މިއީ ބައިވެރިއަކު ނުލިބި ލަސްވަނީ ތިމާގެ ސިފަހުތުރުކަމުން ކަމަށް ހީކުރެވި މާޔޫސްވާ މީހުންނަށް ވަރަށް ޢިބްރަތްތެރިވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
މިއީ ބައިވެރިއަކު ނުލިބި ލަސްވަނީ ތިމާގެ ސިފަހުތުރުކަމުން ކަމަށް ހީކުރެވި މާޔޫސްވާ މީހުންނަށް ވަރަށް ޢިބްރަތްތެރިވާހަކައެއް!

ކައިވެނިނުކުރެވި ލަސްވުމުން އެއީ ތިމާގެ ސިފަ ހުތުރުވުމުން ކަމަށް ގިނަ ބައަކަށް ޤަބޫލުކުރެވެއެވެ. އަދި އެކަމާއިމެދު ވިސްނެއެވެ. ސިފަ ރީތިކުރެވޭތޯ މަސައްކަތްކުރެއެވެ. ނަމަވެސް އެފަދަ މީހުންނަށް އަހުރެން ބުނާނީ ކިރިމި އުނގުޅައި ދޮންވެ އަދި ރީތިވާން އެހެން ކަންކަން ކުރުމުގެވެސް އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. 

ކަންބޮޑުވާންވީ ހިތުގެ ރީތިކަމާއިމެދުގައެވެ. ރީތިކުރަން މަސައްކަތްކުރަންވީ ތިމާގެ ހިތެވެ. އެހެނީ ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ބޭރުފުށުގެ ސިފައަކަށް ނޫނެވެ. ކޮންމެ މީހަކުވެސް އުފައްދަވާފައިވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ސިފައިގައެވެ. އަދިކީއްހެއްޔެވެ؟ އޭނާގެ ދަރަޖަ އުފުލިގެންދަނީ އޭނާގެ ހިތުގެ ރީތިކަމުންނެވެ. ހިތް ރީތިކުރެވުނުވަރަކުންނެވެ. 

ކައިވެނި ކުރަން އުޅޭއިރު ފަޤީރުންނަށާއި ސިފަ ހުތުރު މީހުންނަށް މައްސަލަތައް ކުރިމަތިވުމަކީ ކިތަންމެ ބޮޑު ނުބައިކަމެއް ނަމަވެސް އަދި ކިތަންމެ ހިތާމަހުރި ކަމެއް ނަމަވެސް އެއީ ކުރިމަތިވަމުން އަންނަ ކަމެކެވެ. އަންހެނުންނަށް ވެސް ފިރިހެނުންނަށްވެސް ހަމަ ހުރަސްތައް ކުރިމަތިވެއެވެ. 

މިކިޔައިދެނީ ސިފަހުތުރުކަމުން އެފްރިކާއިން ކައިވެނިކުރާނެ އަންހެނަކު ނުލިބުނު ފިރިހެނަކަށް މަދީނާއިން އަންތބަކު ލިބި މަދީނާގައި ވަޒަންވެރިވެވުނު ގޮތުގެ ވާހަކައެވެ. އެކަމުގައި ކެތްތެރިވުމުން ﷲ ތަލާލާ ލެއްވެވި ރަޙްމަތުގެ ވާހަކައެވެ. ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ!   

އޭނާއަކީ ޒުވާނެކެވެ. ކިޔަވައިގެންހުރި ޒުވާނެކެވެ. ވަޒީފާވެސް އަދާކުރާ މީހެކެވެ. ނަމަވެސް ފައިސާވެރިއެއް ނޫނެވެ. ޢާއިލީ މުއްސަނދި ކަމެއްވެސް ނެތެވެ. އަދި އޭނާއަކީ ބަބުރެކެވެ. އެހެންވީމާ ގައިގެ ކުލަ ދޮނެއްވެސް ނޫނެވެ. ނަތީޖާއަކީ ކައިވެނިކުރާނެ އަންހެނަކު ނުލިބުމެވެ. ކޮންމެ ޢާއިލާއަކުންވެސް ބުނަމުން ދިއައީ އެމީހުންގެ ދަރިފުޅާއި ކައިވެނި ކުރުމަށް ކުފޫ ހަމަ ނުވާކަމަށެވެ. 

