މައިމީހާއަށާ އަނބިމީހާއަށް ދޭންޖެހެނީ ތަފާތު 2 ލޯތްބެއް! މަސްހުނި ނުކުރެވޭނެ! ކޮށްގެންވެސް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މައިމީހާއަށާ އަނބިމީހާއަށް ދޭންޖެހެނީ ތަފާތު 2 ލޯތްބެއް! މަސްހުނި ނުކުރެވޭނެ! ކޮށްގެންވެސް ނުވާނެ!

ދަތުރުކުރާ ބޯޓެކެވެ. ދަތުރުކުރިއަށްދާނީ ކައްޕިއަކާއި ސަރަނގަކު ހުރެގެންނެވެ. ދެމީހުންވެގެން ބޯޓު އެއް މިޞްރާބަކަށް ދުއްވަން މަސައްކަތްކޮށްގެންނެވެ.   

ކައިވެންޏަކީވެސް ހަމައެފަދަ ކަމެކެވެ. ފިރިމީހާއަކީ ކައްޕިއެވެ. އަނބިމީހާއަކީ ސަރަނގެވެ. ޙަޔާތުގެ މިސްރާބު ސީދާކުރެވިފަ ބާރަށް ކުރިއަށްދާނީ ކައްޕި އާއި ސަރަނގު ގުޅިގެން މަސައްކަތްކޮށްފިނަމައެވެ.  

މިގޮތަށް މިވާހަކަ ބުނުމުން ބައެއް މީހުން ބުނަނީ ސަރނގަކަށްވާންޖެހޭނީ ފިރިމީހާކަމަށެވެ. ސަބަބަކީ ދަތުރު ސީދާކޮށް އެއްމިސްރާބަކަށް އޮޑިދުއްވުމުގެ ހުރިހާ ބާރުތަކެއް އޮންނަނީ ފިރިމީހާގެ އަތުގައިކަމަށް ބަލައެވެ.  

ކޮންމެއަކަސް އެބަހުސް ބާވަމާ ހިނގާށެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ދެމަފިރިން ދެމަފިރިންގެ މަޤާމް އަދާނުކޮށް ދިރިއުޅުމުގައި ކުރިއަށް ނުދެވޭނެ ކަމެވެ. ކޮންމެވެސް ހިސާބަކުން ކަންކަން ގޯސްވެ ދިރިއުޅުން ބަނގުރޫޓުވެގެން ހިނގައިދާނެ ކަމެވެ.  

ދެން ފާހަގަކޮށްމިލަނީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ނަބޭޙަތުގެ ބަސްކޮޅެކެވެ.  

"އަނބިމީހާއަށް އަބަދުވެސް ޙައްޤު މަޤާމް އޮންނާނެއެވެ. ނަމަވެސް ﷲ ތައާލާ އަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު () އަށް ލޯބިކުރުމަށްފަހު ލޯބިކުރުމުގައި އެންމެ އިސްކަން ދޭން ޖެހޭނީ މަންމަ އަށެވެ.  

ހަމައެފަދައިން އަނބިމީހާއަށްދޭންޖެހޭނެ ލޯތްބަކީވެސް ކުޑަލޯތްބަކަށްވެގެނެއް ނުވާނެއެވެ. އެންމެ މުހިންމު ކަމަކީ މަންމައަށް ދޭންޖެހޭ ލޯތްބާއި އަނބިމީހާއަށްދޭން ޖެހޭ ލޯބި އޮޅުވައިނުލުމެވެ. މައިވަންތަ ކަމުގެ ލޯތްބާއި ޢިޝްޤީ ލޯތްބަކީ މުޅިން ތަފާތު ދެ ލޯތްބެކެވެ. އެއީ މަސްހުނި ކުރުވޭނެ ދެ ލޯތްބެއް ނޫނެވެ.  

މިޘާލަކަށް މަންމައަށް ދޭންޖެހޭ ލޯބީގައި އޮތީ މަންމައާއި އަޅާލައި ބެލެހެއްޓުމެވެ. ވެވުނުހައި ބޮޑަކަށް އެހީތެރިވުމެވެ. މިހެން ގޮސް މިފަދަ ކަންކަމެވެ. އަނބިމީހާއަށް ދޭންޖެހޭ ލޯބީގައިވެސް ހަމަ މިކަންކަންވެސް ހިމެނުނު ނަމަވެސް މުޅިންތަފާތު ސެގްމެންޓްތަކެއް ހިމެނިގެންވާ ގޮތަށެވެ.   

ޒަވާޖީ ޙަޔާތުގެ ދަތުރު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދަން ބޭނުންނަމަ ސަމާލުކަންދޭން ޖެހޭނެ އެންމެ މުހިންމު ކަމަކީ މަންމައަށާއި އަނބިމީހާއަށްވެސް ލޯބި ދިނުމެވެ. އެދެމީޙުންނަށް ދޭންޖެހޭ ލޯބި މަސްހުނިނުކޮށް ލޯބިދިނުމެވެ. އެމީހަކަށް ދިނުން ޙައްޤު ލޯބި އެމީހަކަށް ދިނުމެވެ."

 

- އަލަފް / މިއަދުނޫސް

 

 

 

މިއަދު އޮންލައިން