ކޮންމެ ދުވަހެއް ނިމުމުންވެސް ވަޤުތުގެ ބޭނުން ކުރެވުނު ގޮތުގެ ހިސާބު ނުބަލާނަމަ މަރުގެ މަލާއިކަތާއާ ބައްދަލުކުރަންޖެހޭނީ ހުސްއަތާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކޮންމެ ދުވަހެއް ނިމުމުންވެސް ވަޤުތުގެ ބޭނުން ކުރެވުނު ގޮތުގެ ހިސާބު ނުބަލާނަމަ މަރުގެ މަލާއިކަތާއާ ބައްދަލުކުރަންޖެހޭނީ ހުސްއަތާ!

އިންސާނުންގެ އެވްރެޖް ޢުމުރަށް ބަލައިގެން އަހުރެންގެ ޢުމުރަށް ބަލައިފިނަމަ މިހާރު މިވަނީ ހަތަރުބައިކުޅަ 3 ބައި ފާއިތުވެފައެވެ. އަހުރެންގެ ޢުމުރުގެ ދުވަސްތައް ހޭދަކުރެވުނު ގޮތަށް ބަލާނަމަ އެއްބަސްވާންޖެހެނީ ގިނައީ ބޭކާރުކުރެވުނު ދުވަސްތައް ކަމަށެވެ. 

މިބުނާ ވާހަކައަކީ އަމިއްލަ ދިރިއުޅުމަށްވެސް އަދި އާޚިރަތަށްވެސް އެއްވެސް ފައިދާއެއް ނުކުރާނެ ގޮތުގައި ގިނަ ވަޤުތުތަކެއް ހޭދަކުރެވުނު ވާހަކައެވެ. އެއީ އެއިރު އަހުރެންނަށްވެސް އެކަންކަން ނުވިސްނުނީތީއެވެ. މިއަދު ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނެތެވެ. ފާއިތުވެ ދިއަ އެއްވެސް ވަޤުތަކީ އަނބުރައި ގެނެވޭނެ އެއްޗެއް ނޫނެވެ. ތިމާ ލާނޭވާ ލުމަށްފަހު އަނބުރައި ހަށިގަނޑަށް ނުވެއްދޭނެ ފަދައިންނެވެ. 

ވީމާ އަހުރެން މިވާހަކަ މިދައްކަނީ އެކުވެރިއެއްގެ ޙައިޞިއްޔަތުން އެކުވެރިންގެ ގާތުގައި ކަމަށް ބަލާށެވެ. ކޮންމެ ދުވަހެއްގެ ވަޤުތުތައްވެސް ހޭދަކުރެވޭ ގޮތާއިމެދު ފުންކޮށް ވިސްނައިލާށެވެ. އެއްދުވަހަސްވުރެ އަނެއް ދުވަސް އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ނޫންނަމަ މަރުގެ މަލާއިކަތާ އާއި ބައްދަލުކުރަންޖެހޭނީ ހުސްއަތާއެވެ. ނުވަތަ އާޚިރަތް ކާމިޔާބުކުރެވޭނެ ވަރަށްވުރެ މާކުޑަކުޑަ ޢަމަލުކޮޅަކާއިއެކުގައެވެ. 

ހަމަ އެއާއިއެކު ވަޤުތުގެ ބޭނުން ހިފިގޮތާއިމެދު ސުވާލުކުރައްވަވާނެއެވެ. ވަޤުތުތައް ބޭކާރުކޮށްލާފައި ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ދުވަހަކީވެސް ދިރިއުޅެން މަސައްކަތްކުރާ އަދި ވީހާގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާ ދުވަހަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ. އާޚިރަތް ދުވަހު ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން