މިއީ ކުޑަޔަސް ބޮޑަސް އިމްތިޙާންތަކުން ފާސްނުވާ ކޮންމެދަރިވަރަކަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މިއީ ކުޑަޔަސް ބޮޑަސް އިމްތިޙާންތަކުން ފާސްނުވާ ކޮންމެދަރިވަރަކަށް އަގުހުރި ފިލާވަޅެއް!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.

ޔަޙްޔާ ބުން ޔަޙްޔާ އައްލައިޘީ رحمه الله އަކީ އަންދަލުސްގެ ބޭކަލެކެވެ. އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވުމަށް އިމާމު މާލިކު رحمه الله ގެ އަރިހަށް މަދީނާއަށް ވަޑައިގެންނެވިއެވެ.

އެއް ދުވަހަކު، އާދައިގެ މަތިން އިމާމު މާލިކު رحمه الله މަސްޖިދުއް ނަބަވީގައި ކިޔަވައިދެއްވަން އިންނެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިވަރުން އެކަލޭގެފާނުގެ އަރިހުގައި ތިއްބެވިއެވެ. ޔަޙްޔާ ބުން ޔަޙްޔާ އައްލައިޘީވެސް އެތަނުގައި އިންނެވިއެވެ. އެހިނދު މީހަކު ގޮވާއަޑު އިވުނެވެ. "މަދީނާއަށް އެތެއް ވަދެއްޖެއެވެ!"

މަދީނާގައި އެތް ނޫޅޭތީ މަދީނާގެ އަހުލުވެރިންނަށް ކުރިން އެތެއް ފެނިފައި ނުވެއެވެ. އެހެންކަމުން މީސްތަކުން އެ އެތް ބެލުމަށްޓަކައި އެ ދިމާލަށް ދިޔައެވެ. އިމާމު މާލިކު رحمه الله ގެ އަރިހުގައި ތިބި އެކަލޭގެފާނުގެ ހުރިހާ ދަރިވަރުންވެސް އެތް ބެލުމަށް ނުކުތެވެ. އެންމެ ދަރިވަރަކު ފިޔަވައެވެ. އެއީ ޔަޙްޔާ ބުން ޔަޙްޔާ އައްލައިޘީ رحمه الله އެވެ. 

އެކަލޭގެފާނު އެތް ބަލަން ނުނިކުތުމުން އިމާމު މާލިކު رحمه الله އެކަމާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. "އެތް ބަލައިލަން ނުނިކުތީ ކީއްވެ ހެއްޔެވެ؟ އަންދަލުސްގައިވެސް އެތެއް ނޫޅޭ ނޫން ހެއްޔެވެ؟"

ފަހެ، އެކަލޭގެފާނު ޖަވާބުގައި ދެންނެވިއެވެ. "ތިމަންގެ ރަށުން މިތަނަށް ތިމަން އައީ ކަލޭގެފާނާ ބައްދަލުކުރުމަށެވެ. އަދި ކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނުމަށެވެ. އެތް ބަލާކަށެއް ނޫނެވެ." 

އެކަލޭގެފާނުގެ މިޖަވާބުން އިމާމު މާލިކު رحمه الله އަޖައިބުވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށް އަންދަލުސްގެ ބުއްދިވެރިޔާގެ ލަޤަބު ދެއްވިއެވެ. 

--އަލް އުޚްތު އުންމު ޢަބްދިﷲ / ދިސަލަފިއްޔާ 

 

 

މަޞްދަރު: ترتيب المدارك وتقريب المسالك للقاضي عياض (3 / 382 – 383).

 

މިއަދު އޮންލައިން