ބައިވެރިޔާގެ ރަނގަޅުކަން ބޮޑުވުމަކީ ހެދިހާ ގޮތަކަށް ފުދިގެން އިންނާނެކަމުގެ ހެއްކެއް ނޫން! ލޯބި ނަފްރަތަށް ބަދަލުވީމާ ދެން ލޯތްބަށް ބަދަލެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބައިވެރިޔާގެ ރަނގަޅުކަން ބޮޑުވުމަކީ ހެދިހާ ގޮތަކަށް ފުދިގެން އިންނާނެކަމުގެ ހެއްކެއް ނޫން! ލޯބި ނަފްރަތަށް ބަދަލުވީމާ ދެން ލޯތްބަށް ބަދަލެއް ނުކުރެވޭނެ!

ބައެއް މީހުން އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ މާބޮޑަށް ކިޔަމަންތެރިނަމަ، ބަސްޤަބޫލުނުކުރާނަމަ ނުވަތަ ޝަކުވާތައް ނުކުރާނަމަ އޭނާ އަބަދުވެސްފުދިގެން އިންނާނެ ނުވަތަ ހުންނާނެ ކަމަށް ވިސްނައެވެ. ތިމާ ކޮންމެ ގޮތަކަށް ކަންތައްތައް ކުރިނަމަވެސް ދުވަހަކުވެސް ތިމާ އާއި ވަކިނުވާނެ ކަމަށް ޔަޤީންކުރެއެވެ. 

މިއީ ކުރެވޭ ވަރަށް ނުބައި ކުށްހީއެކެވެ. ކިތަންމެ ކިޔަމަންތެރިނަމަވެސް، ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ކޮންމެ ކަމެއްގައިވެސް ކޮންމެ މީހަކުވެސް ކެތްތެރިވާނީ ވަކި މިންވަރަކަށެވެ. އިމުން ނެއްޓިގެން ދިއުމުން ލޯބި ނަފްރަތަށް ބަދަލުވާންފަށާނެއެވެ. ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަފްރަތަށް އެކުގައި ބަދަލުވެސްވެއެވެ. 

އަނެކާއަށް އެކަން އިޙްޞާޞްކުރެވެނީ ކައިވެނި ރޫޅާލަންޖެހޭ ޙާލަތަށް ކަންކަން ދިއުމުންނެވެ. އެހިސާބުން މާފަށް އެދުނަސް އަދި ކަންކަން ބަދަލުކުރިނަމަވެސް އެކަން އޮންނާނީ ޤަބޫލުނުކުރެވިފައެވެ. އެޙާލަތަށްދާއިރު ގިނަ ފަހަރު އޭނާ އޮންނާނީ އެހެން ގޮތެއްވެސް ހޯދައިފައެވެ. 

ވިސްނާށެވެ. ލޯބި ނަފްރަތަށް ބަދަލަވެގެންދަނީ ކުއްލިއަކަށް ނޫނެވެ. އެތައް ދުވަހަކުންނެވެ. ބަދަލުވުމުން އަލުން ލޯބިވުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ހިތުގައި ނަފްރަތު އުފެދުމަށްފަހުގައިވެސް މަޖުބޫރީ ޙާލަތެއްގައި ކެތްތެރިވިނަމަވެސް ލޯބިން ކުރިން އުޅުނު ގޮތަށް އުޅެވުމަކީ ވަރަށް ނާދިރު ކަމެކެވެ. 

ދެން އޮތީ ޙައްލަކީ ކޮބައިކަމާއިމެދު ވިސްނައިލުމެވެ. އޮތީ އެންމެ ޙައްލެކެވެ. އެފަދަ ގޮތެއް މެދުވެރިނުވާނެ ގޮތަށް އުޅުމެވެ. ލޯބިވާ ބަސްޤަބޫލުކުރާ ކިޔަމަންތެރި ބައިވެރިއަކު ލިބުމަކީ މިޒަމާނުގައި އެންމެ އުނދަގޫ އެއްކަންތަކެވެ. އެފަދަ މީހުން މަދުކަމުން އެއީ އަގުބޮޑު ޖަވާހިރެއް ލިބުމަށްވުރެވެސް ފައިދާހުރި ކަމެކެވެ. ވީމާ ޙައްލަކީ އަތުން ބީވެގެން ނުދާނެ ގޮތަކަށް ޢަމަލުތައް ބެހެއްޓުމެވެ.

 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން