އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް ރަނގަޅަށް ކިޔަވަމުން އައި ކުއްޖެކެވެ. ކިޔަވަން ބެއިންދުމުން އަމިއްލައަށް ފިލާވަޅުތައް ދަސްކުރަމުން އައި ކުއްޖެކެވެ. ނަމަވެސް މިހާރު ގާތުގައި އިނަސް ދަސްކުރަން ސަމާލުކަމެއް ނުދެއެވެ.
ކުޑަދުވަސްކޮޅެއް ކުރިން ބަސްއަހައިގެން އަޅުގަނޑުގެ ދަރިފުޅު ފިލާވަޅުދަސްކުރާތީ އެވާހަކަ ގޭތެރޭގައި ސިއްރުން ދައްކާ އަޑު ވަނީ އިވިފައެވެ. ޝައްކުކުރުމަކީ ފާފައެއްކަން އެނގެއެވެ. އެކަމަކުވެސް އެމީހުންގެ އިސްފީނާ ދަރިފުޅަށް ޖެހުނީކަމަށް ޤަބޫލުކުރެވެއެވެ.
އަޅުގަނޑުގެ ސުވާލަކީ މިފަދަ ކަންކަމުން ދަރިން ސަލާމަތްކުރަން ކުރެވޭނީ ކޮންކަމެއްތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ތިއަފަދަ ވާހަކައެއް ދެއްކިކަން ޔަޤީންކުރެވޭނަމަ އެމީހުންގެ ގާތުގައި ބުނެގެން އެމީހުން ލައްވައި ވުޟޫކުރުވައި އެފެން ދަރިފުޅުގެ ގައަށް އަޅާށެވެ.
މިއީ ކުރުން ސުންނަތުން ޘާބިތުވާ ކަމެކެވެ. އޭނާގެ ކިބައިން ފެނަށް އެދެން ލަދުގަތުމެއްވެސް ނެތެވެ. އެދިއްޖެނަމަ ފެންދޭންވެސް ޖެހޭނެއެވެ.
އަދި ތިރީގައިވާ ލިޔުން ކިޔާލައި ޢަމަލުކުރާށެވެ!
މައިންބަފައިން އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ ދަރިންނަށް ކޮންމެވެސް މީހެއްގެ ސިޙުރު ނުވަތަ އެސްފީނާ ޖެހިގެން ނުކިޔެވޭ ކަމުގެ ޝަކުވާއެވެ. ހަމަ ވަރަށް ރަނގަޅަށް ކިޔަވަކިޔަވަ ހުރެފައި ކިޔެވުމާއި ދުރުވިކަމުގެ ޝަކުވާއެވެ.
މީޙާލަތުގައި އަހުރެން ފުރަތަމަވެސް ކުށްވެރިކުރާނީ މައިންބަފައިންނެވެ. އެއީ ދަރިންނަށް ސިޙުރު ހަދާތީ ނުވަތަ އެސްފީނާލާތީއެއް ނޫނެވެ. ދަރިން ސިޙުރާ އސްފީނާއިން ސަލާމަތްކުރަން މަސައްކަތްނުކުރާތީއެވެ. އެކަމުގައި މައިންބަފައިން އަދާކުރަންޖެހޭ ވާޖިބު އަދާނުކުރާތީއެވެ. ކޮންމެ ކަމެއްގައި ނަމަވެސް އެމީހަކު އަދާކުރަންޖެހޭ ވާޖިބު އަދާނުކުރުމަކީ ކުށެކެވެ.
އަހަރެމެންނަށް ޤަބޫލުކުރެވިފައި އޮންނަނީ ދަރިންނަށް އެންމެ މުހިންމީ ދުވަސް ފަށަން ހެނދުނު ރަނގަޅަށް ނާސްތާދިނުން ކަމަށެވެ. ކިރާ، ކުކުޅުބިހާ މޭވާއާ ތަފާތު ސީރިއަލްތަކާއި މިހެންގޮސް ޞިއްޙަތަށްފައިދާހުރި ކާނާތައް ކާންދިނުން ކަމަށެވެ. ނަމަވެސް އަހުރެން ދެކޭ ގޮތުގައި މިއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ.
