ދުނިޔެއަށް ފޮނުއްވެވީ ކުޅިވަރަކަށް ކަމަށް ހީކުރާ މީހުންނަކަށް ދެދުނިޔޭގެ އުފާވެރިކަމެއް ނުލިބޭނެ!: ޝައިޚް އިބްރާހީމް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ދުނިޔެއަށް ފޮނުއްވެވީ ކުޅިވަރަކަށް ކަމަށް ހީކުރާ މީހުންނަކަށް ދެދުނިޔޭގެ އުފާވެރިކަމެއް ނުލިބޭނެ!: ޝައިޚް އިބްރާހީމް ފަރީދު

މިއީ އިންޒާރެއްކަމަށް ނުވަތަ ނަޞޭޙަތެއްކަމަށް ބެލުމަކުން އެއްވެސް މައްސަލައެއް ނެތެވެ. ބޭނުމަކީ އާޚިރަތާއިމެދު މިއަދުގެ ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ހެޔޮ ނަޞޭޙަތެއް ދިނުމުން ބިރު ނުދައްކަން ބުނާ ބައަކުވެސް އުޅެއެވެ. އެއީ ހެޔޮ ނަޞޭޙަތް އަޑުއަހަން ބޭނުން ނުވާތީއެވެ.

އެކަމަކު ބުނަންނެއްޔެވެ؟ ހެޔޮ ނަޞޭޙަތް އަޑުއަހައި ޤަބޫލުނުކުރެވުނީތީ ހިތާމަކުރަންޖެހޭނެ ދުވަހެއް އަންނާނެއެވެ. އެދުވަހަކީ މީހަކު ރޯރުއިމަކުން ފައިދާކުރާނެ ދުވަހެއް ނޫނެވެ. އެދުވަހު ފައިދާކުރާނެ ހަމައެކަނި ކަމަކީ ކުރެވިފައިވާ ހެޔޮ ޢަމަލެވެ. ހެޔޮޢަމަލުކުރެވޭނީ ދެވޭ ހެޔޮ ނަޞޭޙަތް އަޑުއަހައި ޤަބޫލުކުރި މީހަކަށެވެ.

ވީމާ ޝައިޚް ފަރީދުގެ މިބަސްކޮޅާއިމެދު ވިސްނައިލާށެވެ.

الْحَمْدُ للهِ رَبِّ الْعَالَمِيْن وَاصّلاَةُ وَالسَّلاَم عَلَى نَبِيّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن, وَبَعْدَة

އަޅުގަނޑުމެން މިދުނިޔެތެރޭގަ ޒުވާނުން މިހެން އުޅެމުންދާހިނދު ޒުވާނުންގެ ދައުރަކީ ކޮބާހޭ؟ ޒުވާނުންގެ ގޮތުގާ ޒުވާނުން ތިބެގެން ކޮންކަމެއްހޭ ކުރަންވަނީ!

اللهُ سُبْحَانَهُ وَتَعَالى ކީރިތި ޤުރްއަނުގާ ވަޙީ ކުރައްވާފައިވޭ أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا ތިޔަބައިމީހުން ހީކުރީހޭ ތިމަން ﷲ ތިޔަބައިމީހުން އުފައްދަވާފައި ވަނީ ކުޅިވަރަކަށް ކަމުގައި، އެއްވެސް ބޭނުމެއްނެތް މާނައެއް ނެތް ގޮތެއްގާ ހަމަމިހެން ދުނިޔެއަށް ފޮނުއްވާފައިވާ ބައެއްގެ ގޮތުގާ އުޅެން ފޮނުއްވާފައިވާ ބައެއް ކަމަށްހޭ ތިޔަބައިމީހުން ހީކުރަނީ. ތިޔަބައިމީހުންނަކީ ކުޅިވަރަކަށް ދެން އެއްވެސް މާނައެއްނެތް ގޮތެއްގާ މިދުނިޔެތެރޭގައި އެނބުރެން މިހެން ދޫކޮށްލައްވާފައިވާ ބައެއްގެ ގޮތުގާހޭ ދެކެނީ،

اللهُ سُبْحَانَهُ وَتَعَالى މިއަންގަވަނީ وَأَنَّكُمْ إِلَيْنَا لا تُرْجَعُونَ އަދި ހަމަކަށަވަރުން ތިޔަބައިމީހުން މަރުވެގެން ތިމަން ﷲގެ ޙަޟްރަތަށް އަންނަން ނުޖެހޭނެ ކަމަށް ތިޔަބައިމީހުން ހީކުރީ ހެއްޔެވެ. އެހެންނަކުންނުވާނޭ! ތިޔަބައިމީހުން މަރުވެގެން ތިމަން ﷲ ގެ ޙަޟްރަތަށް އަންނަން ޖެހޭނޭ،

މިދުނިޔެއަށް ތިޔަބައިމީހުން ފޮނުއްވާފައިވަނީ ކުޅިވަރަކަށް ނޫނޭ މަޖާ ކުރާކަށް ނޫނޭ އަދި މަޖަލަކަށް ނޫނޭ މާނައެއް ނެތް ގޮތުގައެއް ނޫނޭ، މަޤްޞަދެއް އެބައޮތޭ. މާނައެއްވެސް އެބައޮތޭ. ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓޭ ކޮށްގެން ނުވާނެ ކަންތައްތަކެއްވެސް އެބަހުއްޓޭ އެހެންވީމާ އެފަދަ މަޤްޞަދެއް އޮތްކަން ދެނެގެން އެމަޤްޞަދު އަދާކުރުމަށްޓަކައި މަސައްކަތް ކޮށްފި ކަމަށްވާނަމަ ދެދުނިޔޭގެ ހުރިހާ އުފާ ލިބޭނެ. ހަމައެކަނި މިދުނިޔެ އެކަންޏެއްނޫން. ދެދުނިޔޭގެ އުފާފާގަތިކަމާ ބާއްޖަވެރިކަމާ، އަރާމާ، ހިތްހަމަޖެހުމާ ހުރިހާ އެއްޗެއް އިންޝާ ﷲ ލިބޭނެ .

--ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން

މިއަދު އޮންލައިން