ދިރިއުޅުން ކުރިއަރާނީ ވިސްނުންތޫނު އަނބިންގެ ބަސް އަޑުއަހައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދިރިއުޅުން ކުރިއަރާނީ ވިސްނުންތޫނު އަނބިންގެ ބަސް އަޑުއަހައިގެން!

ވިސްނުން ތޫނު، ދިރިއުޅުމުގައި ކުރިއަށްދާން ބޭނުންވާ ފިރިހެނުން ބޭނުންވާނީ ގޮވައިގެން ރެސްޓޯރަންޓްތަކަށާއި ޕާޓީތަކަށް ދާނެ އަންހެނެއް ނޫނެވެ. ބޭނުންވާނީ އޭނާ ކުރާ ކަންކަމަށް ފާޑުކިޔައި ރަނގަޅު ގޮތް ބުނެދެވޭނެ އަންހެނެކެވެ. އޭނާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން މަސައްކަތްކުރާނެ އަންހެނެކެވެ. 

ރެސްޓޯރަންޓްތަކަށާއި ޕާޓީތަކަށް ދިއުމަކީ އަތުން ލާރި މަދުވާނެ ކަމެކެވެ. ހައްދުފަހަނައަޅައިފިނަމަ އަތުން ފައިސާ ހުސްވެ ދަރަނިވެރިވެސްވާ ކަންކަމެވެ. ވީމާ އިސްކަންދޭން ޖެހޭނީ ފައިސާ އިތުރުކުރެވޭނެ ގޮތްތަކަށެވެ. މަދުކުރެވޭނީ ނުވަތަ ކަރަދުކުރެވޭނީ އަތުގައި ހުރެގެން ނޫންހެއްޔެވެ؟ 

މިވާހަަކ މިހެން ދެއްކުމުން ބައެއް ފިރިހެނުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިދާނެއެވެ. ހިތްހަމަޖެހުނަސް ނުޖެހުނަސް ޙަޤީޤަތަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ވީމާ ހިތްހަމަނުޖެހިދާނެތީ ކަންބޮޑެއް ނުވަމެވެ. 

ތޫނުފިލި އަނބިން ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވާނަމަ އެފިރިހެނެއްގެ ވިސްނުމުގައި މައްސަލަތަކެއް ހުންނާނެއެވެ. އަދި ތެދުވެރިއަކަށްވެސް ނުވާނެއެވެ. އަތްފައިން ބުރަމަސައްކަތް ކުރުމުގައި އަންހެނުންނަށް ފަހަތަށް ޖެހެން ޖެހުނު ނަމަވެސް ވިސްނުމުގެ ގޮތުން ގިނަ އަންހެނުން ތިބެނީ މާކުރީގައެވެ. 

އަންހެނުންނަށް ލަނޑުލިބޭވަރު ގިނަވަނީ އަންހެނުންނަށް ނުވިސްނޭތީއެއް ނޫނެވެ. ބަލިފައިގެ ސަބަބުންނެވެ. އެއީ ކޮށްގެން ނުވާނެ ވަރަށް އިތުބާރުކުރެވޭތީއެވެ. ހަމައެފަދައިން ގިނަ އަންހެނުންނަށް ކުރިއަށް ނުދެވެނީ ކުރިއަސް ދާން ކުރަންވީ ކަންކަން ނުއެނގޭތީއެއް ނޫނެވެ. ބައިވެރިޔާގެ އެއްބާރުލުން ނުލިބޭތީއެވެ. 

ގޮތް ބަލައިލަންވެސް ނިކަން މިކަންކަމަށް ވިސްނައިގެން ކުރިއަށްދާން ދެމަފިރިން މަސައްކަތްކޮށްބަލާށެވެ! ހީވެސް ނުކުރެވޭހައި ބާރުމިނުގައި ދިރިއުޅުމުގެ ކަންކަން ކުރިއަރައިގެންދާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން