އެހެން މީހުންގެ ލޯބި ނުލިބެތީ، ދިރިއުޅުން ކުރިނާރާތީ ކަންބޮޑުވާނަމަ ތިބާގެކިބައިގަ މި ސިފަތައް ހުރިވަރު ބަލާލައި ލުޤްމާންގެފާނު ވިދާޅުވެފައިވާ ފަދައިން އަމިއްލައަށް މާކްސްދޭށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
އެހެން މީހުންގެ ލޯބި ނުލިބެތީ، ދިރިއުޅުން ކުރިނާރާތީ ކަންބޮޑުވާނަމަ ތިބާގެކިބައިގަ މި ސިފަތައް ހުރިވަރު ބަލާލައި ލުޤްމާންގެފާނު ވިދާޅުވެފައިވާ ފަދައިން އަމިއްލައަށް މާކްސްދޭށެވެ!

ޢަލީ އިޙްޞާން ފިރާޤް

ރިވާޔަތެއްގައިވެއެވެ. އެއްފަހަރަކު لقمان عليه السّلام ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. [ތިޔައީ بَنِي الْحِسْحَاس ގެ އަޅު لُقْمَانُ ހެއްޔެވެ؟] އެކަލޭގެފާނު ވިދާޅުވިއެވެ. [އާނއެކެވެ.] އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ ބަކަރި ގޮތްވެއް ނޫން ހެއްޔެވެ؟]

لقمان عليه السّلام ވިދާޅުވިއެވެ. [އާނއެކެވެ.] އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ ކަޅު ބޭކަލެއް ނޫންތޯއެވެ؟] لقمان عليه السّلام ވިދާޅުވިއެވެ. [އަޅުގަނޑުގެ ކަޅުކަމަކީ އެންމެނަށް އެނގި ފާޅުވެގެންވާ އެއްޗެކެވެ. ތިބާ މާ ޙައިރާންވެގެން ތިޔަ ސުވާލު ކުރަނީ ކޮންކަމަކާ ހެއްޔެވެ؟]

އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ މީސްތަކުން ގިނަގިނައިން ޒިޔާރާތް ކުރާ މީހަކަށް ވެއްޖެއެވެ. ކަލޭގެފާނުގެ ބަސްފުޅުތަކަކީ މީސްތަކުން މާ ރުހި ޤަބޫލުވާ އެއްޗަކަށް ވެއްޖެއެވެ.]

لقمان عليه السّلام ވިދާޅުވިއެވެ. [އޭ އަޚާއެވެ. އަޅުގަނޑު މިބުނާ ކަންތައްތައް ކޮށްފިނަމަ ތިބާއަށްވެސް މި މަޤާމަށް ވާސިލުވެވިދާނެއެވެ.] އޭނާ ދެންނެވިއެވެ. [އެއީ ކޮންކަންތައްތަކެއްތޯއެވެ؟]

لقمان عليه السّلام ވިދާޅުވިއެވެ.

1- ބެލުންތިރި ކުރުމާއި،

2- ދޫ ރައްކާތެރި ކުރުމާއި،

3- ޙަލާލު ތަކެތި ކެއުމާއި،

4- އިއްފަތްތެރިވުމާއި،

5- ތެދު ބުނުމާއި،

6- ޢަހުދަށް ރައްކާތެރިވުމާއި،

7- މެހެމާނުންނަށް ކަމޭހިތުމާއި،

8- އަވައްޓެރިންނަށް ހެޔޮކޮށް ހިތުމާއި،

9- ތިމާއާ ނުބެހޭ ކަންތައްތަކާ ނުބެހި ހުރުމެވެ. ތިބާއަށް މިފެންނަ މަޤާމަށް އަޅުގަނޑަށް ވާސިލުވެނުނީ މިދެންނެވި ކަންތައްތައް ކުރުމުންނެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 7-8}

ދެން ކުރަން ގޮތްކަމަކީ މި ބަޔާންކުރި 9 ސިފައިގެ ތެރެއިން ތިބާގެ ކިބައިގައިހުރި ކޮންމެ ސިފައަކަށްވެސް 10 މާރކްސްދޭށެވެ! ނިމޭއިރު 90 ލިބިއްޖެނަމަ އަހުރެންގެފަރާތުން 10 މާރކްސް ހަދިޔާކޮށްފީމެވެ. އެއިރުން އޮންނާނީ ތިބާއަށް 100 މާރކްސް ހަމަވެފައެވެ.

 

މިއަދު އޮންލައިން