ރޮއްވާފަ އުފަލަކު ނުހުރެވޭނެ! ތިބާ މީހެއްގެ ހިތް ދެފަޅިކޮށްލުމުން އޭނާ ކަރުނައަޅައި ﷲ އަށް ދަންނަވައިފިނަމަ ތިބާގެ ހިތް ޗިސްޗިސްކޮށްލައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ރޮއްވާފަ އުފަލަކު ނުހުރެވޭނެ! ތިބާ މީހެއްގެ ހިތް ދެފަޅިކޮށްލުމުން އޭނާ ކަރުނައަޅައި ﷲ އަށް ދަންނަވައިފިނަމަ ތިބާގެ ހިތް ޗިސްޗިސްކޮށްލައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތަ!

މީހަކު ހަމަ ވަރަށް އުފަލުގައި އުޅެމުންދަނިކޮށް ކުއްލިއަކަށް އެތައްބައިވަރު ކަންތައްތަކެއް ކުރިމަތިވެދާނެއެވެ. ދެރަވެ ހިތާމަކުރަންޖެހޭ ކަމެއް މެދުވެރިވެދާނެއެވެ. މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. ވަޒީފާވެސް ގެއްލިދާނެއެވެ. ބައިވެރިޔާ ތިބާ ދޫކޮށްލާފައި ވަކިވެގެން ހިނގައިދާނެއެވެ. 

މިފަދަ ތަފާތު އެތައް ކަންތައްތަކެއްވެސް މެދުވެރިދާނެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވުމުން ގިނަ ބައަކު އަވަސްވެގަންނަނީ ﷲ ތަޢާލާގެ ޙަޟްރަތާއި ސުވާލުކުރާށެވެ. "މިފަދަ ޙާލަތެއް މިއަޅާއަށް ކުރިމަތިކުރެއްވެވީ ކީއްވެގެންތޯއެވެ؟" 

ބުނަންހެއްޔެވެ؟ އެސުވާލު އެގޮތަށް ކުރުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސާއި ކުރަންޖެހޭނެ ސުވާލެއް ވެއެވެ. "އަހުރެން އެއްވެސް މީހެއްގެ ހިތުގައި ޖައްސުވާފައިވާނެތޯއެވެ؟ އެއްވެސް މީހަކަށް ދެރައެއް ގެއްލުމެއް ދިފައިވާނެތޯއެވެ؟ އަހުރެންގެ ސަބަބުން އެއްވެސް މީހަކަށް ކަރުނައަޅަންޖެހިފައިވާނެތޯއެވެ؟ އެފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ އެއޮތީ ތިބާ ﷲ ތަޢާލާގެ ޙަޟްރަތާއި ކުރި ސުވާލުގެ ޖަވާބު ލިބިފައެވެ.

ބުނަން ހެއްޔެވެ؟ އެއްވެސް މީހެއްގެ ހިތުގައި ނުޖައްސާށެވެ. ދެރައެއް ގެއްލުމެއް އަނިޔާއެއް ނުދޭށެވެ. އަނިޔާލިބުނު މީހާ ކަރުނައަޅައި ރޮއި ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާ އާއިމެދު ކުރި ޝަކުވާގެ އަޑު އެކަލާނގެ އައްސަވައި ވޮޑިގެންވެއެވެ. އަދި އެކަމުގެ ޝަޒާ އައިސް ތިބާ އާއި އަރައި ހަމަކުރާނީ ކޮން ގޮތަކަށް ކޮން ސިފައެއްގައި ކޮންކަމަކުން ކަމެއް ނުއެނގޭނެއެވެ. ކުރިން ބުނި ކަންތައްތަކުގެ އިތުރުން ބޮޑު ބަލިމަޑުކަމެއްގެ ސިފައިގައިވެސް އައިސް އަރައި ހަމަކޮށްފާނެއެވެ. 

ދެރަކަމަކީ ލޯބިވާން (ހަގުވެގެން) ޢުމުރެއް ނެތިފައި އަނިޔާވެރިވާން އިމެއް ނެތުމެވެ. އަނެކާގެ ހިތް ސަޓަނިހަދަން ފިޔައެއް ކޮށާލާ ފަދައިން ކޮށާލަން ޖެހިލުން ނުވެވޭ ކަމެވެ. އަނިޔާލިބޭ މީހާ އެކަމުގެ ވޭނުގައި އެތައް ދުވަހެއްވަންދެން އުޅެންޖެހޭކަމެވެ. 

ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ. ތިބާ މީހެއްގެ ހިތް ދެފަޅިކޮށްލީއެވެ. ތިބާގެ ހިތް ޗިސްޗިސްކޮށްލައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަނިޔާ ލިބުނު މީހާ ކަރުނައަޅައި ރޮއިފިނަމަ ޙައްޤު ޢުޤޫބާތް ތިބާއަށް ދެއްވަވާނެތެވެ. ވީމާ އެކަންކަމަށް އަބަދުވެސް ވިސްނަންވާނެއެވެ. ނުވިސްނައި މީހެއްގެ ހިތުގައި ޖެއްސިފައިވާނަމަ އަވަހަށް ގޮސް އޭނާގެ ކިބައިން މާފަށް އެދޭށެވެ!

 

- މަޢުލޫމާތު: މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން