މި ޛިކުރު ގިނައިން ކުރުމަކީ އުނދަގޫ ދަތި ޙާލަތްތަކުގައި، އަދި ބުރަ ކަންކަން ތަޙައްމަލު ކުރަންޖެހިފައިވާ ޙާލަތްތަކަށް ޢަޖައިބުކުރަނިވި ގޮތަކަށް އަސަރުކުރުވާ ކަމެއް- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
މި ޛިކުރު ގިނައިން ކުރުމަކީ އުނދަގޫ ދަތި ޙާލަތްތަކުގައި، އަދި ބުރަ ކަންކަން ތަޙައްމަލު ކުރަންޖެހިފައިވާ ޙާލަތްތަކަށް ޢަޖައިބުކުރަނިވި ގޮތަކަށް އަސަރުކުރުވާ ކަމެއް- އިން ޝާ ﷲ

ދޫމައްޗަށް ފަސޭހަ، އަދި ގިނަގިނައިން ކުރުމުން ކުރާ ފައިދާ ބޮޑު ޛިކުރުތައް ކިޔުންތެރިންނަށް ގެނެސްދޭން މިއަދުނޫހުން ކުރާ މަސައްކަތުގެ ތެރެއިން ގެނެސްދޭ މިޛިކުރާއިމެދު ޤައްޔިމް رَحِمَهُ اللهُ ބަޔާންކުރައްވައިފައި ވަނީ މިފަދައިންނެވެ.

"މި ޛިކުރު ގިނައިން ކުރުމަކީ އުނދަގޫ ދަތި ޙާލަތްތަކުގައި، އަދި ބުރަ ކަންކަން ތަޙައްމަލު-ކުރަންޖެހިފައިވާ ޙާލަތްތަކަށް ޢަޖައިބުކުރަނިވި ގޮތަކަށް އަސަރުކުރުވާ ކަލިމައެއް" ކަމުގައެވެ.

ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް-

އައްޝައިޚް މުޙައްމަދު ސިނާން

މާތް ﷲ ހަނދުމަކުރުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބޭނޭ ކަމެކެވެ. އެ ކަލާނގެ ހަނދުމަކުރުމުގެ ގޮތުން ކިޔުމަށް އައިސްފައިވާ ޛިކުރުތަކުގެ ތެރެއިން މާތްވެގެންވާ އެއް ޛިކުރަކީ [لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ]އެވެ. މި ޛިކުރަށް ޢަރަބިބަހުގައި ކުރުކޮށް [حَوْقَلَة]އެވެ ކިޔައެވެ. މި ޛިކުރުގެ މާނައަކީ: [ﷲގެ ވާގިފުޅާލައިގެން މެނުވީ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމެއް އަދި ބާރެއް ވެސް ނުވެއެވެ.] އެބަހީ؛ އަހަރެމެންގެ ޙާލަތު ނުބައި ގޮތަކުން ރަނގަޅު ގޮތަކަށް ބަދަލުކުރެވޭނީ މާތް ﷲގެ ޙަޟްރަތުން އަންނަ ތައުފީޤާއި ވާގިފުޅާ ލައިގެންނެވެ. އަދި އެ ކަލާނގެ ޙަޟްރަތުން މެނުވީ އެއްވެސް ކަމެއް ކުރުމުގެ އާރާއި ބާރު ލިބުމެއް ނުވެއެވެ.

މި ޛިކުރު ގިނަގިނައިން ކިޔުމަކީ މާތް ކަމެކެވެ. މަތިވެރި ކަމެކެވެ. ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ޙާޞިލުވުމުގެ މަގެވެ. البخاري އާއި مسلم  ގެންނަވައިފައި ވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم އަބޫ މޫސާ رَضِيَ اللهُ عَنْهއަށް ޙަދީޘްކުރެއްވިއެވެ. [ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ހާޞިލުވާނޭ ކަލިމައަކަށް ތިމަންކަލޭގެފާނު މަގުދައްކަވައި ދެއްވަންތޯއެވެ؟] އާދޭހޭ ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. [لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ]އެވެ. އަދި އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައި ވާ އެހެން ރިވާޔަތަކުން ދަލީލު ލިބޭގޮތުގައި އެ ޚަޒާނާ ވަނީ މާތް ﷲގެ ޢަރްޝިކޮޅުގެ ދަށުގައެވެ.

