ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ލިޢާންކުރުން ވާޖިބުވެގެންވަނީ ދެ ޙާލަތެއްގައެވެ. އެއީ:
(ހ) އަނބިމީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުން.
(ށ) ދަރި ނަފީ ކުރުން، ނުވަތަ ބަލިވެ އިނީ އޭނާގެ ދަރިޔަކަށް ނޫންކަމަށް ބުނުން.
ދަރި ނަފީކުރުމަށްޓަކައި ހުށަ އަޅަންޖެހޭނީ ކަމާ ބެހޭ ކޯޓަށެވެ. ޢިލްމުވެރިން ބަޔާންކޮށްފައިވާ ގޮތުން ދަރި ވިހެއުމުގެ ކުރިން ވެސް ނަފީ ކުރެވިދާނެއެވެ. އަދި ވިހާ ފަހުން، ނަންކިއުމާމެދު އޮންނަ ހަތް ދުވަހުގެ ތެރޭގައި ވެސް ނަފީ ކުރެވިދާނެއެވެ. އަދި އަނބިމީހާގެ ނިފާސްގެ މުއްދަތުގައި ވެސް ނަފީ ކުރެވިދާނެއެވެ. ނަމަވެސް ޙަނަފީ މަޒުހަބުގައި އޮތް ގޮތުން ދަރި ވިހެއުމަށް ފަހު، އޭނާއަށް ލިބޭ ތަހުނިޔާތައް ޤަބޫލު ކުރުމަށް ފަހު ދެން އެ ދަރި ނަފީއެއް ނުކުރެވޭނެއެވެ. ސަބަބަކީ ކުރިން އޭނާގެ ރުހުން އެކަމަށް އޮތުމެވެ. އެކަމާމެދު ސުކޫތުވުމެވެ. ސުކޫތުން ދޭހަކޮށްދެނީ ރުން އޮތްކަމެވެ. މިއީ ޙަނަފީ މަޒުހަބުގެ ބައެއް ޢިލްމުވެރިންގެ ރައުޔެވެ. ނަމަވެސް ޙަނަފީ މަޒުހަބުގެ މުޖުތަހިދު ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނިފާސްގެ މުއްދަތުގެ ތެރޭގައި ދަރި ނަފީ ކުރެވިދާނެއެވެ. އެއީ ވިހެއުމުގެ އަސަރުކަމުގައިވާތީއެވެ.
ޝާފިޢީ މަޒުހަބުގައި އޮތް ގޮތުން ދަރި ނަފީ ކުރާ ނަމަ އެކަމުގައި އޮތް ގޮތަކީ ވީ އެންމެ އަވަހަށް ނަފީ ކުރުމެވެ. ކޮންމެހެން ވިހަންދެން އިންތިޒާރު ކުރާކަން ނުޖެހެއެވެ. ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން މިމައްސަލައިގައި ތާއިދު ކުރަނީ ޙަނަފީ މަޒުހަބުގެ ގިނަ ޢިލްމުވެރިންގެ ރައުޔަށެވެ. އެއީ ދަރި ނަފީ ކުރެވެނީ ވިހެއުމަށް ފަހުގައި ކަމަށެވެ. މާލިކީ މަޒުހަބުގެ ޢިލްމުވެރިން ދަރި ނަފީ ކުރުމުގައި ފުރިހަމަ ވާންޖެހޭ ދެ ޝަރުޠެއް ބަޔާންކުރައްވާފައިވެއެވެ. އެއީ އަނބިމީހާއާއެކު ޖިމާޢު ނުވެ ހުރި މުއްދަތުގައި އަނބިމީހާ ބަލިވެ އިންކަމަށް ބުނުމާއި ވިހެއިމުގެ ކުރިން ނަފީކުރުމެވެ.
ޚުލާޞާއަކީ ޙަނަފީ މަޒުހަބާއި ޙަންބަލީ މަޒުހަބުގައި ވިހެއުމުގެ ކުރިން ދަރި ނަފީ ނުކުރެވެއެވެ. ޝާފިޢީ މަޒުހަބާއި މާލިކީ މަޒުހަބުގައި ވިހެއުމުގެ ކުރިން ވެސް ފަހުން ޖާއިޒުވެގެން ވެއެވެ.
ލިޢާންގައި ފުރިހަމަވާންޖެހޭ ޝަރުޠު:
- ލިޢާން ކުރެވެންޖެހޭނީ ޙާކިމު، ނުވަތަ ޤާޟީގެ ކުރިމަތީގައެވެ.
- ފަސް ފަހަރު ހުވަކުރުން، މިޢަދަދު އުނި ވެއްޖެ ނަމަ ލިޢާން ޞައްޙައެއް ނުވާނެއެވެ.
- ލިޢާން ކުރަން ފަށަންވާނީ ފިރިމީހާއެވެ.
- ލިޢާން ކުރަމުން ދާއިރު، އެކަކު އަނެކަކަށް އިޝާރާތް ކުރުން.