އެންމެ މުހިންމީ ތިމާއަށްވެސް މުހިންމުވާފަދައިން ދަރިން ލައްވައި ފަތިސްނަމާދުކުރުވުމެވެ. އެއަށްފަހު އެންމެ މަދުމިނުން ހަށިގަނޑުގެ ރައްކާތެރިކަމަށް ކިޔަންޖެހޭ ޛިކުރުތައް ކިޔުމެވެ. އެއީ މާގިނަ ބައިވަރުތަކެއް ނޫނެވެ. 1 އާޔަތުލްކުރުސި 2 އިޚްލާޞް ސޫރަތް، 3 އަލްފަލަޤް ސޫރަތް 4 އައްނާސް ސޫރަތް އެންމެ 3 ފަހަރުކިޔާލުމަށްފަހު މިފަދަ ދުޢާއެއްކޮށްލުމެވެ. އަދި މަޣްރިބްނަމާދު އަވަހަށްކޮށް މިކަންކަން ތަކުރާރުކޮށްލުމެވެ.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
ދެން ނިކަން ބުނެބަލާށެވެ! ތިއަބައިމީހުންގެ ތެރެއިން މިކަންކުރަނީ ކިތައް މީޙުން ހެއްޔެވެ؟ ދަރިންލައްވައި މިކަންކަން ކުރުވަނީ ކިތައް މައިންބަފައިން ހެއްޔެވެ؟ ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު އެކަމެއް ކުރަން އަންގަވާފައިވާ ކަންކަން ނުކޮށް ލިބޭނީ ކޮން ސަލާމަތްކަމެއް ހެއްޔެވެ؟
މިބުނި މަގުން ޢަމަލުކުރާނަމަ ސިޙުރާއި އެސްފީނާއިން ސަލާމަތްކުރައްވަވާނެތެވެ. އިން ޝާ ﷲ
ކަންއޮތީ މިފަދައިން ނަމަވެސް ފުރަތަމަ ކަމަކަށް ޚުދު މައިންފައިންވެސް ނިދާފައިތިބޭތީ ފަތިސްނަމާދެއް ނުކުރެވެއެވެ. ޛިކުރެއް ނުކުރެވެއެވެ. އިރުއޮއްސޭއިރު މަސައްކަތުގައި އުޅޭތީ ނުވަތަ ކަސްރަތުކުރާތީ މަޣްރިބް ނަމާދު ނުކުރެވެއެވެ. ކުރެވޭ ގިނަ މީހުންނަށް ކުރެވެނީ ދެނަމާދުދޭތެރޭގެ ވަގުތު ނިމި ޢިޝާ ނަމާދުވަގުތު ކުޑަތަންވެފައިހުއްޓައެވެ. އެއިރުން ލިބޭނީ ކޮން ރައްކައުތެރިކަމެއް ހެއްޔެވެ؟
ދަރިން ބާލިޣްވުމުން އެކުދިންލައްވައި ނަމާދުކުރުވައި ޛިކުރުކުރަން އާދަކުރަންވާނެއެވެ. ބާލިޣްނުވިނަމަވެސް އެކަންކަމަށް ދަރިން ތަމްރީނުކުރަންޖެހޭނެއެވެ. ބާލިޣްނުވާކުޑަކުދިންނަށް މައިންބަފައިންގެ ދުޢާއިން ފުދޭނެވެސމެއެވެ. އިން ޝާ ﷲ
މިރޭ މިތަނުން އެނބުރިދިއުމަށްފަހު މިކަންކަމަށް ސަމާލުކަންދީގެން ކުރާނެކަމަށް އުންމީދުކުރަމެވެ. އަދި ދަރިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލައި ދަރިން ލައްވައި ނަމާދުކުރުވައި އެކުދިން ލައްވައި ޛިކުރުކުރުވުން ފަދަ ކަންކަން ކުރުވާނެކަމަށްވެސް އުންމީދުކުރަމެވެ.
ދަރިންގެ ކިބައިގައި ނަމާދުކުރުމާއި ޛިކުރުކުރުންފަދަ އާދަތައް އަށަގެންނެވުމަކީ މައިންބަފައިން ކޮންމެހެން އަދާކުރަންޖެހޭ ވާޖިބެކެވެ. އެއީ އިޚްތިޔާރަށް ދޫކޮށްލެވިގެންވާ ކަންކަމެއް ނޫނެވެ. އެއީ އެކަންކަމާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނޭ ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން