ކޮންމެ މީހަކާއި ބައްދަލުވި ނަމަވެސް ދީނުގެ ވާހަކަ ދެއްކުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކޮންމެ މީހަކާއި ބައްދަލުވި ނަމަވެސް ދީނުގެ ވާހަކަ ދެއްކުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް!

އަހުރެން އިސްލާމް ދީނަށް ދަޢުވަތުދިނުން އިޚްތިޔާރުކުރީ އިސްލާމް ދީނަކީ އެންމެ ރަނގަޅު ދީންކަމާއި ޙައްޤު މަގުގައި އޮތީ ހަމައެކަނި އިސްލާމްދީންކަން ޔަޤީންކުރެވުމުންނެވެ. ދުނިޔޭގެ އެންމެން އެއްކޮޅަށް ޖެހިފައި އެހެން ގޮތަކަށް ބުނިނަމަވެސް އަހުރެން އެއެންމެންގެ ވާހަކަވެސް ދޮގުކުރާނަމެވެ. އެއީ ކިތަންމެ ގިނަ ބައަކު ބުނި ނަމަވެސް އަހުރެން ބުރަވާނީ އަހުރެންގެ ތަޖުރިބާއަށް ކަމުގައިވާތީއެވެ.  

ހަމައެއާއިއެކު އެންމެ ރަނގަޅު ގޮތް އެނގުމުން އެހެން މީހުންނަށް ޙިއްޞާކުރުމަކީ އިންސާނުން ކުރަންޖެހޭނެ ކަމެކެވެ. އަދި އެއީ އެންމެ ކުރީ ޒަމާނުންސުރެ ކުރަމުން އަންނަ ކަމެކެވެ. މިއަދުވެސް ނުހަނު ބުރަ މަސައްކަތުން ފައިދާހުރި ހޯދުންތައް ހޯދުމަށްފަހު އެހެން މީހުންނަށް ޙިއްޞާކުރޭ ނޫންހެއްޔެވެ؟ ވީއިރު މީސްތަކުންނަށް އެންމެ ފައިދާހުރި މަގު، ސުވަރުގެ ދެވޭނެކަން ޔަޤީންކުރެވެން އޮތް މަގު އެހެން މީހުންނަށް ޙިއްޞާކުރުމަކީ އެންމެ ބޮޑު ވާޖިބު ކަމަށް އަހުރެން ދެކެމެވެ. 

ހަމައެއާއިއެކު ބުނެލަން ބޭނުންވަނީ ދީނީ ޢިލްމުވެރިއަކަށް ނުވި ނަމަވެސް ކޮންމެ މުސްލިމަކުވެސް ވާންޖެހޭނީ އިސްލާމްދީނަށް ދަޢުވަތުދޭ މީހަކަށެވެ. ކޮންމެހެން ބޮޑެތި ބައްދަލުވުންތައް ބާއްވައި ދަރުސް ނުދިން ނަމަވެސް އަދި ޓީވީ ޕްރޮގްރާމްތަކުގައި ވާހަކަނުދެއްކި ނަމަވެސް ދަޢުވަތުދެވޭނެއެވެ.  

އެކުވެރިން ނުވަތަ ގާތް މީހުންނާއި ބައްދަލުވެ ވާހަކަދައްކާއިރު އިސްލާމް ދީނުގެ މަތިވެރިކަމުގެ ވާހަކަ ދެއްކުމަކީވެސް ދީނަށް ދަޢުވަތުދިނުމެވެ. އެއީ އެކަމުގެ ސަބަބުން އަނެކާގެ ހިތުގައި ދީނަށް ލޯތްބާއި ޝައުޤުވެރިކަން އުފެދޭނެތީއެވެ. އެގޮތުން ނަމާދުކުރުމާއި އެހެން މީހުންނަށް ހެޔޮކޮށް ހިތުމާއި ރިވެތި އަޚްލާޤްގެ ވާހަކަވެސް ދެއްކިދާނެއެވެ.  

މިއީ ޞަޙާބީންވެސް ޢަމަލުކުރެއްވެވި ގޮތެވެ. އެއްބޭކަލަކު އަނެއްބޭކަލަކާއި ބައްދަލުވުމުން ދީނުގެ ވާހަކަ ދައްކަވަތެވެ. ޢަޤީދާ އާއި ދީނަށް ޢަމަލުކުރުމަށް އަމިއްލަ ނަފުސަށްވެސް ބާރުއެޅުމުގެ ގޮތުންނެވެ. ވީމާ މިއީ އަހުރެމެން އިތުރު ހިތްވަރަކާއިއެކު ކުރަން ފަށަން ޖެހިފައިވާ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން