ދާދި ކުޑަކުޑަ ކަމަކަށް ސަމާލުކަން ދީގެން ގިޔާމަތް ދުވަހުގައި ރަސޫލް (ޞޢވ) އާއި އެންމެ ގާތުގައިވުމުގެ ފުރުޞަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދާދި ކުޑަކުޑަ ކަމަކަށް ސަމާލުކަން ދީގެން ގިޔާމަތް ދުވަހުގައި ރަސޫލް (ޞޢވ) އާއި އެންމެ ގާތުގައިވުމުގެ ފުރުޞަތު-

މިޙަދީޘްފުޅުތަކުން ފަށައިގެން ކުރިއަށްދަމާ ހިނގާށެވެ! ފަހުމްވާން ފަސޭހަވާނެތީއެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ.

1 "ތިޔަބައިމީހުން ކުރެ އެންމެ ހެޔޮ މީހަކީ އެންމެ އަޚްލާގް ރަގަޅުމީހާއެވެ".

2 "ޢަމަލުތަކުގެ ތިލަފަތުގައި އެންމެ ބަރު އެއްޗަކީ ރިވެތި އަޚްލާގެވެ."

3 "ތިޔަބައިމީހުން ކުރެ ތިމަންކަލޭގެފާނަށް އެންމެ ލޮބުވެތިކަންބޮޑު އަދި ގިޔާމަތް ދުވަހުގައި ތިމަންކަލޭގެފާނާއި އެންމެ ގާތުގައިވާނީ އެންމެ އަޚްލާގް ރަގަޅުމީހާއެވެ."

ކޮންމެ ކަމެއްގައިވެސް ރިވެތި އަޚްލާޤް އިސްކުރާށެވެ! ދުލުން ހެޔޮ ބަސް ނޫނީ ނުބުނާށެވެ! ހަރުކަށިނުވެ އޯގާތެރިކަމާއިއެކު މުޢާމަލާތުކުރާށެވެ! ހަރުކަށި ޢަމަލުތައް ނުކުރާށެވެ! އެހެން މީހުންގެ ހިތުގައި ޖެހޭނެ ބަހެއްވެސް ނުބުނާށެވެ! އަދި ގިނަގިނައިން ކުށް ޤަބޫލުކޮށް މާފަށް އެދޭ މީހަކަށްވާށެވެ!

ވާހަކަ ގިނަ ނުކުރާށެވެ! މީހަކަށް ކިތަންމެ ކުޑަކަމެއްގައި ނަމަވެސް އެހީތެރިވެވެން އޮވެ އެކަން ނުކޮށް ދޫކޮށްނުލާށެވެ! އަދި ކީއްޔެވެ؟ މަގުމަތީގައި ހިނގާފައިދާއިއރު އެހެން މީހުންނަށް ޖާގަދިނުމާއި މަގުގެ މެދުން ނުހިނގައި އެއްކައިރިން ހިނގުންވެސް ހިމެނިގެންވަނީ ރިވެތި އަޚްލާޤްގެތެރެއިންނެވެ.

އަދިވެސް ކީއްހެއްޔެވެ؟ އެހެން މީހުންނަށް އުނދަގޫވާނެ ކަންކަން ނުކުރުންވެސް ިމެނިގެންވަނީ ރިވެތި އަޚްލާޤްގެތެރެއިންނެވެ.

މިއިން ކޮންމެ ކަމަކީވެސް ރިވެތި އަޚްލާޤްގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ. މިކަންކަމަށް ސަމާލުކަންދޭންވީ ހަމައެކަނި ދުރުމީހުންނާއިމެދުގައެއް ނޫނެވެ. ދެމަފިރިންވެސް އެކަކު އަނެކަކަށެވެ. މައިންބަފައިން ދަރިންނަށެވެ. ދަރިން މައިންބަފައިންނެވެ.

ހަނދާންކުރާށެވެ! ރިވެތި އަޚްލާޤް ފެށިގެން އަންނާނީ އަމިއްލަ ގޭތެރެއިންނެވެ. އަމިއްލަ ޢާއިލާ އާއިމެދު ކަންކަންކުރެވޭ ގޮތުންނެވެ. ތިމާއަށް އުފާވެރިކަމެއް ލިބުމުން ޕާޓީބާއްވައި އަވަށްޓެރިންނަށް އުނދަގޫވާވަރަށް ލަވައިޖަހާ އުނދަގޫކުރާނަމަ އެއީ އަޚްލާޤީ އިމުން ބޭރުވެވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން