ތިބާ ބޭނުންވާ ހުރިހާ ކަމެއް ޙާޞިލްކުރަން އެންމެފަސޭހަ މަގު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ތިބާ ބޭނުންވާ ހުރިހާ ކަމެއް ޙާޞިލްކުރަން އެންމެފަސޭހަ މަގު-!

ތިބާ އެދޭ ހުރިހާ ކަންކަން ހުރީ ޚަޒާނާއެއްގައެވެ. ތިބާއަށް އޮތީ ތަޅުދަނޑިން ތަޅު ހުޅުވައިގެން ޚަޒާނާއަށް ވަނުމެވެ. ޚަޒާނާއަށް ވަދެވިއްޖެނަމަ ޙާޞިލުނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ޚަޒާނާގެ ތަޅުދަނޑި އޮތީ ތިބާގެ އަތުގައެވެ. ވީއިރު ޚަޒާނާ ހުޅުވައިގެން ވަދެ އެދޭހައި ކަންކަން ޙާޞިލުނުކޮށް ތިއަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟

އެ ތަޅުދަނޑި އަކީ أَسْتَغْفِرُ اللَّهَ  އެވެ. ފާފަ ފުއްސެވުން އެދި ދުޢާ ކުރުމެވެ. އެކަން ކުރުން ގިނަކޮށްފި މީހަކަށް ޙާޞިލު ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެކަމުގެ ދަލީލުތައް ވަރަށް ގިނަ ދަރުސްތަކުގައި ވާނީ ގެނެސް ދެވިފައެވެ.

މިރޭ މިވާހަކަ ދައްކަން މިޖެހެނީ މިދައްކާ ވާހަކަތަކުގެ އަޑު އިވުން ހަމަ ކުޑަވާތީއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރަކަށް އައިސް އިސްތިޣްފާރު ކުރުން ހަދާފައިވަނީ ކަމެއް ބޮޑުވުމުން ދުލުން ބުނެލާ ބަހަކަށެވެ. ކަމެއް ބޮޑުވާ ވަގުތު، ނުވަތަ ޙައިރާންކަމެއް ލިބޭ ވަގުތު أَسْتَغْفِرُ اللَّهَ ބުނެލުމުން ނިމުނީއެވެ.  

މީސްތަކުންނޭވެ! މި އާދަ ބަދަލުކުރާށެވެ! ރަސޫލް () ކޮންމެ ދުވަހަކު 100 ފަހަރާއި 70 ފަހަރާއި ދެމެދުގެ އަދަދަކަށް ތައުބާވެވަޑައިގެން ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރެއްވެވިއެވެ. އިސްތިޣްފާރު ކުރެއްވެވިއެވެ. އެއީ ހަމަ އެއްވެސް ވަރެއްގެ ފާފައެއް ދުވަހަކުވެސް ނުކުރައްވަވާ ޙާލުކޮޅުގައެވެ. ވީއިރު އަހަރެމެން އަބަދު ފާފަކުރެވިކުރެވި ތިބޭ ބައަކު ދުވާލަކު މަދުވެގެން 1000 އިސްތިޣްފާރު ނުކޮށް ސަލާމަތް ވެވޭނެ ހެއްޔެވެ؟ 

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހަކު އެދޭ ހުރިހާ ކަމެއް ވެސް ޙާޞިލުވުމެވެ. އެހެންކަމަށްވާއިރު މިދެއްކި ވާހަކަކޮޅަށް ޢަމަލުކުރާށެވެ! ގިނަގިނައިން އިސްތިޣްފާރު ކުރުމުގައި ސާބިތުވާށެވެ! ޙާޞިލު ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އިން ޝާ ﷲ.

أَسْتَغْفِرُ اللَّهَ ، أَسْتَغْفِرُ اللَّهَ ، أَسْتَغْفِرُ اللَّهَ أَسْتَغْفِرُ اللَّهَ ، أَسْتَغْفِرُ اللَّهَ ، أَسْتَغْفِرُ اللَّهَ أَسْتَغْفِرُ اللَّهَ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން