ކަންކަމުގައި އެކި މީހުން ވިސްނާނީ އެކި ގޮތަށެވެ. ވީމާ އެއްވެސް ކަމެއްގައި ދެމީހަކު ދެގޮތަކަށް ވިސްނުމަކީ މައްސަލައެއް ކަމަށް ދެކެގެން ނުވާނެއެވެ. ކަނަކްމުގައި ޤަބޫލުކުރަންވީ އެކަމަކުން ގިނަ ބައަކަށް އެންމެ ފައިދާކުރާ ގޮތެކެވެ. ގިނަ ބައަކަށް ފައިދާކުރާނީ ރަނގަޅުގޮތް ކަމަށްވުމުން ކަމަށް ޤަބޫލުކުރަންވާނެއެވެ.
އެގޮތުން ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ކައިވެނިކުރުމަށްފަހު ޒަވާޖީ ހަޔާތުގެ ދެބައިވެރިންގެ ގޮތަށް އެކުގައި އުޅުމާއިއެކު އެންމެ ގާތް ދެ ރަޙްމަތްތެރިންގެ ގޮތުގައި އުޅުމުން ކުރާނެ ފައިދާއެވެ.
މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި އެންމެ އުފަލުގައި ދިރިއުޅެވެނީ ކައިވެނިކުރުމަށްފަހު ޒަވާޖީ ހަޔާތުގެ ދެބައިވެރިންގެ ގޮތަށް އެކުގައި އުޅުމާއިއެކު އެންމެ ގާތް ދެ ރަޙްމަތްތެރިންގެ ގޮތުގައިވެސް އުޅުމުންނެވެ.
އެއިރުން ކުރާ ފައިދާތަކުގެ ތެރޭގައި ދައްކަން ބޭނުންވާ ކޮންމެ ވާހަކައެއްވެސް ދައްކަން ޖެހިލުން ނުވުމާއި ކަންކަމުގައި ޚިޔާލު ހޯދަން މަޝްވަރާކުރަން ޖެހިލުންވާން ނުޖެހުން ހިމެނެއެވެ. ދެމަފިރިންގެ މެދުގައި މިދެކަންތައް މިގޮތަށް އޮވެއްޖެނަމަ މައްސަލަ ޖެހުން ވަރަށް މަދުވާނެއެވެ.
ޙަޤީޤަތުގައި ގިނަ މައްސަލަތައް ޖެހެނީ ކުރަން ބޭނުންވާ ކަންކަމާއި އަދި ކުރެވޭ ކަންކަމާއި ގުޅިގެންވެސް ދެމީހުންގެ މެދުގައި މަޝްވަރާ ނުކުރެވޭތީއެވެ. މަޝްވަރާކުރަން ވާހަކަދައްކައިފިނަމަ ބައިވެރިޔާ ހިތްހަމަނުޖެހިދާނެކަމަށް ބަލައި ކަންކަން ހިތުގައި ބާއްވައިގެން އުޅެންޖެހޭތީއެވެ.
ކުރެވޭ ޝައްކުތަކާއި ތުހުމަތުތަކާއިމެދު ސުވާލުކުރެވޭނަމަ، ދެމީހުންގެ މެދުގައި ވާހަކަދެއްކޭނަމަ ވަރަށް ގިނަ ކަންކަން މައްސަލައަކަށްނުވެ ޙައްލުކުރެވޭނެއެވެ. މިފަދަ ހުރިހާ ސަބަބުތަކަށްޓަކައިވެސް ދެމަފިރިންނަކީ އެންމެ ގާތް ދެއެކުވެރިން ކަމުގައިވެސް ވާން އެބަޖެހެއެވެ.
- އަލަފް / މިއަދުނޫސް