ޤިޔާމަތް ދުވަހު ސަޖިދަކުރަން އެންގެވުމުން ބުރަކަށިތައް ދަގަނޑުފަދައިން ހަރުވެ ސަޖިދަ ނުކުރެވޭނެ މީހުންނަށް ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ޤިޔާމަތް ދުވަހު ސަޖިދަކުރަން އެންގެވުމުން ބުރަކަށިތައް ދަގަނޑުފަދައިން ހަރުވެ ސަޖިދަ ނުކުރެވޭނެ މީހުންނަށް ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއެވެ!

ޤިޔާމަތް ދުވަހު މީސްތަކުންގެ ހިސާބު ބެއްލެވުމުގެކުރިން އެންމެން ސަޖިދަކުރަން ނިދާ އިއްވެވޭ ހުއްޓެވެ. ނަމަވެސް ސަޖިދަ ކުރެވޭނީ ދުނިޔޭގައިވެސް ސަޖިދަކުރި ބައަކަށެވެ. އެހެން މީހުންގެ ބުރަކަށުތައް ދަގަނޑު ފަދައިން ހަރުވެފައި ހުރުމުން ސަޖިދަ ނުކުރެވޭނެއެވެ.  

"ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: ޤިޔާމަތް ދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް ސަޖިދަ ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ." 

"(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، ސަޖިދަ ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ."

(އަލްޤަލަމް: 42،43)  

"ދެންފަހެ މާތްރަސްކަލާނގެ خلق ތަކުންގެ މެދުގައި ނިޔާތައް ކަނޑައެޅުއްވުމަށް ތައްޔާރު ކުރެއްވުމާއި އެކު،  އެންމެން سجدة ކުޅައުމަށް ނިދާއެއް އިއްވެވޭހުއްޓެވެ.  

ދެންކާފަރުންނޫން އެހެންއެންމެން سجدة އަށް ތިރިވެދާހުށި. ކާފަރުންދަންނައެ. އެއުރެންނަކަށް އެކަމަކަށް ކުޅަދާނައެއް ނުވާހުއްޓެވެ. އެއުރެންގެ ބުރަކަށި ހުންނަހުށީ ދަގަނޑު ފަތްގަނޑެއްހެން ވެފައެވެ. މިއީ މާތްރަސްކަލާނގެ وحى ކުރެއްވި މި آية ގައި އެއޮތްފަދައިންނެވެ. يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ" އެވަނީ މި ބަޔާތްކުރެވުނު 42 ވަނަ އާޔަތްތަކުގެ ވާހަކައެވެ.  

43 ވަނަ އާޔަތުން އެނގިގެންދަނީ އެމީހުންނަށް އެޙާލަތު ޖެހެނީ ދުނިޔޭގައި ސަލާމަތުން ތިބިއިރު ނަމާދުކުރަން (ބަންގިގޮވުމުން) ނަމާދުކުރަން ޢިޖާބް ނުދިނުމުން ކަމެވެ. 

މިއީ ބަންގިގޮވުމުން އެއަޑު ނުއިވޭކަމަށް ހަދައިގެން ދުނިޔޭގައި އުޅޭ މީހުން ވިސްނަންވީ ކަންތަކެވެ.  ބަންގިގޮވުމުން ޢިޖާބަދީ މިސްކިތަށް އަންނަ މީހުންނަށް މިސްކިތަށް ވަންނާނެ ފުރުޞަތު ނުދީ ބާރުބާރަށް ކާރާއި ސައިކަލުތަކުގައި ތިއަ ދުއްވަނީއެވެ. ހިނގާފައިދާ މީހުން، އެހެން މީހުން މިސްކިތަށް ވަންނަތަން ބަލަމުން ނޫނީ ނުބަލަން ދުރަށް އެނބުރި ތިބެގެން ތިއަދަނީއެވެ. ނިކަން ބުނެބަލާށެވެ! އެދުވަހުގެ އެވަޤުތުގައި ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟  

މީސްތަކުންނޭވެ! ޝައްކުނުކުރާށދެވެ! މިއީ ހަމަކޮންމެ މީހަކާއިވެސް ބައްދަލުކުރާނެ ވަޤުތެކެވެ. އެކަމުން ސަލާމަތްވެވޭނެ ހަމަ އެަކުވެސް ނުހުންނާނެއެވެ. އެދުވަހުގެ އެވަޤުތުގައި ﷲ ތަޢަލާގެ ޙަޟްރަތުގައި ސަޖިދަކުރެވޭނީ ހަމަ މިއަދު ސަޖިދަކޮށް އުޅުނު ނަމައެވެ.   

ކިތަންމެ މަސައްކަތްބުރަނަމަވެސް އަދި ބަލި އެނދުގައި އޮތްނަމަވެސް ހަމަހޭ ހުރިނަމަ ނަމާދުކުރާށެވެ. އެންމެ ނަމާދެއްވެސް ދޫކޮށްނުލާށެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަލާނގެ ކުރިފުޅުމަތީގައި ސަޖިދަކުރެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން