އަނބިމީހާ ދެކެ ލޯބިވާންވީ ވިހާ ގަދަވެ ތިބާގެ ބޭނުންތައް ފުއްދައިދެވެން ފެށުމަކުން ނޫން! އަނބިމީހާއަށް އެންމެ ބޮޑަށް ލޯބިބޭނުންވާ ވަގުތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
އަނބިމީހާ ދެކެ ލޯބިވާންވީ ވިހާ ގަދަވެ ތިބާގެ ބޭނުންތައް ފުއްދައިދެވެން ފެށުމަކުން ނޫން! އަނބިމީހާއަށް އެންމެ ބޮޑަށް ލޯބިބޭނުންވާ ވަގުތުގަ!

އަޅުގަނޑުގެ ޢުމުރަކީ 28 އަހަރެވެ. 3 ދަރިން ވިހައިފީމެވެ. މިހާރު މިއިނީ 4 ވަނަ ދަރިފުޅަށް ބަލިވެއެވެ. ކޮންމެ ފަހަރަކުވެސް ބަލިވެ އިނީންސުރެ އުޅެންޖެހެނީ ބަލިވެއެވެ. ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެ ވަރުބަލިވާވަރުންނެވެ. ބަލިކަށިވާތީއެވެ. ގައިގައި ވަރު ނުހުންނާތީއެވެ. ވިހައި ގަދަވުމުން މައްސަލަ ޙައްލުވެ ރަނގަޅު ޞިއްޙަތެއް ލިބެއެވެ. 

ސަބަބެއް ބުނާކަށް ނުއެނގެއެވެ. އެނގޭކަމަކީ ބަލިވެ އިނދެ ބަލިވާން ފެށުމާއިއެކު ފިރިމީހާގެ ލޯތްބާއި އަޅައިލުމުން މަޙްރޫމްވެއެވެ. ވިހައިގަދަވެ ގައިގައި ވަރުޖެހުމުން އެކަން ބަދަލުވެ ލޯބިދީ އަޅައިލައެވެ. 

ވީމާ އަޅުގަނޑުގެ ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟ 

ކިޔުންތެރިޔާގެ މައްސަލައަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބޭނެ ކަމަށް އުންމީދުކުރަމެވެ. މިލިޔުން ފިރިމީހާއަށް ޙިއްޞާކޮށްލައްވާށެވެ. 

އަންހެނަކަށް އެންމެ ބޮޑަށް އެހީތެރިކަމާއި ލޯތްބާއި އަޅައިލުން އެންމެ ބޮޑަށް ބޭނުންވާނީ މަލިވެއިނދެ، މާބަނޑު ދުވަސްތަކުގައެވެ. އެކަމުގެ ސަބަބުން ގިނަ އަންހެނުންނަށް އެދުވަސްތަކުގައި ތަފާތު ތަކްލީފްތައް އުފުލަންޖެހޭތީއެވެ.

ގިނަ ފިރިން މާބަނޑު ދުވަސްތަކުގައި އަނބިމީހާއާއި އަޅައިލުން އިތުރުކުރެއެވެ. ލޯބިދިނުމާއި އެހީތެރިކަންވެސް އިތުރުކުރެއެވެ. ނަމަވެސް އެކަންކަން އެގޮތަށް ނުކުރާ ބައަކުވެސް އުޅެއެވެ. އެފަދަ މީހުން އެޙާލަތުގައިވެސް އަނބިމީހާއަށް ކަންކަން ނުކުރެވޭތީ ޝަކުވާ ކުރެއެވެ. އެވެނި މިވެނިކަމެއް ކޮށްނުދޭތީ ޝަކުވާ ކުރެއެވެ. 

