޖާސް

މިކިޔާ އާޔަތުގެ މާނައަށް ވިސްނައިލާށެވެ!

"ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިއަބައިމީހުން، ތިމަންކަލޭގެފާނަށް ރަސޫލް (ﷺ) އަށް ތަބަޢަ ވާށެވެ! އޭރުން، ﷲ، ތިއަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިއަބައިމީހުންނަށްޓަކައި، ތިއަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 31)

ވީމާ ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، އޮތީ ރަސޫލާ ﷺ އަށް ތަބަޢަ ވުމެވެ. އެއިރުން، ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، އެމީހަކަށްޓަކައި، އެމީހާގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

މީސްތަކުންނޭވެ! ލޯބިވެރިޔާ ގާތުގައި ނަމަވެސް ޙަޔާތުގެ ބައިވެރިޔާ ގާތުގައި ނަމަވެސް ތިމަންނާ ލޯބިވާ ކަމަށް ބުނުމަކުން ނުފުދެއެވެ. ލޯބިވާކަން ޢަމަލުން ދެއްކުމުން ނޫނީ އެއްވެސް މީހަކު އެކަން ޤަބޫލެއް ނުކުރާނެއެވެ. އެއްވެސް މީހެއްގެ ގާތު ތިމާ އެމީހަކު ދެކެ ލޯބިވާކަމަށް ބުނެފިނަމަ އެކަން ޢަމަލުން ދައްކަން ބުނަނީ އެހެންވެގެންނެވެ. ވިސްނައިލާށެވެ! މީހަކު ދެކެ ލޯބިވާނަމަ އެކަން ތިމާ ބޭނުންވާހައި ގޮތަކަށް ސާބިތުކޮށްދިނުމަކުން ނުފުދެއެވެ. އެކަން ސާބިތުކޮށްދޭން ޖެހޭނީ އެމީހާ ބޭނުންވާ ގޮތަކަށެވެ. ވީމާ އިސްލާމް ދީނުގައި ވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. ﷲ ތަޢާލާ ދެކެ ލޯބިވާކަމަށްވާނަމަ އެކަން ސާބިތުކުރަން ޢަމަލުކުރަން ޖެހޭނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށެވެ. އަމިއްލަ ގޮތްތައް ކުރިއަކަށް ނުނެރެވޭނެއެވެ.

ﷲ ތަޢާލާ ވަޙޛި ކުރައްވަވާފައި އެވަނީ " ތިއަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިއަބައިމީހުން، ތިމަންކަލޭގެފާނަށް (ރަސޫލާ ﷺ އަށް) ތަބަޢަ ވުމަށެވެ. އެއިގެ މާނައަކީ ރަސޫލް (ﷺ) ގެ ސުންނަތާއި އެއްގޮތަށް ޢަމަލުކުރުމެވެ.

ރަސޫލް (ﷺ) އަށް ތަބަޢަވާންވީ، އަދި ރަސޫލް (ﷺ) ދެކެ ލޯބިވާންވީ އެކަމަށް ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވުމަކުން ނޫނެވެ! ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. އެކަމަށް އަމުރުފުޅު ކުރައްވަވައި ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އެކަން ބަޔާންކުރައްވަވާފައިވާތީއެވެ.

މީސްތަކުންނޭވެ! ރަސޫލް (ﷺ)ގެ ސުންނަތަށް ތަބަޢަވާންވީ ހަމައެކަނި އަޅުކަންކުރުމުގައެއް ނޫނެވެ. ތިމާގެ ދިރިއުޅުމުގެ ކަންކަމުގައިވެސް ތަބަޢަވާން ޖެހޭނެއެވެ. މަކާރިމުލްއަޚްލާޤްގެ ރިވެތި ސިފަތައް އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެއެވެ. އެހެނީ ރަސޫލް (ﷺ) އަކީ ރިވެތި އަޚްލާޤްގެ އެންމެ ފުރިހަމަ ނަމޫނާ އެވެ.

ވީމާ ތިމާ ﷲ ތަޢާލާ ދެކެ ލޯބިވާ މިންވަރު ވަޒަންކުރަން ތިމާގެ ހުރިހާ އަމަލުތައް ބެހެއްޓޭ ގޮތް ބަލަން ޖެހޭނެއެވެ. ރަސޫލް (ﷺ) ފަސްކޮށްދެއްވެވި ގޮތަށް ކަންކަން ކުރެވޭ މިންވަރު ބަލަން ޖެހޭނެއެވެ. އަޅުކަން ކުރުމާއި ގޭތެރޭގެ ދިރިއުޅުމުގަ އާއި އަދި އެންމެހައި މީސްތަކުންނާއި ކުރާ މުޢާމަލާތްތަކުގައިވެސް މެއެވެ. ތިމާއަށް ﷲ ތަޢާލާ ދެކެ ލޯބިވެވޭ މިންވަރު ވަޒަން ކުރެވޭނީ އެއިރުންނެވެ.

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމަކީ ﷲ ތައާލާގެ ލޯބިވެވިޑިގަތުން ލިބުމާއި އެމީހެއްގެ ފާފަތައް ފުހެވިގެން ދިއުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުމެވެ. އެހެނީ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި ފާފަތައް ފުއްސަވައި ދެއްވަވައިފިނަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމީހަކު ހިމެނޭނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައެވެ. އެފަދަ މީހަކީ ސުވަރުގެ ލިބިފައިވާ މީހެކެވެ.

-- ޝައިޚް ޔާސިރް ބިރްޖާސްގެ ދަރުސަކުން

މިއަދު އޮންލައިން