ޢިބްރަތްތެރި ވާހަކަ: ވަޒީފާ ގެއްލުމުން ރުފިޔާ ހުސްވެ ކަނުއަނދިރީގައި ތިބެންޖެހުމުންވެސް އެކުގަ ރޭއަޅުކަންކޮށް ދުޢާކުރި ދެމަފިރިއަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ޢިބްރަތްތެރި ވާހަކަ: ވަޒީފާ ގެއްލުމުން ރުފިޔާ ހުސްވެ ކަނުއަނދިރީގައި ތިބެންޖެހުމުންވެސް އެކުގަ ރޭއަޅުކަންކޮށް ދުޢާކުރި ދެމަފިރިއަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ

ނަމާދުކުރުމާއި އަޅުކަންކުރުމާއި ދުޢާކުރުމާއި އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމަކީ ކެތްތެރިކަމެވެ. ކެތްތެރިކަމާއިއެކު ނަމާދުން (ނަމާދުކުރުމުން) ވާގިއެދެން ތިބެން އަންގަވާފައިވަނީ ވަރަށް ގިނަ ސަބަބުތަކަކަށްޓަކައެވެ. ހަމައެއާއިއެކު ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް އޮތް ވަޙީބަސްފުޅަކީ ނަމާދުކޮށް އަދި ކެތްތެރިވާ މީހުންނަށް އެމީހުންގެ މުހުތާދުތައް ފުއްދަވައި ދެއްވަވާނެކަމަށް އޮތް އެންމެ ބޮޑު ޔަޤީންކަމެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ކަމެއް ޖެހުމުން ރޭއަޅުކަންކޮށް ދުޢާނުކުރާނަމަ އެކަމުން އަންގައިދެނީ ތިބާއަށް އެއްވެސް ކަމެއް ނުޖެހޭކަމެވެ. މާނައަކީ ކަމެއް ދިމާވުމުން ފުރަތަމަވެސް ކުރަން އޮތްކަމަކީ ރޭއަޅުކަންކޮށް ދުޢާކުރުމެވެ. 

ޒަވާޖީ ހަޔާތެއްގައި އުޅޭނަމަ ކަމެއް ޖެހުމުން އެންމެ ރަނގަޅުގޮތަކީ ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރުމެވެ. ތިރީގައި އެވަނީ އެންމެ ދަތިޙާލުގައިވެސް ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރި ދެމަފިރިއަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކައެވެ. ޢިބްރަތް ޙާޞިލްކުރާށެވެ. 

އަޅުގަނޑުމެން ދެމަފިރިން ކައިވެނިކުރިތާ އަދި މިވީ 7 އަހަރެވެ. 7 އަހަރުތެރޭގައި ވަރަށް ބޮޑެތި މުޞީބާތްތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. ވަރަށް ހިތްދަތިވި ކަންތައްތައްވެސް ވަނީ ކުރިމަތިވެފައެވެ. 

ފުރަތަމަ ކަމަކީ ކައިވެނިކުރިތަނާހެން ގެއިން ބޭރުކޮށްލުމުން ތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށިތަނާ ވަޒީފާ ގެއްލި ކުލި ނުދެއްކިގެން އުޅެންޖެހުނު ނިކަމެތިޙާލެވެ. ބިލް ނުދެއްކިގެން ކަރަންޓާއި ފެންވެސް ކަނޑައިލިއެވެ. ސަލާންޖަހަން ޖެހުނެވެ. އެއްއިރު ކައިގެންވެސް ތިބީމެވެ. 

އެފަދަ ނިކަމެތިޙާލުގައި އުޅުނުއިރުވެސް އަޅުގަނޑުމެން ދެމަފިރިން ނަމާދެއް ނާޅަމެވެ. ވަގުތު ޖެހުމުން ދެމަފިރިންވެސް ނަމާދުކުރަމުއެވެ. ދަމުނަމާދަށް ހޭލައި ކަނުއަނދިރީގައި ރޭއަޅުކަން އެކުގައި ކުރަމުއެވެ. ނަތީޖާއަކީ 5 މަސްދުވަސްފަހުން، ކުރިން ލިބުނު އާމްދަނީގެ 4 ގުނަ އިތުރަށް ލިބޭނެ މަސައްކަތެއް ކުރަން ލިބުމެވެ. އަތްމަތި ތަނަވަސްވުމެވެ.

ކައިވެންޏަށް 2 އަހަރުތެރޭ 2 ފަހަރަށް އަނބިމީހާ ބަލިވެއިނެވެ. ނަމަވެސް ކޮންމެފަހަރަކުވެސް 3 މަސްނުވެ ބައިގެންދަނީއެވެ. ބައްޔެއް ނުފެނެއެވެ. ވާގޮތެއް ނުއެނގެއެވެ. ދަރިފުޅު ވެއްޓެނީއެވެ. 

އެޙާލަތުގައިވެސް ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމުއެވެ. އަބަދުވެސް އަޅުކަންކުރަމުން އަންނަފަދައިން ދެމަފިރިން އަޅުކަންކޮށް ދުޢާކުރަމުން އައީއެވެ. ނަތީޖާއަކީ މިހާރު ލޯބިލޯބި 3 ކުދިން ލިބިފައިވުމެވެ. 

ބައްޕަ ނިޔާވުމުން ޢާއިލާގެ އެހެން މީހުންގެ ނުފޫޒުން ސަލާމަތްވިއެވެ. ގޯތިބަހަންޖެހުނެވެ. ލިބުނު ބިންކޮޅުގައި 4 ބުރިއަށް ގެއެއް އެޅިއްޖެއެވެ. ކުލިދައްކަން ނުޖެހި ދިރިއުޅެވޭތާ 2 އަހަރުވީއެވެ. 

މިހާރު އޮތް އެންމެ ބޮޑު އުންމީދަކީ ދެމަފިރިން އެކުގައި ޙައްޖުވުމެވެ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަންވެސް ފުރިހަމަވާނެއެވެ. އެކަމަށް ފައިސާވަނީ ޖަމާކުރެވިފައެވެ. 

އަޅުގަނޑުމެން މިވާހަކަކޮޅު ހިއްޞާމިކުރީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހިތްވަރުދޭށެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނު ނަމަވެސް ދެމަފިރިން އެކުގައި ތަޤްވާވެރިކަމުގައި ސާބިތުވެ ތިބިނަމަ ކުރިއަށްދެވޭނެކަން އަޅުގަނޑުމެން ދެމަފިރިން ތަޖުރިބާކޮށްފީމެވެ. އިން ޝާ ﷲ އަޅެ ނިކަން ތިއަބޭފުޅުންވެސް "ޓްރައި" ކުރައްވަބައްލަވާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ

 

- އަހްމަދު އާއި ފައުޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިން

 

 

މިއަދު އޮންލައިން