އެގޮތުގައި ގިނަ ދުވަސްތަކެއް ފާއިތުވެ ކައިވެންޏެއް ކުރެވުމުގެ އުންމީދު މުޅިންހެން ގެއްލިފައި ވަނިކޮށް ކައިވެންޏެއް ކުރެވޭނެ މަގު ފަހިވެ ކައިވެނިކުރެވުނެވެ. ދެމަފިރިން އުފަލުގައި އުޅެމުން ދަނިކޮށް ބަލިވެ އިނދެއްޖެއެވެ. ދަރިފުޅަކު ލިބުމުގެ އުފާވެރި އުންމީދުގައި ހުއްޓައި ވިހެއުމުގެ ތެރޭގައި ދެމައިން އެކުގައި މަރުވީއެވެ. 

މިހާލަތުގައި އޭނާއަށް ކުރިމަތިވާނެ ހިތްދަތިކަމާއި ހިތާމަވެރިކަން ނިކަން އިޙްޞާޞްކޮށްބަލާށެވެ! އެހައި ހާލުން ލިބުނު އަނބިމީހާ ގެއްލިގެން އެދިއައީ ލިބެން އުޅުނު ދަރިފުޅާއިވެސް އެކުގައެވެ. ނިކަން ބުނެބަލާށެވެ. އެހާލުގައި ހަތަރު އުދަރެސް ފެނު ނުޖެހޭނީ ކާކުގެ ހެއްޔެވެ؟ މިހާރުގެ ބަހުރުވައިން ނަމަ ދުނިޔެއިން މޮޔަ ނުވާނީ ކާކު ހެއްޔެވެ؟ 

އެހާލަތުގައިވެސް إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ކިޔުން ފިޔަވައި އިތުރު އެއްވެސް ބަހެއް ނުބުނެއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް އަނބުރައި ގެންދެވީ ކަމަށް ޤަބޫލުކޮށް ޙަމްދުކޮށް ޝުކުރުކޮށްގެން ހުރީއެވެ. މާޔޫސްވެ ގެއަކު ނުއޮވެއެވެ. އުޅެމުން ގެންދިއައީ ހަމަ ޢާންމު ދިރިއުޅުމެވެ. އެދި ދުޢާކުރަމުން ގެންދިއައީ ބާއްޖަވެރިކަމާއި ކުރިއެރުން ދެއްވެވުމަށެވެ. ދުނިޔެއަށްވުރެ އާޚިރަތް ބާއްޖަވެރިކޮށްދެއްވެވުން އެދިއެވެ. ކުރީގެ އަނބިމީހާޢަށްވުރެ ރަނގަޅު އަންބަކާއި ގިނަ ދަރިންތަކެއް ދެއްވެވުމަށެވެ. 

ނަތީޖާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މިއަދު އޭނާއަށް ވަނީ މާތްވެގެންވާ މަދީނާއަށް އައުދެވިފައެވެ. މަދީނާގެ އަހުލުވެރިއަކާއި ކައިވެނި ކުރެވިފައެވެ. ދަރިން ލިބިފައެވެ. އުޅެމުން ގެންދަނީ އުފާވެރި ދިރިއުޅުމެކެވެ. 

މިއީ ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީ ވަރަށް ގިނަ ދީނީ ޢިލްމުވެރިން މިވާހަކަ ވިދާޅުވެދެއްވައެވެ. މިވާހަކައިން ޙާޞިލްކުރަން ޖެހޭ ޢިބްރަތަކީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވި ނަމަވެސް އެކަން މެދުވެރިވީ ﷲ ތަޢާލާ މެދުވެރި ކުރެއްވެވުމުންކަން ޤަބޫލުކުރުމެވެ. ނިޢްމަތެއް ދެއްވެވުމަށްފަހު ތިމާގެ އަމިއްލަ އިހްމާލެއް ނެތި އަނބުރައި ގެންދަވާނީ މަތިވެރި ޙިކުމަތަކަށްޓަކައިކަން ޤަބޫލުކުރުމެވެ. އަދި އެއަށްވުރެ ފުރިހަމަ ނިޢްމަތެއް ދެއްވެވުން އެދި ދުޢާކުރުމުގައި ސާބިތުވެ ހުރުމުގެ މުހިންމުކަން ފާހަގަކުރުމެވެ. 

މިފަދަ ޢިބްރަތްތެރި ހާދިސާތަކުވެ ވާހަކަތައް ގިނަގިނައިން އަޑުއަހާށެވެ! ކިޔާށެވެ! އެއިރުން ކަމެއް ކުރިމަތިވާހިނދު ސާބިތުކަން އިތުރުވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސްކުން

 

މިއަދު އޮންލައިން