ޚަޒާނާއަކީ ރަނާއި ރިއްސާއި ފައިސާ ފަދަ އަގުބޮޑެތި އެއްޗެހި ރައްކައުކޮށްފައިވާ ތަނެވެ. ވީއިރު، ޢަރްޝިކޮޅުގެ ދަށުގައިވާ ސުވަރުގޭގެ ޚަޒާނާގައި ވަނީ ފަހެ ކޮން އެއްޗެއްތޯއެވެ؟

އަންނަވަވީ رَحِمَهُ اللهُ ބަޔާންކުރެއްވި ގޮތުގައި އެ ޚަޒާނާއަކީ: [ސުވަރުގޭގައި ރައްކައުކުރެވިފައި ވާ ސަވާބެވެ. އެއީ އެންމެ މަތިވެރިވެގެން ވާ ސަވާބެވެ.]

މި ކަލިމައަކީ ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިންވާ ޚަޒާނާއެއް ކަމުގައި ވުމުގެ އިތުރުން، މި ކަލިމައަކީ މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ކަލިމަތަކުގެ ތެރެއިން ހިމެނޭ ކަލިމައެކެވެ. އަދި ސުވަރުގޭގެ ގަސްތައް ތިމާއަށް އިތުރުކޮށްދޭނެ ކަލިމައެކެވެ. ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ދޮރުކޮޅަކަށް ވާޞިލުކޮށްދޭނެ ކަލިމައެކެވެ.

މީގެ އިތުރުން މި ކަލިމައިގެން މާތްކަން ދޭހަކޮށްދޭ އަނެއް ކަމަކީ ދުޢާތަކުގައި މި ކަލިމަ ހިމެނިފައި ވުމެވެ. އެ ގޮތުން؛ ދަމުނަމާދުގެ ދުޢާތަކުގައްޔާއި، ރޭގަނޑު ހޭލެވިއްޖެ ނަމަ ކިޔުމަށް ވާރިދުވެފައި ވާ ދުޢާ ގައްޔާއި، ނަމާދުގެ ފަހުގައްޔާއި ނިދުމުގެ ކުރިން ކިޔުމަށް އައިސްފައި ވާ ބައެއް ދުޢާތަކުގައްޔާއި ގެއިން ނުކުންނައިރު ކިޔާ ދުޢާގައި މި ޛިކުރު އައިސްފައި ވެއެވެ.

މި ޛިކުރު ގިނައިން ކުރުމަކީ އުނދަގޫ ދަތި ޙާލަތްތަކުގައި، އަދި ބުރަ ކަންކަން ތަޙައްމަލު-ކުރަންޖެހިފައިވާ ޙާލަތްތަކަށް ޢަޖައިބުކުރަނިވި ގޮތަކަށް އަސަރުކުރުވާ ކަލިމައެއް ކަމުގައި އިބްނުލް ޤައްޔިމް رَحِمَهُ اللهُ ބަޔާންކުރައްވައިފައި ވެއެވެ.

މި ޛިކުރު ގިނަގިނައިން ކުރުމަށް އަވަސްވެލައްވާށެވެ! މިފަދަ ޛިކުރުތަކަކީ ދޫ މައްޗަށް އެހާމެ ފަސޭހަ، ޢާއްމުކޮށް ހުރިހާ ޙާލަތެއްގައި ވެސް ކިޔޭނޭ ފަސޭހަ ޛިކުރުތަކެކެވެ. ވުޟޫ ނެތަސް، ޙައިޟުނިފާސްކަމާއި ޖުނުބުގެ ޙާލަތުގައި ވެސް މަސައްކަތުގައި އުޅޭއިރު ވެސް ނުވަތަ މަގުމަތީގައި ވިޔަސް ކީދާނޭ ޒިކުރުތަކެކެވެ. އެތައް ސަވާބަކާއި ދަރުމައެއް ޙާޞިލުކުރެވޭނޭ މަގެކެވެ.

- ދީނުގެމަގު މަޖައްލާއިން

 

މިއަދު އޮންލައިން