އެއީ ވަރަށް ދެރަކަމެކެވެ. ފުރަތަމަކަމަކަށް 24 ގަޑިއިރު އަނބިމީހާ އެއުފުލަނީ ހަމަ ތިބާގެވެސް ބައިވެރިވުން އޮތް ބުރައެކެވެ. އެއީ އަނބިންކަމުގައިވާތީ ބުރަ އުފުލުން މިންވަރުކުރައްވަވަނީ އަނބިމީހާއަށެވެ. އަނބިމީހާގެ ބަނޑުގައި އެވަނީ އޭނާގެ އެކަނި ދަރިއެއް ނޫނެވެ. ތިބާގެވެސް ދަރިއެކެވެ. އެދަރިފުޅުލިބުމުން ތިބާވެސް އުފާވާނެ ދަރިއެކެވެ. ތިބާ މުސްކުޅިވެ ޙާލުގައި ޖެހޭދުވަހު އެހީތެރިވާނެ ދަރިއެވެ. އިން ޝާ ﷲ 

ދެން މިގޮތަށްވެސް ވިސްނައިލާށެވެ. އެންމެ ހެޔޮކަން ބޮޑު ޞަދަޤާތަކީ އަނބިދަރިންނަށްކުރާ ޞަދަޤާތެވެ. އަނބިދަރިންނަށް ހެޔޮކޮށްހިތުމަކީވެސް ޞަދަޤާތެކެވެ. ހަމައެއާއިއެކު އެންމެ ހެޔޮކަންބޮޑު ޞަދަޤާތަކީ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހާއަށް ކުރާ ޞަދަޤާތެވެ. އަދި އެންމެ ހެޔޮކަންބޮޑު މީހަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮކޮށް ކަންކަންކުރާ މީހާއެވެ. 

މިކަންކަމަކީ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ. ވީމާ މާބަނޑު ދުވަސްތަކުގައި އަނބިމީހާއަށް ހެޔޮކޮށް ހިތައި ރަނގަޅަށް ކަންކަން ކޮށްދިނުމުން މިބަޔާންކުރި ހުރިހާ ހެޔޮކަމެއް އެމީހަކަށް ލިބިގެންދެއެވެ. 

ދެން ބަލައިލަންވީ އެއިގެ އަނެއްކޮޅަށެވެ. މާބަނޑު ދުވަސްވަރު އަނބިމީހާ އާއިމެދު ނުބައިކޮށް ކަންކަން ކުރުމުން އެކުރެވޭ ކުށުގެ ދަރަޖަ އިތުރުވެގެންވެސްދާނެއެވެ. އެއީ ލޯތްބާއި އަޅައިލުން އެންމެ ބޮޑަށް ބޭނުންވާ ވަޤުތު ނުދިނުމުންނެވެ.

ވީމާ މިފަދަ ހުރިހާ ކަންކަމަށް ވިސްނައި ފިކުރުކުރިނަމަވެސް ބަލިވެ އިނދެ ވޭން އުފުލަމުންދާ އަނބިމީހާއަށް ހެޔޮކޮށް ހިތަންޖެހޭ މިންވަރާއި އެކަމުން ލިބެން އޮތް މަތިވެރިކަން އެނގިގެންދެއެވެ. 

އެއްވެސް އިރަކު އަނބިމީހާއަށް އަނިޔާވެރިވެ ހިތުގައި ޖެއްސުމެއް ނެތެވެ. ޚާއްޞަކޮށް މާބަނޑު ދުވަސްވަރު އެފަދަ އެއްވެސް ކަމެއް ނުކުރާށެވެ. ދެރަވެ ހިތާމަކޮށް ކަރުނައަލަންޖެހޭ ފަދަ އެއްވެސް ކަމެއް ނުކުޜާށެވެ! އަނބިމީހާ ދެކެ ލޯބިވާންވީ ވިހައި ގަދަވެ ތިބާގެ ބޭނުންތައް ފުއްދައިދެވެން ފެށުމަކުން ނޫނެވެ. އަނބިމީހާއަށް އެންމެ ބޮޑަށް ލޯބިބޭނުންވާ ވަގުތުގައެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން