ﷲ ތަޢާލާ ލޮލަށް ފެނުން ދެއްވެވުމުން އަމިއްލައަށް ކަނުވެ، އަޑުއިވުނަސް ބީރުވެގެން އުޅޭ މީހުން ގިނަވެއްޖެ! ކަރުނައަޅަންޖެހުމުގެ ކުރިން ވިސްނައި އިޞްލާޙްވުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ﷲ ތަޢާލާ ލޮލަށް ފެނުން ދެއްވެވުމުން އަމިއްލައަށް ކަނުވެ، އަޑުއިވުނަސް ބީރުވެގެން އުޅޭ މީހުން ގިނަވެއްޖެ! ކަރުނައަޅަންޖެހުމުގެ ކުރިން ވިސްނައި އިޞްލާޙްވުން މުހިންމު!

އިންސާނުންނަށް ފެނުމާއި އިވުން ﷲ ތައާލާ ދެއްވެވީ އެއިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. ނަމަވެސް ބައެއް މީހުންނަށް ޙައްޤުގެ ބަސް އަޑު އިވުނު ނަމަވެސް އަދި ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައް ލޮލަށް ފެނުނު ނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ނުކުރެއެވެ.

އެކަމުގެ ނަތީޖާއަކަށް ވަނީ ޖާހިލުކަންމަތީގައި ދެމިހުރުމެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލު ނުކުރުމެވެ. ތިމާ ހިތަށް އެރިހައި ގޮތަކަށް އަމަލުތައް ކުރަމުން ގެންދިއުމެވެ. މިއީ އިންސާނެއްގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ނުރައްކައުތެރިކަންބޮޑު ޙާލަތެވެ.

އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ކުރިއަރާނެ ގޮތަށް ވިސްނުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަމަށް ﷲ ތަޢާލާ ވަނީ އަނގަވައިފައިވެސް މެއެވެ. ނަމަވެސް އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި ތިމާގެ އަމިއްލަ ދިރިއުޅުން ކުރިއެރުވުމުގެ ބޭނުމުގައި ﷲ ތައާލާގެ ޢާޔަތްތަކަށް ވިސްނައި އަމަލުކުރަން ނުޖެހުމެއް ނޫނެވެ.

ކޮންމެ ކަމެއްގައިވެސް ފުރަތަމަ އިސްކަން ދޭން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމަށެވެ. މިސާލަކަށް ވިޔަފާރިއެއް ފަށާނަމަ ޙަލާލު ގޮތުގައި އެކަން ކުރުމެވެ. ޙަލާލް ފައިސާއިން ނޫނީ ވިޔަފާރި ފަށައިގެން ނުވާނެއެވެ. ޖިންސީ ގުޅުން ހިންގުމަށް ބަލައިފިނަމަ ކައިވެނީގެ ބޭރުން އެކަންކޮށްގެން ނުވާނެއެވެ. މާނައަކީ ކުރާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިންނެވެ.

އެކަންކަމަށް އިންކާރު ކުރުމުން އެމިހާގެ ލޯ ކަނުކުރައްވަވައި ހިތްތައް ބަނދުކުރައްވަވަތެވެ. އެއިގެ މާނައަކީ ލޯ އަނދިރިވުމާއި ހިތަށް ކަންކަން ނުއެރުމެއް ނޫނެވެ. ލޮލަށް ފެންނަ ކަންކަމުން ފައިދާ ޙާޞިލުކުރަން ނުއެނގުމެވެ. އާޚިރަތަށް ފައިދާ ކުރާނެ ގޮތަށް ކަންކަން ކުރަން ނުވިސްނުމެވެ.

ހަމަ އެއާއިއެކު ކަންފަތަށް އަޑު އިވުނު ނަމަވެސް ބީރު ބައަކު އެބަ އުޅެއެވެ. އެމީހުންނަށް ބަންގީގެ އަޑުއިވުނު ނަމަވެސް ނަމާދަކަށް ނުދެވެއެވެ. ކީރިތި ޤުރްއާނުގެ އިވުނު ނަމަވެސް އެއްވެސް އަސަރެއް ނުކުރެއެވެ. ހިތަށް ބިރުވެރިކަމެއް ނުވަދެއެވެ. އަދި ދީނީ ނަބޭޙަތެއްގެ އަޑު އިވުނު ނަމަވެސް ޢަމަލުތައް އިޞްލާޙެއް ނުކުރެވެއެވެ.

"އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންކަމުގެ ބާރު ތިއަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ ބާރުދެއްވީމެވެ. އަދި އެއުރެންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، އެއުރެން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން، އެއުރެންގެ އިވުމެއްވެސް، އަދި އެއުރެންގެ ފެނުމެއްވެސް، އަދި އެއުރެންގެ ހިތްތަކެއްވެސް އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ." (އަލްއަޙްޤާފް: 26)

މިހާރަކަށް އައިސް މިބަޔާންކުރިފަދައިން ލޮލަށް ފެންނަ އެހެނަސް ކަނުމީހުންނާއި ކަންފަތަށް އަޑުއިވުނަސް ބީރުމީހުން މިވަނީ ގިނަވެފައެވެ. ދީނުގައި ފެންނަންހުރި ކަންކަމަސްބަލާއިރު އެމީހުން ވާނީ އާޚިރަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ ބައަކުކަމުގައެވެ. ވީމާ ވުއްދީގެ ބޭނުން ހިފާށެވެ. މަރުވުމުގެ ކުރިން ތައުބާވެ ޢަމަލުތައް އިޞްލާޙްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން