ﷲ ތައާލާގެ މަތިން ހަނދުމަކުރުމަކީ ހަމައެކަނި އަޅުކަންކުރާ ވަޤުތުތަކުގައި ކުރަން އޮތް ކަމެއް ނޫނެވެ. އެއީ ވީހައި ގިނައިން ކުރަން އޮތް ކަމެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް ގިނަ ވަޤުތުތަކެއް ހޭދަކުރެވިދާނެ ކަންކަން ނުކުރަން ޢިލްމުވެރިން ބާރު އަޅުއްވަވަނީ އެހެންވެގެންނެވެ.
މިޘާލަކަށް ފިލްމް ބެލުމާއި ގޭމްކުޅުމާއި މިޔުޒިކްޝޯތަކަށް ދިއުން މަނާކުރައްވަވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. މިބަޔާންކުރާ ޙާލަތުގެ ތެރެއިން 4 ވަނަ ޙާލަތަށް ބަލައި ވިސްނައިފިނަމަ ޢިލްމުވެރިން އެވިދާޅުވާ ބަސްފުޅުގެ މުހިންމުކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ
ﷲ ތަޢާލާއަށް ޛިކުރުނުކޮށްފިނަމަ ސުވާލުކުރައްވަވާނެ 4 ޙާލަތު:
1 ކިތަންމެ މަދުބައަކު މަޖިލިސް ކުރިނަމަވެސް އެމަޖިލީހުގައި ﷲ ތަޢާލާއަށް ޛިކުރު ނުކޮށްފިނަމަ އާއި
2 ގެއިން ނުކުމެގެން ކޮންމެ ތަނަކަށް ދިއަނަމަވެސް އެދިއުމުގައި ﷲ ތަޢާލާއަށް ޛިކުރު ނުކޮށްފިނަމަ އާއި
3 ނިދުމުގެކުރިން ﷲ ތަޢާލާއަށް ޛިކުރު ނުކޮށްފިނަމަ އާއި
4 ﷲ ތަޢާލާއަށް ޛިކުރުނުކޮށް ގަޑިއެއްގެއިރު ފާއިތުވެގެން ހިނގައްޖެނަމަ އެކަމާއި ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެ ކަމާއި އެކަމާއި އެމީހަކު ނުވަތަ އެބައަކު ހިތާމަކުރަންޖެހޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ނިކަން ބުނެބަލާށެވެ. ތިބާއަށް މިކަންކަމަށް ސަމާލުކަން ދެވޭ ހެއްޔެވެ؟ މިކަންކަމަށް ﷲ ތަޢާލާ ތިބާ އާއި ސުވާލުކުރައްވަވާނެތެވެ. ޖަވާބު ދެވޭނީ ޢަމަލުކޮށްފައިވާނަމައެވެ. ޖަވާބު ނުދެވިއްޖެނަމަ ހިތާމަކުރަންޖެހޭނެއެވެ.
ވިސްނަން އޮތް ކަމަކީ ވީހާގިނައިން ﷲ ތަޢާލާއަށް ޛިކުރުކުރުމުގެ މުހިންމުކަމެވެ. ﷲ ތަޢާލާއަށް ޛިކުރުނުކޮށް ގިނަ ވަގުތުތައް ހޭދަނުކުރުމުގެ މުހިންމުކަމެވެ.
--މަޢުލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން