ކައްވަޅު ތިމާ ފިއްތައިލާނެ ޢަދަދާއި ފިއްތައިލާނެ ބާރުމިނާއިމެދު ވިސްނާ މީހަކުވެސް ހިލޭ މީހުންގެ ގައިގަ ބައްދައި އޮޅުލައެއް ނުހަދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކައްވަޅު ތިމާ ފިއްތައިލާނެ ޢަދަދާއި ފިއްތައިލާނެ ބާރުމިނާއިމެދު ވިސްނާ މީހަކުވެސް ހިލޭ މީހުންގެ ގައިގަ ބައްދައި އޮޅުލައެއް ނުހަދާނެ!

މަރުވެ ވަޅުލެވުމާއިއެކު ބިންގަނޑު ތިބާ ފިއްތައިލާނެއެވެ. އެކި މީހުން އެކި ޢަދަދަށެވެ. ކިހައި ބާރުމިނެއްގައި ހެއްޔެވެ؟ އެއްފަރާތުގެ ކަށިތައް އަނެއްފަރާތުން ނުކުންނަ ވަރަށެވެ. މިކަމުން ސަލާމަތްވެވޭނެ ހަމައެކަކުވެސް ނުހުންނާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.   

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. 

"ކައްވަޅުގައި ތިބާ ފުރަތަމަފަހަރަށް ފިއްތައިލެވުމާއިއެކު ދުނިޔޭގައި ތިބާ ލޯބިން ބައްދައި އޮޅުލި ހުރިހާ ފަހަރެއްގެމަތިން ހަނދާންނެތިގެންދާނެއެވެ. ޙަލާލް ނޫން ގޮތުގައި ހަމައެކެއްގެ ގައިގައިވެސް ނުވެސް ބީހޭށެވެ!" 

ވިސްނައިފިނަމަ މިއީ ވަރަށް އަގުހުރި ނަޞޭޙަތެކެވެ. ނަމަވެސް ގިނަވަމުންދަނީ ނުވިސްނާ މީހުންނެވެ. ސިއްރިޔާތުގައި ކުރަންފެށިކަންތައް މަގުމަތީގައާއި ހާމަތަންތަނުގައި ކުރަން ލަދު ނުގަންނަ މީހުން މިދަނީ ގިންވަމުންނެވެ. 

އެގޮތަށް އެކަންކުރާ މީހުންނަށް ހީވެގެން އުޅެނީ އެބާވަތުގެ ޢަމަލުތައް ނުކުރަން ޢިލްމުވެރިން ވިދާޅުވަނީ ޢިލްމުވެރިންނަށް ފައިދާއަކަށް ކަމަށެވެ. ނަމަވެސް އެއީ މުޅިން ނުބައި ވިސްނުމެކެވެ. ޢިލްމުވެރިން ހެޔޮ ނަޞޭޙަތް ދެއްވީމާ އެބޭކަލުންނަށް ޘަވާބު ދެއްވަވާނެތެވެ. މީހަކު ޢަމަލުކުރިނަމަވެސް އަދި ނުކުރި ނަމަވެސްމެއެވެ. 

ހަމައެފަދައިން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުމުން ލިޔުއްވަވާނީ އެކަން ކުރި މީހެއްގެ ފަތުގައެވެ. ފާފަވެރިވާނީވެސް ހަމަ އެމީހެކެވެ. ވީމާ ހުރިހާ ދެރައެއްވެސް އަނިޔާއެއްވެސް ލިބޭނީ ހަމަ ފާފަކުރި މީހަކަށެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. ކައިވެނިނުކޮށް ތިބެ ބައްދައި އޮޅުލައި ބޮސްދިނުން ނަމަވެސް އެހެން ފާފައެއް ނަމަވެސް އެއްވެސް ފާފައެއް ޢާންމުކޮށް ދައްކައިގެން ކުރުމުން ކުރި ފާފައިގެ އިތުރުން އެފާފަކުރުން އިޝްތިހާރުކުރިކަމުގެ ފާފަ އުފުލަން އެމީހަކަށް ޖެހޭނެއެވެ. ހިލޭ މީހުންގެ ގައިގައި ބައްދައި އޮޅުލައި ބޮސް ދިނުން ކޫލްކަމަށް ޤަބޫލުކުރެވުނު ނަމަވެސް ނަރަކައިގެ އަލިފާން ކޫލެއް ނުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން