ބްލެކްމޭލް ކުރެވޭ އަދި ފަޟީޙަތްވާ ގިނަބައަކަށް އެޙާލުގައި ޖެހެނީ ﷲ ތަޢާލާއަށް ބިރުނުގަނެވޭތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ބްލެކްމޭލް ކުރެވޭ އަދި ފަޟީޙަތްވާ ގިނަބައަކަށް އެޙާލުގައި ޖެހެނީ ﷲ ތަޢާލާއަށް ބިރުނުގަނެވޭތީ!: މުފްތީ މެންކް

ވިސްނާ ނުލައި ކޮށްލެވޭ ދާދިކުޑަކުޑަކަމެއްގެ ސަބަބުންވެސް ކައިވެނިތައް ރޫޅެން މެދުވެރިވެއެވެ. އެހެންކަމށްވާއިރު ކަމަކަށްވާވަރުގެ ބޮޑުކަމެއް ކުރެވިއްޖެނަމަ ކަންކަންވާނީ ކިހިނެއް ހެއްޔެވެ؟ މިކަން އޮތީ މިހެންކަން އެނގުނަސް އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

މިހާރަކަށް އައިސް އެންމެ ގިނަ ބައަކު ބްލެކްމޭލް ކުރެވެނީ ނެގޭ ފޮޓޯއަކުން ނުވަތަ ކުރެވޭ ވީޑިއޯއަކުންނެވެ. އެ ފޮޓޯ ނުވަތަ ވީޑިއޯ ޢާންމުވުމުން ތިމާއަށް ލަދުގަންނަން ޖެހި ނުވަތަ ފަޟީޙަތް ވެދާނެ ކަމުގެ ބިރަށެވެ. ކިތަންމެ ގާތް މީހަކު ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ އެފަދަ ކަމެއް ނުކުރާނަމަ އެ މައްސަލަ ކުރިމައްޗެއް ނުވާނެއެވެ.

ވިސްނަންވީ ކަމަކީ ތިމާ ހުރީ ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގެ ތެރޭގައި ﷲ ތަޢާލާގެ މަގުގައި ކަމަށްވާނަމަ ﷲ ތައާލާ އެމީހަކު ހިމާޔަތްކޮށް ދެއްވަވާނެކަމެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުއްޓައި ކުރިމަތިވާ އެންމެހައި މުޞީބާތްތަކުން ﷲ ތަޢާލާ އެމީހަކު ސަލާމަތްކޮށްދެއްވަވާނެކަމެވެ.

ޙައްޤު ގޮތުގައި ހުއްޓައިވެސް މީހަކަށް ގެއްލުމެއް ދެވިދާނެއެވެ. ނަމަވެސް އެކަމުގެ ބަދަލު މާފޮނި ގޮތުގައި އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. ޔަޤީންކުރަންވީ މިއަދުވެސް ވޮޑިގެންވަނީ އަޅެއްގެ ގޮތުގައި ހުންނަވަނިކޮށް ދޮގު އިލްޒާމްތައް އަޅުވައި ޖަލަށް ލެވުނު ޔޫސުފްގެފާނަށް މިޞުރުގެ ވެރިކަން ދެއްވެވި ﷲ ތަޢާލާ ކަމެވެ. އެންމެހައި އިންސާނުން ކުރާ އެންމެހައި އަމަލުތައް ހަމަ އެދުަވހު ފަދައިން މިއަދުވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ކަމެވެ. ވީމާ ޙައްޤު ގޮތުގައި ހުންނަނަމަ ބެލެކްމޭލެއް ނުކުރެވޭނެއެވެ.

ހަމައެޢާއިއެކު ބުނަން ޖެހެނީ އެމީހަކީ ކިތަންމެ ލޯބިވާ ނުވަތަ ކިތަންމެ ގާތް މިޙެއް ނަމަވެސް އެއްވެސް މީހަކަށް އެބާވަތުގެ އެއްވެސް ކަމެއްގައި އެއްވެސް ވަރަކަށް އިތުބާރު ނުކުރާށެވެ! އެމީހާއަކީ ތިބާގެ މައްޗަށް އެއްވެސް ލޯތްބެއް ކުލުނެއް ހުރި މީހަކު ނަމަ ތިބާގެ ކިބައިން އެފަދަ އެއްވެސް ކަމަކަށް ނުއެދޭނެއެވެ. އެފަދަ ކަމަކަށް އެދޭ ވަގުތުން ފެށިގެން އެމީހަކާއި މުޅިން ދުރުހެލިވާށެވެ! ހުރިހާ ގުޅުމެއް ކަނޑައިލާށެވެ! އިންސާނުންގެ ބަލިކަށިކަމުގެ ބޭނުން ހިފައި ނާޖާއިޒު ފައިދާ ނަގަން އުޅެފި ނަމަ އެމީހަކު ވާނީ އެންމެ ނުބައި މީހުންގެތެރޭގައި ކަމާއި އެފަދަ މީހަކާއި ގުޅުން ބޭއްވުމުން ލިބޭނީ އިތުރު އަނިޔާކަން ޔަޤީންކޮށްގެން އުޅުމުން ބްލެކްމޭލެއް ނުކުރެވޭނެއެވެ!

މިހާރަކަށް އައިސް އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ މިވެނި މީހަކު ބްލެކްމޭލްކޮށްގެން އެކަމަކުން ސަލާމަތް ނުވެވިގެން އެމީހަކަށް އުޅެންޖެހިފައިވާ ކަމުގެ ވާހަކައެވެ. އެކަމުގެ ސަބަބުން އެމީހަކަށް ނަފްސާނީ މައްސލަތަކެއް ޖެހިގެން އުޅެންޖެހިފައިވާ ވާހަކަތަކެވެ. ނުވަތަ އަޅުވެތިވެގެން އުޅެންޖެހިފައިވާ ވާހަކައެވެ.

މިހާލަތުގައި ބުނަން ޖެހޭ ފުރަތަމަ ބަހަކީ ބްލެކްމޭލް ކުރުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ! މީހަކަށް މަޖުބޫރުކުރުވައިގެން އެއްވެސް ބާވަތެއްގެ ކަމެއް ކުރުވުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫންކަމެވެ. ހަމައެޢާއިއެކު މަޖުބޫރު ކުރުވައިގެން އިސްލާމް ދީނުގައި ނަހީ ކުރެވިގެންވާ އެއްވެސް ކަމެއް ކުރުވުމަކީ ބޮޑުވެގެންވާ ފާފައަކަށް އަރައިގަތުމެވެ. ވީމާ އެއްވެސް މީހަކު އެފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ!

ދެން ބުނަން ޖެހެނީ ބްލެކްމޭލް ކުރުވެނީ ﷲ ތަޢާލާއަށް ބިރު ނުގަންނަ މީހުން ކަމަށެވެ. ﷲ ތައާލާ ވަނީ މީސްތަކުން އުޅެންވީ ގޮތުގެ ވަރަށް ފުރިހަމަ ގައިޑްލައިނެއް ދެއްވަވައިފައެވެ. އެ ގައިޑްލައިންގެ ތެރޭގައި ހުންނަ މީހަކު ބްލެކްމޭލެއް ނުކުރެވޭނެއެވެ. މިބުނަނީ އިންސާނުން ދިރިއުޅެން ﷲ ތައާލާ އަންގަވާފައިވާ އިންތަކުން ބޭރުނުވެ އުޅޭ މީހަކު ބްލެކްމޭލް ނުކުރެވޭނެ ވާހަކައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން