ދިޔަވަރު ބޮޑުވުމުން ރާއްޖޭގެ ގިނަ ރަށްތަކަށްވުރެ މައްޗަށް ކަނޑުގެ ލޮނުގަނޑު އުފުލޭތާ އެތައް އަހަރެއް ވެއްޖެއެވެ. ދީލަތިވަންތަ ﷲ ތަޢާލާގެ ރަޙްމަތްފުޅު ބޮޑުކަމުން ހަމަ އެރަށްތަކުގައި މީހުން ދިރިއުޅެނީ ސަލާމަތުންނެވެ.
ވެރިކަމުން ކުރަން އޮތް ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިވެ އެކަލާނގެ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒުކުރުމެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. އަދި ރައްޔިތުންނަކީ އިސްލާމް ދީނަށް ޢަމަލުކުރާ ބައަކު ކަމުގައި ހަދަން މަސައްކަތްކުރުމެވެ.
އުސްފަރުބަދަތަކުގެ މަތީގައި ތިބި ނަމަވެސް ސަލާމަތްކަން ލިބޭނީ ﷲ ތަޢާލާ ދެއްވެވި ނަމައެވެ. އުސްފަރުބަދަތަކުގެ މަތީގައި ދިރިއުޅޭ މީހުންނަށްވެސް ކާރިށާތައް ކުރިމަތިވެއެވެ. ބިންހެލުންތައް އައުދެއެވެ. ވާރޭ ފެހި ބޮޑުވެ އެތައް ބައަކު މަރުވެއެވެ. އަލިފާން ފަރުބަދަތައް ގޮވުން ފަދަ ބޮޑެތި ކާރިސާތައް ހިނގައި އެތައް ބައަކު މަރުވެއެވެ.
މިކަންކަމުން އެނގެނީ ކިތަންމެ އުހުގައި އުޅުނަސް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އެއްވެސް ކަމަކުން ސަލާމަތް ނުވެވޭނެ ކަމެވެ.
"ގައުމު އަޑިޔަށް ހިނގައިދާނެތީ ބިރުގަންނަފަދައިން, ތިމާމެންގެ ޢަމަލުތައް ނުބައިވުމުގެ ސަބަބުން މޫނުވަތައް ނަރަކައަށް ވެއްޓެންޖެހިދާނެ ކަމަށް ބިރުގަތުން މާއައުލާކަން ބޮޑު!"
މިއީ ދިނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ﷲ ތަޢާލާ ނޫޙުގެފާނުގެ ޤައުމު ޣަރަޤްކުރެއްވެވިއެވެ. ނަމަވެސް ނޫޙުގެފާނާއި ނޫޙުގެފާނުގެ ގޮވާލެއްވުން ޤަބޫލުކޮށް ﷲ ތަޢާލާއަށް އީމާންވެ ބިރުވެތިވީ މީހުން ސަލާމަތްކުރެއްވެވިއެވެ.
ﷲ ތަޢާލާ ލޫޠުގެފާނުގެ ޤައުމު ބަންޑުންޖެއްސެވިއެވެ. ނަމަވެސް ލޫޠޫގެފާނާއި ލޫޠުގެފާނަށް ތަބާވެ އީމާންކަމުގައި ސާބިތުވެތިބި މީހުން ސަލާމަތްކުރެއްވެވިއެވެ.
ﷲ ތަޢާލާ ފިރުއަޢުނާއި އޭނާގެ ލަޝްކަރު ޣަރަޤް ކުރެއްވެވިއެވެ. ނަމަވެސް މޫސާގެފާނާއި މޫސާގެފާނަށް ތަބަޢަވީ އެންމެން ސަލާމަތްކުރެއްވެވިއެވެ.
މިފަދަ ކޮންމެ ކަމަކީވެސް ޢިބްރަތުން ފުރިގެންވާ ކަންކަމެވެ.