ލިޢާން ކުރުމުގައި ޤާޟީގެ ދައުރު:
ލިޢާންކުރަންވާނީ ޙާކިމުގެ ކުރިމަތީގައެވެ. ނުވަތަ ޙާކިމު ތަމްސީލު ކުރާ ޤާޟީގެ ކުރިމަތީގައެވެ. އަދި އެދެމީހުންނަށް ޤާޟީގެ ފަރާތުން ލިޢާން ކުރުމުގެ ކުރިން ނަސޭޙަތް ދެވެންވާނެއެވެ. އަދި އެދެމީހުން ކުރެ އެކަކީ ދޮގުވެރިއެއްކަމުގައި ﷲ ދެނެވޮޑިގެންވާ ކަން އެދެމީހުންނަށް ހަނދާންކޮށްދެވެންވާނެއެވެ. (ވަހުބާ ޒުޙައިލީ، 7110).
ދަރި ނަފީކުރުމަށް ފަހު، ލިޢާންކުރުމަށް ފިރިމީހާ ދެކޮޅު ހަދައިފި ނަމަ އޭނާގެ ގައިގައި ޤަޛުފުގެ ޙައްދުޖެހޭނެ ކަމަށް ޖުމުހޫރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ޙަނަފީ މަޒުހަބުގެ ރައުޔަކީ ލިޢާންކުރުމަށް ދެކޮޅު ހަދައިފި ނަމަ ބަންދު ކުރުމެވެ. އަދި އެ މުއްދަތުގައި އޭނާގެ ހެދީ ދޮގެއްކަމުގައި ބަޔާންކޮށްފި ނަމަ ޤަޒުފުގެ ޙައްދު ޖެހޭނެކަމުގައެވެ. ފިރިމީހާ ލިޢާންކުރުމަށް ފަހު، ލިޢާންކުރުމަށް އަނބިމީހާ ދެކޮޅު ހަދައިފި ނަމަ، ޙަނަފީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އޭނާ ދޫކޮށްލެވޭނެކަމުގައެވެ.
ލިޢާންގެ ނަތީޖާ:
އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތީން ދެ މަފިރިންގެ މެދުގައި ލިޢާން ކުރެވިއްޖެ ނަމަ އެއިގެ މައްޗަށް އަންނަނިވި ކަންކަން ތަރުތީބު ވެގެން ދެއެވެ.
ދެމީހުން ކުރެ މީހެއްގެ ގައި ގައި ޙައްދެއް ނުޖެހޭނެއެވެ. ޤަޒުފު ކުރި ކަމުގެ ޙައްދު ފިރިމީހާގެ ގައިގައި ނުޖެހޭނެއެވެ. އަދި ޒިނޭގެ ޙައްދެއް އަނބިމީހާގެ ގައިގައި ވެސް ނުޖެހޭނެއެވެ. އެދެމީހުންގެ ކަންކަންވަނީ ﷲ ގެ ހަޟްރަތަށެވެ. އެދެމީހުންގެ ތެރެއިން ދޮގުވެރިޔަކީ ކާކުކަން މާތް ﷲ ދެނެވޮޑިގެންވެއެވެ. ދެމީހުންގެ އަބުރު ވެސް މި ދުނިޔޭގައި ޙިމާޔަތްވީއެވެ. އަންހެނާއަކީ ޒިނޭ ކޮށްފައިވާ މީހެއްކަމަށް ބުނެ އޭނާއަށް މަލާމާތެއް ނުކުރެވޭނެއެވެ.
-ދަރިފުޅުގެ ނަސަބު ފިރިމީހާއަށް ނިސްބަތް ނުކުރެވޭނެއެވެ. ދަރި ލައްވާނީ ތައްމައްޗަށެވެ.
-ޤާޟީ އެ ދެމަފިރިންގެ ކައިވެނި ރޫޅައި އަބަދަށްޓަކައި ވަކި ކުރާނެއެވެ. ލިޢާން ކުރުމަށް ފަހު އެ ދެމީހުންނަށް އަލުން ދުވަހަކު ވެސް ކައިވެނި ނުކުރެވޭނެއެވެ.
ލިޢާންގެ މަފްހޫމުގެ މައްޗަށް މި މަޒްމޫނުގައި ލިޔާން ޤަސްތުކުރި މިންވަރު ލިޔެ ނިމުނީއެވެ. އިސްވެ ބަޔާންވެ ދިޔަ ޙުކުމްތައް ފިޔަވައި ވެސް ލިޢާންގެ މައްސަލައިގައި ޢިލްމުވެރިން ވަރަށް ގިނަ ވާހަކަތައް ދައްކަވާފައިވެއެވެ. މި މަޒްމޫނުގެ މަޤުޞަދަކީ ލިޢާން ކުރުމުގައި ޑީއެންއޭގެ ދައުރާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރީން ލިޢާންގެ ޙަޤީޤަތުގެ މައްޗަށް ކުރުގޮތަކަށް އަލިއަޅުވާލުން ކަމުގައިވާތީވެ އިތުރު ތަފްޞީލު ބަޔާން ނުކުރީއެވެ. ދެން އަންނަ މަޒްމޫނެއްގައި ބަޔާންކުރުން އޮތީ ލިޢާން ކުރުމުގައި ޑީއެންއޭ ހެދުމުގެ ޙުކުމާ ބެހޭ ގޮތުންނެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު